ގަތަރު ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ގާނާ އާއި އުރުގުއާއީ ލައްވާލި ހިސާބުން އެތައް ބަޔަކު އިންތިޒާރުކުރަމުން ދިޔަ ވަގުތު އައިސް ޖެހިއްޖެއެވެ. އުރުގުއާއީ އާއި ގާނާގެ ކުރިމަތިލުމަށެވެ. ގާނާއަށް އޮތީ މޮޅަކާއެކު ގަދަ 16 ހޯދުމެވެ. އުރުގުއާއީއަށްވެސް އުންމީދެއް އޮތީ މޮޅެވެގެންނެވެ. އެޓީމުން މޮޅުވިޔަސް ގަދަ 16 ލިބޭނީ އެ ގްރޫޕުގައި ދެކުނު ކޮރެ އާއި ޕޯޗުގަލާ ދެކޮޅަށް ކުޅޭ މެޗުން ކޮރެއާ ބަލިވެގެން، ނޫނީ އެ މެޗު އެއްވަރު ވެގެންނެވެ.

މެޗު އެންމެ ބޮޑަށް ހާއްސަވަނީ ވޯލްޑް ކަޕްގައި ކުރިއަށް ދެޓީމަށް އޮތް މަގަށް ބަލައިގެން ނޫންކަން އެންމެންނަށްވެސް އެނގޭނެއެވެ. އެ މެޗު މުހިއްމު ވަނީ އުރުގުއާއީގެ ވެޓެރަން ފޯވަޑް، ލުއިސް ސައަރޭޒަށެވެ. މީގެ 12 އަހަރު ކުރީގެ ހަނދާނަކާ ގުޅިގެންނެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގާނާ އާއި އުރުގުއާއީ ކުޅުނު ކުއާޓާ ފައިނަލްގައި ފެނުނު މަންޒަރަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ތަފާތު އިހުސާސްތަކެއް ގެނުވާނެ އެއް މަންޒަރެވެ. ސުއަރޭޒް ގަސްދުގައި އަތުން ޖެއްސި ބޯޅަ އާއި ރަތް ކާޑެވެ، އެމެޗުން ގާނާއަށް ކިޔަން ޖެހުނު ހިތްދަތި އަލްވަދާއެވެ.

ގާނާ އާއި އުރުގުއާއީގެ އެ ކުއާޓާ ފައިނަލަށް ނަޒަރު ހުއްޓުވާލަން ހިނގާށެވެ. މެޗުގައި ސުލޭ މުންތާރީ ޖެހި ބާރު ހަމަލާއަކުން ފުރަތަމަ ލީޑު ނެގީ ގާނާއެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިއޭގޯ ފޯލާން ޖެހި ގޯލަކުންނެވެ. އެ ނަތީޖާ ހަމަހަމަވެގެން އޮވެ އިތުރު ވަގުތުގެ ކުޅުން ނިމޭން ދަނިކޮށް ފެނުނީ އާދަޔާ ހިލާފު ތަފާތު މަންޒަރެކެވެ.

މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ގާނާގެ ޑޮމިނިކް އަޑިޔާ ޖެހި ބޯޅައެއްގައި އުރުގުއާއީގެ ގޯލްކީޕަރު ބީޓްވެގެން ގޯލަށް ވަންނަން ދަނިކޮށް، ދެ އަތުން އެ ބޯޅަ ބޭރުކޮށްލީ އުރުގުއާއީގެ ފޯވަޑް ސުއަރޭޒެވެ. އޭނާ ހުރީ ގޯލްގެ ރޮނގުމަތީގައެވެ. ކޮންމެއަކަސް ރެފްރީ ވަގުތުން ސުއަަރޭޒަށް ރަތް ކާޑު ދައްކައި، ޕެނަލްޓީ ދިނީ ގާނާއަށެވެ.

ގާނާގެ އެ ޕެނަލްޓީގައި އަސަމޯ ޖިއާން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ސުއަރޭޒް އޭރު ހުރީ ޑްރެސިން ރޫމަށް ނުގޮސް، ޓަނަލް ތެރޭގައި ބަލާށެވެ. އޭނާ ގާނާގެ އިހުސާސަކަށް ބެލުމެއް ނެތި އުފާފާޅު ކުރިއެވެ. ޕްރެސްގައި ބުނީ "މުބާރާތުގެ އެންމެ މޮޅު ސޭވް،" ކުރީ އޭނާ ކަމަށެވެ. އެ ހިސާބުން މުޅި ގާނާ ސުއަރޭޒް ދެކެ އައި ރުޅި އަދިއަދަށް ދާންދެންވެސް އެބައޮތެވެ. މިރޭ ވާނީ އެކަމުގެ ބަދަލު ގާނާއިން ދޭން ބޭނުންވާނެވެސް ރެޔަކަށެވެ. ގާނާގެ ރައްޔިތުންނަށް ސުއަރޭޒަކީ އިންގްލެންޑަށް ޑިއޭގޯ މަރަޑޯނާ ފަދަ "ވިލަން"އެކެވެ.

"އެފްރިކާގެ އެއްވެސް ކުޅުންތެރިޔަކު ނުކުރާނެ އެހާ ދަށު ދަރަޖައިގެ އަމަލެއް. އޭގެ އެންމެ ގޯހީ ސުއަރޭޒް ބޭރުގައި އެންމެނަށް ފެންނަ ހިސާބުގައި ޕެނަލްޓީ ބަލަން ހުރެފައި އުފާފާޅުކުރުމުން. އެންމެ ކުޑަމިނުން ޑްރެސިން ރޫމަށް ގޮސް އުފާފާޅުކުރި ނަމަ ރަނގަޅުވީސް،" ގާނާގެ އޭރުގެ ޑިފެންޑަރު ޖޯން ޕެއިންޓްސިލް ބުނެފައިވެއެވެ.

"އަހަންނަށް އެނގޭ މުޅި ގައުމު އޭނާއަށް ނަފުރަތުކުރާކަން. އެކަމަކު އަހަރެން މިއީ އެ ހާލަތުގައި ގައުމު ދިފާއުކުރަން ހުރި މީހެއް ނަމަ، އަހަރެންވެސް ކަންކުރާނީ އެގޮތަށް. މީހުން ބުނާނެ ސުއަރޭޒަކީ މަކަރުވެރިއެކޭ، އެކަމަކު އަހަންނަށް ފެނުނީ އޭނާގެ ގައުމު ވޯލްޑް ކަޕެއްގެ ސެމީއަށް ގެންދަން އޭނާ ކުރި ކަންތައް،" ޖިއާން ސުއަރޭޒް އަތުން ޖެއްސި ބޯޅައާ ގުޅިގެން ބުނެފައިވެއެވެ.

ގާނާގައި އެކަމުގެ ހިޔާލު އޮތް ގޮތުން އަދިވެސް ސުއަރޭޒަކީ އެގައުމަށް ލިބުނު ނާއިންސާފަށް މައާފަށް އެދެން ޖެހޭ މީހެކެވެ. އެކަމަކު ސުއަރޭޒް އެކަމަށް ގަބޫލެއް ނޫނެވެ.

"އަހަރެން ނުޖެހޭނެ މައާފަށް އެދޭކަށް. އަހަންނެއް ނޫން ޕެނަލްޓީ ނާކާމިޔާބުކޮށްލީ. މީހަކަށް އަނިޔާއެއް ދެވުނު ނަމަ މައާފަށް އެދޭނަން. އެކަމަކު އަހަރެން އެ ހާލަތުގައި ހޯދީ ރަތް ކާޑެއް. އެއަށް ރެފްރީ ޕެނަލްޓީވެސް ދިން. އެ ޕެނަލްޓީ ވެއްދުން އެއީ އަހަރެންގެ ޒިންމާއެއް ނޫން،" ސުއަރޭޒް އިއްޔެގެ ޕްރެސްގައި ބުންޏެވެ.

ސުއަރޭޒް ބުނީ 12 އަހަރު ކުރީގެ އެކަންތަކުން މިހާރު އަރައިގަނެވިފައި ހުންނަން ޖެހޭނެ ކަމަށެވެ. އޭނާ އިޓަލީ ޑިފެންޑަރު ޖޯޖިއޯ ކިއެލީނީ ގައިގައި ދަނޑުމަތިން ދަތް އެޅި ކަންތަކުގައިވެސް މިހާރު ދެކުޅުންތެރިން ސުލްހަވެ އެކަން ނިމިފައިވާ ކަމަށްވެސް ސުއަރޭޒް ބުންޏެވެ.

ސުއަރޭޒްގެ އުރުގުއޭ އާއި ގާނާ ވާދަކުރާ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.