ވޯލްޑް ކަޕް 2022ގެ ވާދަވެރި ގްރޫޕު ސްޓޭޖު މެޗުތަކަށްފަހު ދެން އޮތީ ގަދަ 16 އެވެ. ވޯލްޑް ކަޕެއްގެ ގްރޫޕު ސްޓޭޖުގައި ފެންނަން ބޭނުންވާނެ ހުރިހާ ކަމެއް މި ފަހަރުގެ މުބާރާތުން ފެނުނެވެ. ފުޓުބޯޅައިގެ ގަދަ ބާރުން މެޗުތަކުން ބަލިވެ، ހަތަރު އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުން މުބާރާތުން ކަޓައިގެންދިޔަ މަންޒަރުވެސް ފެނިއްޖެއެވެ.

މި ފަހަރުގެ ގްރޫޕު ސްޓޭޖުގައި އެންމެ ފާހަގަކޮށްލެވޭ ރެކޯޑަކީ އެއްވެސް ޓީމަކަށް 100 ޕަސަންޓް މޮޅުވުމުގެ ރެކޯޑަކާއެކު ނިންމައިނުލެވުމެވެ. މިއީ ވޯލްޑް ކަޕް 1994 އަށްފަހު ގްރޫޕު ސްޓޭޖު އެގޮތަށް ނިމިގެންދިޔަ ފުރަތަމަ ފަހަރެވެ.

ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑާއެކު ގަދަ 16 އާ ކުރިމަތިލުމުގެ ފަހު ފުރުސަތު ލިބިގެންދިޔައީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލަށެވެ. ވޯލްޑް ކަޕްގެ ފަސް ފަހަރުގެ ޗެމްޕިއަނުން ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ނުކުތީ ކެމަރޫނާ ދެކޮޅަށެވެ. "ގްރޫޕު ޖީ" ގައި ކުޅުނު އެ މެޗުގައި ކެމަރޫނުން ވަނީ 1-0ގެ ނަތީޖާއަކުން ބްރެޒިލް ބަލިކޮށްފައެވެ. އެއީ ވޯލްޑް ކަޕްގެ ތާރީހުގައި އެފްރިކާގެ ޓީމެއް އަތުން ބްރެޒިލް ބަލިވި ފުރަތަމަ މެޗެވެ.

ވޯލްޑް ކަޕްގެ ތާރީހުގައި މީގެ ކުރިން އެއްވެސް ޓީމަކަށް 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކު ގްރޫޕު ސްޓޭޖު ނިންމައިނުލެވުނީ ތިން މުބާރާތެއްގައެވެ. އެއީ ވޯލްޑް ކަޕް 1994، 1962 އަދި 1958 ގައެވެ. އެ ހުރިހާ މުބާރާތެއްގެ ވެސް ޗެމްޕިއަންކަން ހޯދި ޓީމަކީ ބްރެޒިލެވެ.

ގަތަރު 2022 އަކީ ވޯލްޑް ކަޕް 1994 އަށްފަހު، ބައްޔަކާ ނުލައި ގަދަ 16 އަށް ދަތުރުކުރި އެންމެ މަދު ޓީމުވެސް ހިމެނޭ ވޯލްޑް ކަޕެވެ. މި ފަހަރު ގަދަ 16 އަށް ދަތުރުކުރި ޓީމުތަކުގެ ތެރެއިން އެއްވެސް މެޗަކުން ބައްޔެއް ވެފައިނުވާ ޓީމުތަކަކީ ނެދަލެންޑްސް، އެމެރިކާ، އިންގްލެންޑް، ކްރޮއޭޝިއާ އަދި މޮރޮކޯއެވެ. ވޯލްޑް ކަޕް 1994 ގައި ބައްޔަކާ ނުލައި ގަދަ 16 އަށް ހަތަރު ޓީމެއް ދަތުރުކުރިއެވެ.

ބައްޔަކާ ނުލައި ގަދަ 16 އަށް ދަތުރުކުރި އެންމެ ގިނަ ޓީމު ހިމެނޭ ވޯލްޑް ކަޕަކީ 1998 އަދި 2002ގެ ވޯލްޑް ކަޕެވެ. އެ ދެ މުބާރާތުގައި 12 ޓީމަކުން މެޗަކުން ބައްޔެއް ނުވެ، ގަދަ 16 އަށް ދަތުރުކުރިއެވެ.

ކޮންމެ ގްރޫޕަކުން ޓީމެއް 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑެއް ހެދި ހަމައެކަނި ވޯލްޑް ކަޕަކީ ފުރަތަމަ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕް 1930 ގައި ހަތަރު ޓީމެއް އެ ރެކޯޑާއެކު ގަދަ 16 އަށް ދަތަރުކުރިއެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ހައިރާންކަން ގެނުވި ނަތީޖާތަކެއް ފެނުނީ "ގްރޫޕު އީ" އިންނެވެ. އެ ގްރޫޕުގެ އެއްވަނަ ހޯދި ޖަޕާނުން ވަނީ ޔޫރަޕުގެ ގަދަ ދެ ބާރު ކަމަށްވާ ޖަރުމަން އަދި ސްޕެއިންވެސް ބަލިކޮށްފައެވެ. ޖަޕާނުން އެ ދެ މެޗުވެސް ކާމިޔާބުކުރީ ފަހަތުން އަރައި، 2-1ގެ ނަތީޖާއަކުންނެވެ. އެ ދެ މެޗުވެސް ކުޅުނީ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ. ޖަރުމަން މުބާރާތުން ކަޓައިގެން ދިޔައިރު، ވޯލްޑް ކަޕް 2010ގެ ޗެމްޕިއަން ސްޕެއިނަށް ލިބުނީ ގްރޫޕުގެ ދެވަނައެވެ.

ދެން އެންމެ ހައިރާންކަން ގެނުވި ނަތީޖާއަކަށް ވެގެންދިޔައީ އާޖެންޓީނާ އާއި ސައުދީ އަރަބިއާ ވާދަކުރި މެޗާއި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގެ އިތުރުން ޕޯޗުގަލާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗުގެ ނަތީޖާއެވެ.

"ގްރޫޕު ސީ" ގައި ސައުދީން ފަހަތުން އަރައި، 2-1ގެ ނަތީޖާއަކުން ލިއޮނެލް މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުންދިޔަ އާޖެންޓީނާ ބަލިކުރި އިރު، "ގްރޫޕު ޑީ" ގައި ޓިއުނީޝިއާ އަތުން ފްރާންސް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. އަދި "ގްރޫޕު އެޗް" ގައި ދެކުނު ކޮރެއާ އިން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.