ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގައި މިރޭ އުރުގުއާއީން ގާނާއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރި ނަމަވެސް، ޖެހި ގޯލުގެ ފަރަގުން އުރުގުއާއީވެސް ކަޓައިފިއެވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މެޗު 2-0 އިން އުރުގުއާއީ ކާމިޔާބުކުރި ނަމަވެސް، ދެކުނު ކޮރެއާއިން ޕޯޗުގަލް ބަލިކުރުމާއެކު ގްރޫޕްގެ ދެވަނަ ލިބިފައި ވަނީ ކޮރެއާއަށެވެ. އުރުގުއާއީ ކެޓީ ޖެހި ގޯލުގެ ފަރަގުންނެވެ.

މެޗަށް ނުކުތް އިރު، ގާނާއަށް އޮތީ މޮޅަކާއެކު ގަދަ 16 ހޯދުމުގެ އުންމީދުގައެވެ. އުރުގުއާއީއަށްވެސް އުންމީދެއް އޮތީ މޮޅެވެގެންނެވެ. އެޓީމުން މޮޅުވިޔަސް ގަދަ 16 ލިބޭނީ އެ ގްރޫޕުގައި ދެކުނު ކޮރެއާ، ޕޯޗުގަލާ ދެކޮޅަށް ކުޅޭ މެޗުން ކޮރެއާ ބަލިވެގެން، ނޫނީ އެމެޗު އެއްވަރުވެގެންނެވެ.

ދެޓީމުވެސް އުންމީދާއެކު އޮތް އޮތުމަށްވެސް އެންމެ ބޮޑަށް މެޗުގެ ކުރިން ދެކެވުނު ވާހަކައަކީ 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި މި ދެގައުމުން ކުޅުނު ކުއާޓާ ފައިނަލްގެ ވާހަކައެވެ. އެއަހަރު ކުއާޓާ ފައިނަލުގައި ގާނާއާއި އުރުގުއާއީއާ ވާދަކުރި މެޗަކީ ޑްރާމާއިން ފުރިގެންވާ މެޗެކެވެ. ހާއްސަކޮށް އެމެޗުގެ ފޯކަސް އަމާޒުވި ކުޅުންތެރިޔަކީ އުރުގުއާއީގެ ފޯވަޑް ލުއިސް ސުއަރޭޒްއެވެ. ސުއަރޭޒްއަކީ ގާނާގެ މުޅި އާބާދީ ރުޅި އަންނަ ޝަހުސެކެވެ. މި މެޗުގެ ކުރިން އެވާހަކައަށް ސުއަރޭޒް ބުނީ އޭނާ ގާނާ ކިބައިން މައާފަށް އެދެން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ސުއަރޭޒަށް މެޗުގައި އެ ޕްރެޝަރު އަންނާނެކަން މާ ކުރިންވެސް އެނގިފައި އޮތް އިރު، އޭނާ ފައިގައި ބޯޅަ ފުރަތަމަ ޖެހުނު ހިސާބުންވެސް އަލް ޖަނޫބް ސްޓޭޑިއަމުން "ބޫ" ކުރުމުގެ އަޑު ބާރުވެގެން ދިޔައެވެ. ގާނާއިން އޭނާއަށް ކުރާ ނަފުރަތު ދައްކުވާލިއެވެ.

އެކަމަށް އުރުގުއާއީގެ ކެޕްޓަން ސުއަރޭޒް ފަރުވާލެއް ނުބަހައްޓައެވެ. އުރުގުއާއިން މެޗު ފެށީ ވަރުގަދަ ކޮށެވެ. މެޗުގެ ފަސްވަނަ މިނެޓުގައިވެސް ބެންޓަންކޫރް ޑާވިން ނުނޭޒަށް ވައްޓާލި ބޯޅައިގައި އޭނާ މުހައްމަދު ސަލީސޫ ނައްޓާލަން މަސައްކަތް ކުރި ނަމަވެސް، ސަލީސޫ ވަނީ ރަނގަޅަށް ޓެކުލްކޮށް ބޯޅަ ބޭރުކޮށްލައިފައެވެ. ނުނޭޒް ހިފެހެއްޓުމުގައި ސަލީސޫގެ ދައުރު ބޮޑުކޮށް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، އޭނާގެ އިތުރު ދެހަމަލާއެއްވެސް ސަލީސޫ ބްލޮކް ކުރިއެވެ.

އުރުގުއާއީން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދަނިކޮށް، އުރުގުއާއީ ހާސްކަމަށް ވައްޓާލީ 18 ވަނަ މިނެޓުގައި ގާނާއަށް ލިބުނު ޕެނަލްޓީންނެވެ. އަރިމަތިން އަންދްރޭ އަޔޫ ވަދެ ފޮނުވާލި ބާރު ހަމަލާ އުރުގުއާއީގެ ގޯލްކީޕަރު ރޮޗެޓް މަތަކޮށް ބޭރުކޮށްލުމުން ރިބައުންސްއަށް މުހައްމަދު ކުޑޫސް އެރިއެވެ. އެ ބޯޅައިގައި ކުޑޫސް ހުއްޓުވަން ރޮޗެޓް ކުރި ޑައިވާއެކު ރެފްރީ ވަނީ ފައުލްވި ކަމަށް ޕެނަލްޓީއަށް ގޮއްވައިފައެވެ.

ގާނާއަށް ލިބުނު ޕެނަލްޓީގައި އަޔޫ ފޮނުވާލި ޕެނަލްޓީ ފެނުނީ ސްޕީޑް މަޑުކޮށެވެ. އޭނާގެ ޕެނަލްޓީ ރޮޗެޓް ވަނީ މަތަކޮށްފައެވެ. އަނެއްކާވެސް އުރުގުއާއީން ހިތްވަރު ހޯދައި، ހަމަލާތައް ފުލުފުލުގައި އުފައްދަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ފުލުފުލުގައި ދެ ގޯލުވެސް ޖެހިއެވެ.

މެޗުގެ 26 ވަނަ މިނެޓުގައި އުރުގުއާއީއަށް ލީޑު ނަގައިދިނީ ޖޯޖީނިއޯ ޑި އަރަސްކައެޓާއެވެ. ގާނާ އޭރިއާ ތެރެއަށް ހުރަސް ވެގެން ދިޔަ ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލައި ސުއަރޭޒް ފޮނުވާލި ބޯޅަ ގޯލްކީޕަރު ޒިގީ ހުއްޓުވި ނަމަވެސް، ރީބައުންސަށް އަރައި ޑި އަރަސްކައެޓާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލިއެވެ.

އޭގެ ފަސްވަރަކަށް މިނެޓް ފަހުން އަރަސްކައެޓާ ވަނީ އުރުގުއާއީއަށް ލީޑު ފުޅާވެސް ކޮށްދީފައެވެ. މިފަހަރުވެސް ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ސުއަރޭޒެވެ. ސުއަރޭޒް މަތިން ޖައްސާލި ޕާސް، ދަނޑުމަތީގައި ނުޖެހެނީސް މަތީގައި އޮއްވާ އަރަސްކައެޓާ ގޯލަށް ބޯޅަ ވައްދާލިއެވެ.

ފުރަތަމަ ހާފު ނިމުނު އިރު، އުރުގުއާއީއަށް އޮތީ ގަދަ 16ގެ ފުރުސަތަކަށް ފަހިވެފައެވެ. އެއީ ދެކުނު ކޮރެއާއާއި ޕޯޗުގަލް ވާދަކުރާ މެޗު 1-1 އިން ހާފު ނިމުނުންނެވެ. އޭރު އުރުގުއާއީ އޮތީ ގްރޫޕްގެ ދެވަނަ މަގާމުގައެވެ.

އުރުގުއާއީން ފަހު ވަގުތުކޮޅާ ޖެހެންދެންވެސް ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. ކަވާނީގެ ބާރު ހަމަލާއެއްގެ އިތުރުން ނުނޭޒްގެ ބާރު ހަމަލާވެސް މަތަކުރީ ޒިގީއެވެ.

ދެވަނަ ހާފުގައި ގާނާއިން ރަނގަޅަށް ފަށައި، ހާފުގެ ކުރީކޮޅުގައި އެޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ ނަމަވެސް މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އަނެއްކާވެސް ހަމަލާތައް ފެނުނީ އުރުގުއާއީގެ ފަރާތުންނެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ފެޑަރީކޯ ވަލްވާޑޭ ދުރުން ވޮލީއެއްގައި ފޮނުވާލި ބާރު ހަމަލާ މަތަކޮށް ބޭރުކޮށްލީ ގާނާގެ ގޯލްކީޕަރު ޒިގީއެވެ

އަނެއް މެޗުގައި ދެކުނު ކޮރެއާއިން ޕޯޗުގަލް ކައިރިން ގޯލަކަށް މަސައްކަތް ކުރަމުން ދިޔަ އިރު، ކޮރެއާ މޮޅު ނުވެ އޮތްހާ ހިނދަކު ފައިދާ އޮތީ އުރުގުއާއީއަށްކަން އެޓީމަށް އެނގެއެވެ. އެހެންކަމުން ފަހު މިނެޓާ ޖެހެންދެންވެސް އުރުގުއާއީ ދިޔައީ ހިތްވަރުކުރަމުންނެވެ. އެ ހިތްވަރާއެކު ކުޅެމުން ދަނިކޮށް އުރުގުއާއީގެ ހިތްތައްވެސް ކުދިކުދިވީ ކޮރެއާއިން ފަހު ވަގުތުކޮޅުގައި އެމެޗުގައި ޕޯޗުގަލް ކޮޅަށް ގޯލް ޖެހުމުންނެވެ.