ކެމަރޫނަށް ބްރެޒިލް ބަލިކުރެވޭނެ ކަމަށް ކޯޗު ރިގޮބާޓް ސޯންގް ބުނެފިއެވެ.
ކެމަރޫނުން ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16 އަށް ދާ ކަމަށް ވާނަމަ، މިރޭ ގްރޫޕް އެޗްގައި، ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުން އެޓީމު މޮޅުވާން މަޖުބޫރެވެ. ކެމަރޫން މިރޭގެ މެޗުން މޮޅުވި ނަމަވެސް، އެޓީމަށް ގަދަ 16 ޔަގީން ކުރެވެން އޮތީ ސާބިއާއިން ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
އެފަދަ ހާލަތެއްގައި އޮތް ނަމަވެސް ކެމަރޫން ކޯޗު ސޯންގްގެ އުންމީދުތައް ހުރީ އުހުގައެވެ.
"އަހަރެމެން ގަބޫލުކުރަނީ މި ކެމަރޫން ޓީމަށް ބްރެޒިލް ބަލިކުރެވިދާނެ ކަމަށް. އަހަރެމެން ވޯލްޑް ކަޕަށް ދިޔައީ ބައިވެރިވެލާކަށް ނޫން. އަހަރެމެންނަށްވެސް ވޯލްޑް ކަޕްގައި ބަސް ބުނެވޭނެ. ބްރެޒިލަކީ މޮޅު ޓީމަށް އެނގި ތިބެގެންވެސް ބްރެޒިލް ބަލިކުރެވޭނެ ކަމަށް އަރެމެން މި އުންމީދުކުރަނީ. އެކަމަށް ބޭނުންވާ ކަންކަން ޓީމުގެ ކިބައިގައި އެބަހުރި،" ސޯންގް ބުންޏެވެ.
ވޯލްޑް ކަޕްގެ ތެރެއިން ކެމަރޫން ޓީމުގައި ކޮންމެވެސް ވަރަކަށް މައްސަލަތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން އެންމެފަހުން އެގައުމުން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ގަޑިއިރެއްހާ އިރު ކުރިން، ފުރަތަމަ 11 ގައި ފެންނަ ގޯލްކީޕަރު އަންދްރޭ އޮނާނާއަށް ޑިސިޕްލިނަރީ ފިޔަވަޅު އެޅުމުގެ ގޮތުން، ސޯންގް ވަނީ އޭނާ ސްކޮޑުން ބޭރުކޮށްފައެވެ.
އެކަމުގައި ކޯޗު ސޯންގް ބުނީ ކެމަރޫނުން ބޭނުންވަނީ "ޓްރެޑިޝަނަލް" ސްޓައިލަކަށް އޮނާނާ ލައްވާ ކުޅުވަން ކަމަށާއި އެގޮތަށް ނުކުޅެވޭނަމަ ފުރުސަތު ނޯންނާނެ ކަމަށެވެ. އެކަމުގައި ދެބަސްވެ އޮނާނާ ކޭމްޕް ދޫކޮށްލާފައިވާ އިރު، އެ ނިންމުމަށް ސޯންގަށް ތައުރީފުކުރުމުން އެފްއޭގެ ރައީސް، ކުރީގެ ކުޅުންތެރިޔާ ސެމިއުލް އެޓޫއަށްވެސް ސަޕޯޓަރުން ވަނީ ފާޑު ކިޔައިފައެވެ.
ސަޕޯޓަރުން ބުނެފައި ވަނީ ސާބިއާއާ ދެކޮޅަށް ބަދަލަކަށް އެރި ޑޭވިސް އެޕަސީ ފަހުވަގުތު ދަނޑު މައްޗަށް ނުކުންނަން ޖެހުމަކީ ޓީމަށް ދިމާވި އެންމެ ބޮޑު މާޔޫސްކަން ކަމަށާއި އިންޓަ މިލާނަށް ކުޅޭ އޮނާނާ ފަދަ ތަޖުރިބާކާރު މޮޅު ގޯލްކީޕަރަކަށް 'ބުލީ' ކޮށް ސްކޮޑުން ބޭރުކޮށްލުމުން، ކެމަރޫނަށް ވޯލްޑް ކަޕްގައި ގެއްލުން ދައްކާފައިވާ ކަމަށެވެ.
އިއްޔެގެ ޕްރެސްގައި ސޯންގް އެކަމަށް ޖަވާބުދާރީވެފައެއް ނުވެއެވެ. އޭނާ ބޮޑަށް ވިސްނީ މެޗު ތެރޭގެ ކަންކަމަށެވެ.
ކެމަރޫނާއި ބްރެޒިލް ވާދަކުރާ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022