ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމާއެކު، އެޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް އިސްތިއުފާ ދީފިއެވެ.
ބެލްޖިއަމުން މިފަހަރުގެ ގްރޫޕް ސްޓޭޖުން ކެޓީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެގެންނެވެ. ބެލްޖިއަމް މިފަހަރު ވޯލްޑް ކަޕްގައި މޮޅުވީ ހަމައެކަނި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އޭގެ ފަހުން ދެން ކުޅުނު މެޗުގައި މޮރޮކޯ އަތުން ބެލްޖިއަމް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިރޭ ކުޅުނު މެޗުގައި ކްރޮއޭޝިއާއާ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ މިއީ ގައުމީ ޓީމާ ހަވާލުވެ އޭނާ ކޯޗުކޮށްދިން ފަހު މެޗު ކަމަށާއި، ދެން ކުރިއަށް ނުދެވޭނެ ކަމަށެވެ.
މާޓިނޭޒް ބެލްޖިއަމް ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުގައެވެ. މާޓިނޭޒްގެ ބެލްޖިއަމްއާ ހަވާލުވީ އެގައުމުގެ ރަން ޖީލެއްގެ ފެށުމަށެވެ. އޭނާ ވަނީ ބެލްޖިއަމާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ތިންވަނަ ހޯދައި، ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި ދަމަހައްޓައިފައެވެ. މިފަހަރު ވޯލްޑް ކަޕަށް ދިޔައީވެސް ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮވެގެންނެވެ.
ބެލްޖިއަމަށް ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހިފައިވާ އިރު، މިރޭގެ މެޗުގެ ކުރިން ނޫސްތަކުގައި އޮތީ ޓީމު ތެރޭގައި ބޮޑު ކޯޅުމެއް އޮތް ކަމަށެވެ. ހާއްސަކޮށް މޮރޮކޯ މެޗުގެ ކުރީންނާއި، އެމެޗުގެ ފަހުން މީޑިއާގައި އެކިއެކި ކުޅުންތެރިން ދެއްކި ވާހަކަތަކުންވެސް ބެލްޖިއަމް ޓީމު ތެރޭގައި ކޮންމެވެސް ނުތަވަސްކަމެއް އުޅޭކަން ވަނީ ފާހަގަވެފައެވެ. އެ ވާހަކަތައް މީޑިއާގައި ގިނަވެ، ޓީމުގެ ދެ ކެޕްޓަނުން ކަމަށްވާ އެޑެން ހަޒާޑާއި، ތިބޯ ކޯޓުއާއަށް ވަނީ ނޫސްވެރިންނާ ކުރިމަތިލާން ޖެހިފައެވެ.
މައްސަލަ ފެށުނީ މޮރޮކޯއާ ދެކޮޅަށް ކުޅެ ބެލްޖިއަމް ބަލިވި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އިތުބާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނި ވާހަކައަކުންނެވެ. ޑ ބްރޭނާ ބުނީ ބެލްޖިއަމް މާ މުސްކުޅިވެ، ވޯލްޑް ކަޕަށް އުންމީދެއް ނެތް ކަމަށެވެ. އެކަމަށް ބާރުދީ އެޑެން ހަޒާޑްވެސް ވަނީ ނޫސްވެރިންނާ ވާހަކަ ދައްކައިފައެވެ.
ބެލްޖިއަމުން މޮރޮކޯ ކައިރިން ބަލިވި މެޗަށްފަހު ހަޒާޑާއި ޑި ބްރޭނާގެ އެ ވާހަކަތަކަށް ކޯޗު ރޮބާޓޯ މާޓިނޭޒަށް ރައްދު ދޭން ޖެހުނު އިރު، އޭނާ ބުނީ ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގެ ތެރެއިން ކުޅުންތެރިން އަބަދުވެސް އިންޓަވިއުތައް ދޭން ޖެހޭ އިރު، އެފަދަ ގޮތަކަށް ބައެއް ބަސްތަކުން މާނަ ނަގައިގެން ނޫސްވެރިން ވާހަކަ ދެއްކުން އެއީ އާކަމެއް ނޫން ކަމަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022