ވޯލްޑް ކަޕްގެ "ގްރޫޕު ޖީ" ގައި ކެމަރޫނުން ބްރެޒިލް އަތުން ތާރީހީ މޮޅެއް ހޯދި ނަމަވެސް، ގަދަ 16 އިން ފުރުސަތު ނުލިބި، މުބާރާތް ނިންމާލައިފިއެވެ.

ގަތަރުގެ ލުސައިލް އައިކޮނިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ކެމަރޫނުން ބްރެޒިލް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ކެމަރޫން ވެފައިވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ބްރެޒިލް ބަލިކުރި ފުރަތަމަ އެފްރިކާ ޓީމަށެވެ.

އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި 3-2 ގެ ނަތީޖާއަކުން ސާބިއާ ބަލިކޮށް، ގަދަ 16 ގެ ދެވަނަ ޖާގަ ހޯދީ ސްވިޒަލެންޑުންނެވެ. ގްރޫޕުގެ އެއްވަނަ ލިބިފައިވަނީ ބްރެޒިލަށެވެ. އެއްވަނައިގައި ނިންމާލި ބްރެޒިލާއި ދެވަނައިގައި ނިންމާލި ސްވިޒަލެންޑަށް ވެސް ތިން މެޗުން ލިބުނީ ހަ ޕޮއިންޓެވެ. ބްރެޒިލް ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގްރޫޕުގެ ތިންވަނައިގައި ނިންމާލި ކެމަރޫނަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބުނު އިރު، ފުލުގައި ނިންމާލީ އެންމެ ޕޮއިންޓެއް ލިބުނު ސާބިއާއެވެ.

މިރޭގެ މެޗަށް ނުކުތް އިރުވެސް ބްރެޒިލަށް އޮތީ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ. އެޓީމަށް ގްރޫޕުގެ އެއްވަނަ ކަށަވަރުކުރަން ބޭނުންވީ އެންމެ ޕޮއިންޓެކެވެ. އަނެއްކޮޅުން ކެމަރޫން މެޗުން މޮޅުވިޔަސް، އެޓީމަށް ގަދަ 16 ޔަގީން ކުރެވެން އޮތީ ސާބިއާއިން ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

މިރޭ ކުޅުނު މެޗަށް ބްރެޒިލުން ނުކުތީ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. ކީޕަރު އެލިސަން، މާކީނިއޯސް، ކަސެމީރޯ، ރަފީނިއާ، ކެޕްޓަން ތިއާގީ ސިލްވާ، ވިނީޝިއަސް ޖޫނިއާ، ލޫކަސް ޕަކޭޓާ އަދި ރިޗާލިސަން ފަދަ ކުޅުންތެރިން ވެސް މެޗު ފެށީ ބެންޗުންނެވެ. ކެޕްޓަންގެ ދައުރު ޑެނީ އަލްވޭސް އަދާކުރި އިރު، ގޯލު ބެލެހެއްޓީ އެޑަސަންއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާކޮށް ފެނުނީ ބްރެޒިލެވެ. އެގޮތުން މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ބްރެޒިލަށް ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ފްރެޑަށް ލިބުނު ފުރުސަތު ރަނގަޅަށް ބޭނުން ހިފިފައި ނުވާ އިރު، ގެބްރިއަލް މާޓިނެލީ ފޮނުވާލި ހަމަލާ، ކެމަރޫން ކީޕަރު ޑެވިސް އެޕަސީ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބްރެޒިލްގެ މާޓިނެލީ ފޮނުވާލި ހަމަލާ ކީޕަރު އެޕަސީ މަތަކޮށްފައިވާ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ބްރަޔަން އެމްބޫމޯ ފޮނުވާލި ހަމަލާ، ބްރެޒިލްގެ ކީޕަރު އެޑަސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ކެމަރޫންގެ އެ ހަމަލާއަކީ މި ވޯލްޑް ކަޕްގައި ބްރެޒިލްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ފުރަތަމަ ހަމަލާއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ކެމަރޫންގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ބްރަޔަން އެމްބޫމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެމަރޫން ކެޕްޓަން ވިންސެންޓް އަބޫބަކާ ފޮނުވާލި އެ ހަމަލާ ދިޔައީ ބްރެޒިލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ބްރެޒިލަށް ކައިރިކައިރީގައި ތިން ފުރުސަތެއް ލިބިގެންދިޔައެވެ. މާޓިނެލީ އާއި އެޑާ މިލިޓާއޯ އަދި އެންޓޮނީ ފޮނުވާލި ހަމަލާ ވެސް ކެމަރޫންގެ ކީޕަރު އެޕަސީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ބްރެޒިލަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރަފީނިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ގިމަރޭސް ފޮނުވާލި އެ ހަމަލާ، ކެމަރޫންގެ ޑިފެންޑަރު ކްރިސްޓޮފާ ވޫ ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކެމަރޫނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކެމަރޫނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ވިންސެންޓް އަބޫބަކާއެވެ. އެ ގޯލަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކޮޅަށް ވަދެފައިވާ ފުރަތަަމަ ގޯލެވެ.