ގަތަރު ވޯލްޑް ކަޕްގެ ގަދަ 16 އަށް ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ދިޔައީ މޮރޮކޯއެވެ. އެޓީމުން ދިޔައީ އެންމެފަހުގެ ރަނަރަޕާ އެއްވަރުކޮށް، ވަރުގަދަ ބެލްޖިއަމްވެސް ބަލިކޮށްފައެވެ. އަދި ރޭގެ މެޗުގައި މޮރޮކޯން ވަނީ ކެނެޑާވެސް ބަލިކޮށްފައެވެ.
އަލް ތުމާމާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން މޮރޮކޯއިން ލިޔެލީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައި މުހިއްމު ސަފުހާއެކެވެ. މިއީ 36 އަހަރަށްފަހު އެގައުމުން ވޯލްޑް ކަޕްގެ ގަދަ 16 ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މޮރޮކޯގެ ވޯލްޑް ކަޕް ތާރީހުގައި އެޓީމުން ވޯލްޑް ކަޕްގެ ގަދަ 16 ހޯދާފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1986 ވަނަ އަހަރު މެކްސިކޯ ވޯލްޑް ކަޕްގައި އެކަންޏެވެ.
"މިއީ ފަސޭހަ ކަމެއް ނޫން. ތާރީހު ލިޔެލަން ލިބުނު ފުރުސަތުގައި ހިފައި އެކަން ކުރެވުމަކީ ތާ އަބަދަށް އެކަމުގެ ހަނދާން ހުންނާނެ ކަމެއް. ތެދަށް ބުނާނަމަ، މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އެއީ މިހާތަނަށް މޮރޮކޯއިން ކުޅުނު އެންމެ ރަނގަޅު ފުޓުބޯޅަ،" ކޯޗު ވަލީދް ރެގްރަގޫ ރޭގެ މެޗަށްފަހު އުފަލުން ހުރެ ބުންޏެވެ.
ގައުމުގެ ރައްޔިތުން ހެއްވާލަން ބޭނުންވާ ކަމަށް ބުނެ ރޭގެ މެޗަށް ނުކުތް ރެގްރަގޫ އެކަން ކޮށްފިވެސް މެއެވެ. އޭނާ ބުނީ މޮރޮކޯއިން ގްރޫޕް ސްޓޭޖުގައި ދެއްކި ކުޅުމުން ރަމްޒުކޮށްދެނީ އެގައުމުގެ ފުޓުބޯޅައިގެވެސް އަސްލެއް ވާކަން ކަމަށެވެ.
"އަހަރެމެން ވޯލްޑް ކަޕަށް އައީ ކިރިޔަ ކިރިޔާ އޮތް ގައުމެއްގެ ގޮތުގައި ނޫންކަން ފެނިގެން ދިޔަ. އަހަރެމެންގެ އަމިއްލަ ވަންތަ ކަމެއް ފެނިއްޖެ. ދެން އޮތީ ކުރިއަށް ދިޔުން. ނަތީޖާ ނެރުން. ނަތީޖާ ނެރުމަށް ޔޫރަޕާއި ދެކުނު އެމެރިކާގެ ސްޓައިލްތަކަށް ބަލައި، އެކަމަށް ހޭނެން މަސައްކަތް ކުރަން ޖެހޭ. އާޖެންޓީނާ އާއި ފްރާންސް ފަދަ ގައުމުތަކުގެ ލެގަސީގައި ހިފައިގެން ކުރިއަށް ދާން ޖެހޭ،" ރެގްރަގޫ ބުންޏެވެ.
"އަހަންނަށް ހީވަނީ ބޮޑެތި ތާރީހީ ވަގުތުތަކެއް ގެނެސްދެވިއްޖެހެން. ފުޓުބޯޅައަށް ލޯބިކުރާ ގައުމެއްގެ ގޮތުގައި އޮވެ، މި ނަތީޖާ ނެރެވުމަކީ ރައްޔިތުން ފަހުރުވެރިވާނެ ކަމެއް. މުބާރާތަށް ދިޔައިރު އެންމެ ދެއްކީ ކެނެޑާގެ ވާހަކަ. އެކަމަކު އަހަރެމެންނަށް އެނގޭނެ މިހާރު އަހަރެމެން ޔޫރަޕްގެ ބާރުތައް، ކްރޮއޭޝިއާ އާއި ބެލްޖިއަމް ފަދަ ޓީމުތައް ކައިރީގައި ވެސް މާ ބޮޑު ފަރަގެއް ނެތްކަން. އަހަރެމެން ކޮންމެ މެޗެއްގައި ކުޅުނުކުޅުމުން ސާބިތުކޮށްދީފިން. މިއީ 36 އަހަރަށްފަހު އިންތިޒާރީ ކާމިޔާބެއް،" ރެގްރަގޫ އިތުރަށް ބުންޏެވެ.
މޮރޮކޯއިން ގަދަ 16ގައި ނުކުންނަން ޖެހޭނީ ގްރޫޕް އީގެ ރަނަރަޕްގެ މަގާމު ހޯދި ސްޕެއިނާ ދެކޮޅަށެވެ. އެ މެޗަށް ގޮތެއް ކިޔަން އަދި އަވަސް ކަމަށް ރެގްރަގޫ ބުންޏެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022