މުއައްރިޚު ލޭންޕޫލް ލިޔުއްވައިފައިވެއެވެ. "سلطـــان محـمّــد أوّل އަށް ބައިބައިނުވެ އެއްގާނިކަމުގައިއޮތް ތުރުކިޔޭއެއްގެ ހަމައެކަނި ވެރިޔާކަމުގައި ވެވަޑައިގެންނެވުނީ 1413މ. ގައެވެ. އޭނާ އެޙައިސިއްޔަތުން ރަސްކަމުގައި އިންނެވީ ގާތްގަނޑަކަށް އަށެއްކަ އަހަރުއެވެ. އެކަމަކު އެކުރުކުރު މުއްދަތުގެ ތެރޭގައި އޭނާވަނީ ޙައިރާންވާފަދަ ބޮޑެތި މަސައްކަތްޕުޅުތަކެއް ނިންމަވައިލައްވައިފައެވެ. އަފޫރުއްބަ ކާމިޔާބީތަކެއް ހޯއްދަވައިފައެވެ." ލޭންޕޫލުވަނީ سلطـــان محـمّــد أوّل ގެ ބުއްދިފުޅު ތަނަވަސްކަމާއި، ދުރުވިސްނިވަޑައިގަންނަވާކަމަށްވެސް ތާރީފުކުރައްވައިފައެވެ. އޭނާ މިމޭރުމުން ލިޔުއްވައިފައިވެއެވެ.

"سلطـــان محـمّــد أوّل ގެ ދުރުވިސްނުންފުޅާއި ބުއްދިފުޅު ހެޔޮކަމާއި މޮޅު ރޭއްވެވުންތެރިކަމަށް ޢުޘްމާނީ ދައުލަތް ޝުކުރުވެރިވާންޖެހެނީ އޭނާގެ ކުރީންތިއްބެވި ނުވަތަ އޭނާއަށްވުރެ ފަހުން ވަޑައިގެންނެވި ރަސްރަސްކަލުންގެ ޢަސްކަރީ ޝަޚްޞިއްޔަތަށާއި އެބޭފުޅުން ހަނގުރާމަވެރި މަސައްކަތްޕުޅުތަކަށް ޝުކުރުވެރިވާ ވަރަށެވެ. ނުވަތަ އެއަށްވުރެވެސް ބޮޑުކޮށެވެ." ލޭންޕޫލް އަދިވެސް ލިޔުއްވައިފައިވެއެވެ. "أمـيـــــرتــيـــمــــــور ޢުޘްމާނީ ދައުލަތަށް ޙަމަލަދެއްވައި ތަޅުއްވައި ޗިސްޗިސްކޮށްލެއްވުމުން އެދައުލަތް އަނަރޫފަވެ ބަލިކަށިވީކީ ނޫނެވެ. محـمّــد أوّل ގެ ރަސްކަމުގައި ޢުޘްމާނީ ގުލްޝަންވަނީ ކުރިޔަށްވުރެވެސް މާއާރޯކޮށް މާޗާލޫކޮށްހެދި މަލާއި މޭވާ އަޅައިފައެވެ. އިހުނަށްވުރެ ބުންވަރުގަދަ އަދި ކުރިޔަށްވުރެ އުރައްޕުހުރި ބާރަކަށްވެފައެވެ. تــيـــمــــــور ގެ ޙަމަލާގެ ސަބަބުން ތުރުކިޔޭއިންގެ ބާރު މުޅީން ކެނޑިގެން ހިނގައްޖެކަމަށް ބޭރުފުށުން ފެނުނުކަމުގައިވިޔަސް، އެންމެ ބާރަވަރަކަށް އަހަރުގެ ކުރުމުއްދަތެއްގެ ތެރޭގައި ތުރުކިޔޭއިންވަނީ ގެއްލިފައިވާ ހުރިހައި ތަންތަން އަލުން ހޯދައިފައެވެ. ވަރުގަދަ އަދި ޤާބިލު ރަސްކަލެއްކަމުގައިވާ سلطـــان محـمّــد أوّل ގެ އިސްވާރުކަމުގައެވެ. 1402މ. ގައި އެރަސްކަމުގައި އަޅައިލެވުނު ވަރުގަދަ ތަފާލުގެ ސަބަބުން ބަލިކަށިވެ ބަލިބުރަކެއުމުގެ ބަދަލުގައި އެރަސްކަން އިތުރަށް ވަރުގަދަވީއެވެ. އެދައުލަތް އަލުން ތެދުވެ ހިންދެމިލީ ދެވަނަފަހަރަށް ދިރިގެން ފުރާނައެޅުނު ގަދަފަދަ ދެޔޯއެއް ފަދައިންނެވެ. އެދައުލަތްވަނީ ކުރިޔަށްވުރެ މާގަދަ ހިތްވަރާއި ރޭވުންތެރިކަމާއި ހުނަރުވެރިކަމާއެކު އަލުން ފުތޫޙާތު ހޯދަން ތައްޔާރުވެފައެވެ." (ޞަފުޙާ: 57)

"ދައުލަތެޢުޘްމާނިއްޔާ" ގެ މުއައްލިފު ލިޔުއްވައިފައިވެއެވެ.

ޢުޘްމާނީ ދައުލަތްވަނީ بــايـــزيــد އަވަހާރަވުމުން ބޭރުފުށުން ފެނުނުގޮތުގައި މުޅީން އުވިގެންގޮސްފައެވެ. އޭޝިޔާކޫޗަކު ވަނީ ޢުޘްމާނީންގެ އަތުން ބީވެފައެވެ. އޭޝިޔާގެ ބައެއް ޕްރޮވިންސުތައް ދިޔައީ އެތަންތާނގެ ކުރީގެ ތުރުކީ އަމީރުންގެ ބާރުފުޅުގެ ދަށަށެވެ. ބައެއްތަންތަން ބަދަލުވީ ތާތާރީން ފޭރުމާއި ޤަތުލުޢާންމު ހިންގާ ޝިކާރަ ބިންތަކަކަށެވެ. ޔޫރަޕުގައިވެސް ޢުޘްމާނީ ޕްރޮވިންސުތަކުގެ ކަންތައްހުރީ ކުޑަވެސް އުންމީދެއް ލިބޭކަހަލަ ގޮތަކަށެއް ނޫނެވެ. ބަލްގޭރިޔާއާއި، ބޮސްނިޔާއާއި ވިލާޗިޔާގެ ރައްޔިތުން ތައްޔާރުވަމުންދިޔައީ ބަޣާވަތް ކުރާށެވެ. ބައިޒެންޓައިން އެމްޕަޔަރުން ގެންދިޔައީ އެބައިމީހުންގެ ކުރީގެ ޕްރޮވިންސުތައް ފިރުކައިގަނެވޭތޯ ވަކިތައްނެރެ ތޫނުކުރަމުންނެވެ. ނަމަވެސް އެނުރައްކައުތެރި ކަންބޮޑުވުމާއި ނާއުންދީމުގެ ޙާލަތުގައިވެސް ޢުޘްމާނީ ރަސްކަމުންވަނީ އެރަސްކަމުގެ ޙައިރާންވާފަދަ ވަރުގަދަ ދެމިއޮތުމުގެ ބާރު ދުނިޔެއަށް ދައްކައިފައެވެ. ދިހަބަރާ ވަރަކަށް އަހަރުގެ ކުރުމުއްދަތެއްގެ ތެރޭގައި އެބައިމީހުން ހުސްއެކަނި އެބައިމީހުންގެ ކުރީގެ ހުރިހައި ޕްރޮވިންސުތަކެއް އަނބުރައި ހޯދީކީނޫނެވެ. އަދި ކީއްތޯއެވެ. ކުރިޔަށްވުރެވެސް އާރާއި ބާރާއި ބުންވަރާއެކު ވަނީ ތެދުވެ ހިންދަމައިލައިފައެވެ." (ޞަފުޙާ: 79)

"ތާރީޚެ އިސްލާމުގެ މުޞަންނިފު ވިދާޅުވާގޮތުގައި "އެގާރަ އަހަރުގެ ދާޚިލީ ހަނގުރާމަޔަށްފަހުވެސް ޢުޘްމާނީ ރަސްކަން ދެމިއޮތުމާއި އެއަށްފަހު ކުރިޔަށްވުރެވެސް ކީރިތި މޫރިތި ޝަހެންޝާހިއްޔަތެއްގެ ސިފައިގައި ފާޅުވުމަކީ ޢަޖާއިބެކެވެ. ދުނިޔޭގެ ތާރީޚުގައި އެފަދަ މިސާލުތައް ފެނިފައިވަނީ ވަރަށް މަދުންނެވެ. އެފަދަ ވަރުގަދަ ގިއްގަޅުވައިލުމެއް ބަރުދާސްތުކޮށް އެފަދަ ނުސިޔާނު ޙާލަތެއްގެ ތެރެއިން އެހައިއަވަހަށް ތެދުވެ ހަމަޖެހިލައި ފައިތިލަ ސާބިތުކުރުމަކީ އެހެން އެއްވެސް ޚާންދާނަކުން ނުވަތަ ޤައުމަކުން ފެނުން އެކަށޭނަ ނަމޫނާއެއް ނޫނެވެ." (ޞަފުޙާ: 360)

سلطـــان محـمّــد أوّل ގެ ސީރަތާއި ޝަޚްޞިއްޔަތާ ބެހޭގޮތުން "މުސަލްމާން ޙުކުމްރާން" ގެ މުއައްލިފު ލިޔުއްވައިފައިވެއެވެ. "އޭނާއަކީ عـثمــان خــــان ނުވަތަ مــــــراد أوّل ކަމުގައި ނުވިކަމުގައިވިޔަސް އޭނާއަކީ އަރައިހުންނެވި ނަމޫނާ ޝަޚްޞިއްޔަތެކެވެ. سلطـــان محـمّــد އެބޭފުޅުން ފަދައިން ރޭއަޅުކަމެއް ނުކުރައްވައެވެ. އުއިފަލަ ފޮތީގެ ފޭރާންކޮޅެއްވެސް ތުރެއް ނުކުރައްވައެވެ. އެބޭފުޅުން ފަދައިން ދަރުވޭޝީ ޚަޞީލަތްތަކެއްވެސް ނުގެންގުޅުއްވައެވެ. ޝައްކެއްނެތެވެ. އެކަމަކު އޭނާ ބަރާބަރަށް ވަގުތުން ވަގުތަށް ނަމާދު ޤާއިމުކުރައްވައެވެ. ރަވާތިބު ސުންނަތްތައްވެސް ބަރާބަރަށް ކުރައްވައެވެ. އޭނާގެ އެންމެބޮޑު ޚިދުމަތަކީ އާދަމިއްޔަތުގެ ޚިދުމަތެވެ. އިންސާނިއްޔަތުގެ ޚިދުމަތެވެ. އޭނާގެ ޢަދާލަތުން އެންމެންނަށްވެސް ފުރިހަމަޔަށް އިންސާފު ލިބިދެއްވިއެވެ. ޙާލުގައި ޖެހިފައިވާ އަދި ދިރިއުޅުމުގެ ކަންކަމުގައި ފިކުރުބޮޑުވާންޖެހިފައިވާ އެންމެންނަށް އެހީތެރިވެވަޑައިގެންދެއްވިއެވެ. އޭނާ އަޅުއްވައިފައިވާ ބަދިގެކޮޅުތަކުން ފަޤީރުންނަށާއި މިސްކީނުންނަށް އިރުންއިރަށް ހިލޭ ކާންލިބެއެވެ. ހުސްއެކަނި މުސްލިމުންނަކަށެއް ނޫނެވެ. ޢީސާއީންނަށްވެސް އެހައިމެ ދީލަތިފުޅެވެ. ޢީސާއީން ޤުސްޠަންޠީނިއްޔާއަށާއި ރޯމަށްގޮސް އެބައިމީހުންގެ ދީނީ އިމާމުންގެ އަރިހުގައި އޭނާއަށް ހެޔޮބަސްބުނެ ސަނާކިޔައެވެ. އެބައިމީހުން ބުނެއެވެ. "އަޅުގަނޑުމެންނަކީ ޢީސާގެފާނަށް އަޅުކަންކުރާ މީހުންކަމުގައިވާއިރުވެސް މަސީޙީ ޙާކިމުން އަޅުގަނޑުމެންނަށް ދުވަހަކުވެސް ވެނުދެއްވާވަރަށް محـمّــد އަޅުގަނޑުމެންނަށް އެހީވެވަޑައިގެންދެއްވައެވެ. ޤައިޞަރުގެ ޢާމިލުން ނިކަމެތީންނާއި ފަޤީރުންގެ ބުރަކަށިތަކުގައި ހަންމުށީން ތަޅުއްވާއިރު އެބޭފުޅެއްގެ ބަރަކާތްތެރި ނަންފުޅަކީ محـمّــد ކަމުގައިވާ ރަސްގެފާނު އޭނާގެ ރައްޔިތުންނަށް ހުރިހައި ރައްކައުތެރިކަމަކާއި ތަނަވަސްކަމަކާއި ފަސޭހަތަކެއް ހޯއްދަވައިދެއްވައެވެ. އޭނާއަކީ ބަލިކަށި ކޮންމެ މީހެއްގެ އެކުވެރިޔެކެވެ. އަނިޔާލިބޭ ކޮންމެ މީހަކު ދިފާޢުކޮށްދެއްވައި ނަސުރުދެއްވާ ބޭފުޅެކެވެ. އޭނާއަކީ ޔަތީމުންނާއި ހުވަފަތުންގެ ބެލެނިވެރިޔާއެވެ."

محـمّــد ހަމަޖެހިވަޑައިގެން ރަސްކަންކުރެއްވީ އެންމެ އަށްއަހަރުއެވެ. އެކަމަކު އެ އަށްއަހަރުގެ ތެރޭގައި އޭނާވަނީ އޭނާގެ ކާފާފުޅުގެ ހަނދާން ދިރުއްވައިފައެވެ. ކާފާފުޅާއި މުނިކާފާފުޅުގެ ވެރިކަމެކޭ އެއްގޮތަށް محـمّــد ގެ ރަސްކަމުގައިވެސް ޙަޤީޤީ ވެރިކަންއޮތީ ޢިލްމުވެރީންނަށެވެ. "އައްޝަޤާއިޤުއްނުޢުމާނިއްޔާ" ގެ މުސަންނިފު سلطـــان محـمّــد ގެ ދަރުބާރުގައި ތިއްބަވާ ޢިލްމުވެރީންނާއި މަޝާއިޚުންގެ ނަންފުޅުތައް ލިޔުއްވާއިރު اُرْخـــان އާއި مــــــراد خــــان أوّل ގެ ދަރުބާރުގައި ތިއްބަވާ ޢިލްމުވެރީންގެ ޢަދަދަށްވުރެ ދެގުނަ އިތުރެވެ. (ޞަފުޙާ: 648)

"ދައުލަތެ ޢުޘްމާނިއްޔާގެ" ގެ މުއައްލިފް سلطـــان محـمّــد أوّل އަށް ތަޢުރީފުގެ ޖިޒީ އަދާކުރައްވަމުން ލިޔުއްވައިފައިވެއެވެ. "محـمّــد ގެ އަޚްލާޤު މަތިވެރިކަމާއި ޚުލުޤުފުޅު ރީތިކަމާއި އުޅުއްވުމުގެ ފުރިހަމަކަމަށް ތާރީފުކުރުމުގައި ހުރިހައި މުއައްރިޚުން އެއްބަސްވެއެވެ. އޭނާއަކީ އިންތިހާދަރަޖައިގެ ތަނަވަސް ހިތްޕުޅެއްގެ ވެރިޔެކެވެ. އިންސާފުވެރި މިޒާޖެއްގެ ބޭފުޅެކެވެ. އޭނާގެ ވަޢުދުތަކަށް ވަރަށްބޮޑަށް ވަފާތެރިވެވަޑައިގަންނަވައެވެ. އޭނާގެ ޢަދާލަތުގައި ހުރިހައި ދީންތަކަކާއި ހުރިހައި ޤައުމުތަކަކާއި ހުރިހައި ފިރުޤާތަކެއްގެ މީހުން އެއްވަރެވެ. އޭނާ ރައްޔިތުންގެ ތިޔާގިކަމާއި ކެރިފޯރުންތެރިކަމަށް ޚާއްޞަގޮތެއްގައި ވިސްނައިވަޑައިގެންނެވިއެވެ. މަސީޙީ ރައްޔިތުންގެ ފަސޭހައާއި ލާބަޔަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ. އެބައިމީހުންނަށް ކުޑަވެސް ދުކެއްލިބި އިހާނެތިކަމެއް ކުރެވުމެއް ބަރުދާސްތެއް ނުކުރައްވައެވެ. އޭނާ އަދަބިއްޔާތު ކުރިއަރުއްވަން ބާރުއަޅުއްވައި ޢިނާޔަތްދެއްވީ ނުހަނު ދީލަތިފުޅުކަމާ އެކުގައެވެ. ޢުޘްމާނީންގެ ކިބައިގައި ޅެމާއި ޅެންވެރިކަމުގެ ޒަޢުޤު އުފެދުނީ އޭނާގެ ވެރިކަމުގެ ކުރުމުއްދަތުގައެވެ."

"ޢުޘްމާނީ ދައުލަތުގެ އެންމެކުރީގެ ދިހަރަސްކަލުންގެ ތެރެއިން ވެރިކަމުގެ ދާއިރާ އިތުރަށް ތަނަވަސްނުކުރެއްވުނު ހަމައެކަނި ރަސްކަލަކީ سلطـــان محـمّــد ކަމުގައިވިޔަސް (سلطـــان محـمّــد ގެ ފުތޫޙާތުގެ މައްޗަށް އަޅުގަނޑުވަނީ ބަލައިލައިފައެވެ.) އަންގޯރާ ހަނގުރާމައިގައި ޢުޘްމާނީ ދައުލަތަށް ޖެހިފައިވާ ނިކަމެތި ޙާލާއި އެއަށްފަހު ވިދިވިދިގެން އެގާރަ ބާރަވަރަކަށް އަހަރު ހިނގި ދާޚިލީ ހަނގުރާމައިން އެދައުލަތަށް ލިބުނު ބަލިކަށިކަމާއި ހީނަރުކަމަށް ބަލާއިރު محـمّــد ގެ ކާމިޔާބީއަކީ ބުއްދިތައް ޙައިރާންކޮށް އަންތަރީސްކޮށްލާފަދަ ކަމެކެވެ. އޭނާ ޢުޘްމާނީ ދައުލަތުގެ އެއްވެސް ޕްރޮވިންސެއް އަތްޕުޅުދަށުން ވީއްލިގެންދިޔަޔަކަ ނުދެއްވައެވެ. އޭނާގެ ވެރިކަމުގެ ކުރުކުރު މުއްދަތުގައި އޭޝިޔާކޫޗަކުގެ ހުރިހައި ތުރުކީ ރިޔާސަތުތަކެއްގެ މައްޗަށް ފުރިހަމަޔަށް ބާރު ނުފޯރުއްވުނު ކަމުގައިވިޔަސް އޭނާ އެހުރިހައި ތަނެއްވެސް ބަލިކުރައްވައި ޢުޘްމާނީ ރަސްކަމާ ގުޅުއްވައިލެއްވިއެވެ. ޢުޘްމާނީ ދައުލަތުގެ ބާނީންގެ ތެރޭގައި އޭނާގެ ނަންފުޅު ނުހަނު ޙައްޤު ގޮތުގައި ހިމަނައިލެވިދާނެއެވެ." (ޞަފުޙާ: 81-83)

މުސްލިމުންގެ ނަންހުރި މުއައްރިޚު مــــولانــا أكــبــــــر خــــان نجــيب آبــادى، سلطـــان محـمّــد أوّل އާމެދު ހެޔޮބަސްފުޅު ވިދާޅުވަމުން ލިޔުއްވައިފައިވެއެވެ. "އޭނާ ޚިޔާރުކުރެއްވީ މެދުމިނުގެ އަދި ނުހަނު މަންފާކުރަނިވި ޙިކުމަތުޢަމަލީއެކެވެ. ގާތްގަނޑަކަށް ނޭވާހޮޅިޔަށް އެޅިފައިއޮތް ޢުޘްމާނީ ދައުލަތް އޭގެސަބަބުން ދުޅަހެޔޮވެ، ހަކަތަލިބި ވާގިޖެހުނެވެ. ބައެއް މުއައްރިޚުން އޭނާއަށް ވަނީ "نـــــوح" ގެ ލަޤަބު ދެއްވައިފައެވެ. އެހެނީ އޭނާވަނީ ޢުޘްމާނީ ދައުލަތުގެ ފެތެމުންދިޔަ ނައު ސަލާމަތްކުރައްވައި އަމާން އައްސޭރިޔަކަށް ގޮނޑުކުރައްވައިފައެވެ. ޢުޘްމާނީ ރަސްރަސްކަލުންކުރެ ޝާހީ ޚަޒާނާއިން المـسجــد الحـــــــرام އަށާއި المـسجــد الــنّـــبــوى އަށާއި އެދެ ޙަރަމުގެ އަހްލުވެރީންނަށް ގަވާއިދުން އެހީވެވަޑައިގަންނަވަން އެންމެފުރަތަމަ ފެށްޓެވި ބޭފުޅަކީ އޭނާއެވެ. އޭނާ ކޮންމެ އަހަރަކުވެސް ދެ ޙަރަމްފުޅަށާއި އެދެތާނގެ އަހްލުވެރީންނަށް ނުހަނު މުނާސަބު ޢަދަދެއްގެ ފައިސާ ފޮނުއްވަމުން ގެންދެވިއެވެ. އެފައިސާއިން ދެޙަރަމާއި ކަޢުބާ ބެލެހެއްޓި އެދެތާނގެ އަހްލުވެރީންކުރެ ލިބުން ޙައްޤު މީހުންނަށް އެހީލިބެމުން ދިޔައެވެ. މިސުރުގައި ހުންނެވި ޢައްބާސީ ޚަލީފާ مــعـــتــضـد بــاللّـــه عــبّــاسِـــى އެކަމާހުރެ سلطـــان محـمّــد أوّل އަށް خـــادم الحــــــرميـــــن الـشّــــريــفــــين ގެ ލަޤަބު ދެއްވިއެވެ. سلطـــان محـمّــد އެލަޤަބާމެދު ދެކެވަޑައިގެންނެވީ އޭނާއަށް ލިބިވަޑައިގެންނެވި ނުހަނުބޮޑު ޢިއްޒަތަކާއި ޝަރަފެއް ކަމުގައެވެ. ޒަމާނާއެކު އެކަމުގެ ހެޔޮއަސަރުތައް އިތުރުވަމުންއައިސް خـلـيفـــة المـسـلمـين ން ކަމުގައި ޢުޘްމާނީ ރަސްރަސްކަލުން ހިމެނިވަޑައިގެންނެވުމުގެ މުޤައްދިމާއަކީވެސް އެއީއެވެ." (ޞަފުޙާ: 363)

ވިހިވަނަސައްތައިގެ މަޝްހޫރު އެމެރިކާގެ މުއައްރިޚު އަދި ފިލޯސަފީ ވިލް ޑްރަންޓް ލިޔުއްވައިފައިވެއެވެ. "سلطـــان محـمّــد ގެ ތަހްޒީބީ އުޅުއްވުމާއި މުޢާމަލާކުރެއްވުމާއި އިންސާފުވެރި ވެރިކަމާއި އޭނާ ޢީސާއީ ދުނިޔެއަށްދެއްވި އަމަންއަމާންކަމުގެ ދިހައަހަރުގެ ސަބަބުން ޢީސާއީދުނިޔެ އޭނާއަށްވަނީ "މާތްމީހާ" (ޖެންޓްލްމެން) ގެ ލަޤަބު އަރުވައިފައެވެ." (ޞަފުޙާ: 680)

މިހެޔޮލަފާ ރަސްގެފާނު އަވަރާހަވީ ވަރަށް ޒުވާން އުމުރުފުޅުގައެވެ. "މުސަލްމާން ޙުކުމްރާން" ގެ މުޞަންނިފް ލިޔުއްވާގޮތުގައި سلطـــان محـمّــد خــــان أوّل އަވަހާރަވީ 41 އަހަރުގެ ޢުމުރުފުޅުގައެވެ. ތާރީޚެ އިސްލާމްގައިވަނީ 47 އަހަރުފުޅުގައި ކަމުގައެވެ. އަރަހުށި މާތް اللّـــه އެމަތިވެރި މުސްލިމް ޝަހެންޝާހަށް ރަޙްމަތްލައްވާށިއެވެ. ފިރުދައުސުގެ ނިޢުމަތް ތާއަބަދަށް މިންވަރުކުރައްވާށިއެވެ. سلطـــان محـمّــد خــــان أوّل ފަސްދާނުލެވިފައިވަނީ ބުރުސާގައެވެ.

(ނުނިމޭ)