އަނިޔާއަކާ ގުޅިގެން ވޯލްޑް ކަޕްގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުފެނިދާނެ ކަމަށް އެޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

"ގްރޫޕު އެޗް" ގައި ޕޯޗުގަލުން ކުޅޭ ފަހު މެޗުގައި މިރޭ ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗަށް ނުކުންނަ އިރު، ޕޯޗުގަލަށް ވަނީ ގަދަ 16 ކަށަވަރުވެފައެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ޕޯޗުގަލްގެ ތަމްރީނުތަކުގައި އުމުރުން 37 އަހަރުގެ ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ. އެ ދުވަހު ރިކަވަރީއަށް ހާއްސަ ކަސްރަތުތަކެއް ކުރުމަށް އޭނާ ހޭދަކޮށްފައިވަނީ ޖިމްގައެވެ. މެޗަށް ރޮނާލްޑޯ ފިޓުވިޔަސް، އޭނާ ރެސްޓުގައި ބެހެއްޓުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

"ރޮނާލްޑޯއަށް މެޗުގައި ކުޅެވޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ބުނާކަށް ނޭނގޭ. އެކަން އެނގޭނީ އެންމެ ފަހު ތަމްރީނުތަކަށް ބަލާފައި. އޭނާއަށް ނުކުޅެވުނަސް، އަހަރެމެންގެ ޕްލޭނެއް އެބައޮތް،" ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުންޏެވެ.

ރޮނާލްޑޯ ރިކަވަރީއަށް މަސައްކަތްކުރާ ކަމަށް ޕޯޗުގަލުން ބުނި ނަމަވެސް، އޭނާއަށް ކުރިމަތިވެފައިވާ އަނިޔާގެ ތަފްސީލެއް ޓީމުން ދީފައެއް ނުވެއެވެ. ނަމަވެސް ރޮނާލްޑޯއަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމަކަށް ނުބެލެވެއެވެ. މިވަގުތު ޕޯޗުގަލްގެ ޑިފެންޑަރު ނޫނޯ މެންޑޭޒާއި އޮޓާވިއޯ އަދި ޑެނީލޯ ޕެރޭރާ ވެސް ހުރީ އަނިޔާގައެވެ. އޭގެ ތެރެއިން މެންޑޭޒްގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނީ ވޯލްޑް ކަޕް ނިންމާލަން ޖެހިފައެވެ.

"ގްރޫޕު އެޗް" ގެ ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި ޕޯޗުގަލް އޮތީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ގާނާއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ދެކުނު ކޮރެއާ އާއި ފުލުގައި އޮތް އުރުގުއާއީ، އެއިން ކޮންމެ ޓީމަކަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.

އެ ގްރޫޕުން ގަދަ 16 ގެ ދެވަނަ ޖާގަ ހޯދާ ޓީމެއް ކަށަވަރުވާނީ މިރޭ ކުޅޭ މެޗުތަކަށްފަހުއެވެ. އެ ޖާގަ ހޯދުމުގެ ފުރުސަތު ގާނާ އާއި ދެކުނު ކޮރެއާ އަދި އުރުގުއާއީއަށް ވެސް އެބައޮތެވެ. ޕޯޗުގަލުން މިރޭ ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނަ އިރު، ގާނާ ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށެވެ. އެ ދެ މެޗު ވެސް ފެށޭނީ މިރޭ 8:00 ގައެވެ.