ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގައި މިރޭ ކުޅުނު މެޗުގައި 2-1 އިން ކެނެޑާ ބަލިކޮށް، މޮރޮކޯއިން ގަދަ 16އަށް ދަތުރު ކޮށްފިއެވެ.
އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން މޮރޮކޯއިން މިރޭ ލިޔެލީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައި މުހިއްމު ސަފުހާއެކެވެ. މިއީ 36 އަހަރަށްފަހު އެގައުމުން ވޯލްޑް ކަޕްގެ ގަދަ 16 ހޯދި ފުރަތަމަ ފަހަރެވެ.
މޮރޮކޯއިން ވޯލްޑް ކަޕްގެ ގަދަ 16 ހޯދަން މިރޭ ނުކުތީ ކަޓާފައި އޮތް ކެނެޑާއާ ދެކޮޅަށެވެ. މޮޅަކާއެކު އަމިއްލަ ބާރުގައި މޮރޮކޯއަށް ގަދަ 16 ހޯދެން އޮތް އިރު، މީގެ ކުރިން މޮރޮކޯގެ ވޯލްޑް ކަޕް ތާރީހުގައި އެޓީމުން ވޯލްޑް ކަޕްގެ ގަދަ 16 ހޯދާފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1986 ވަނަ އަހަރު މެކްސިކޯ ވޯލްޑް ކަޕްގައި އެކަންޏެވެ. އެ ހާލަތުގައި ކެނެޑާ މިރޭ އޮތުން ކޯޗު ވަލީދް ރެގްރާގީ މެޗުގެ ކުރިން ބުނީ، މިރެއަކީ މޮރޮކޯގެ އާބާދީ އުފާކޮށްލައި، ތާރީހު ލިޔެލަން މޮރޮކޯއިން ނުކުންނާނެ ރޭ ކަމަށެވެ. އެއީ 36 އަހަރުގެ އިންތިޒާރަކަށްފަހު ވޯލްޑް ކަޕްގެ ގަދަ 16 ހޯދުމުގެ އިންތިޒާރެއްގެ ނިމުން ގެނެސްގެންނެވެ.
ކެނެޑާއިން މެޗަށް ނުކުތީ ކަޓާފައި އޮތް ނަމަވެސް ވޯލްޑް ކަޕުން މޮޅެއް ހޯދުމަށެވެ. މެޗަށް ސަޕޯޓަރުން ވަދެ އޮތް އަދަދަށް ބަލައި، އެކަމަކީ އުނދަގޫވާނެ ކަމެއްކަން މެޗު ކުރިންވެސް އެނގުނެވެ. މޮރޮކޯގެ އެތައް ހާސް ރައްޔިތުންނެއް ދިޔައީ ދަނޑު ގުގުމަމުންނެވެ.
ސަޕޯޓަރުންގެ އުންމީދުތަކާ އެއްގޮތަށް މޮރޮކޯން މެޗު ފެށީ އަވަސް ގޯލަކާ އެކުގައެވެ. މިހާތަނަށް ވޯލްޑް ކަޕްގައި ތަފާތު ދައްކަމުން އަންނަ ހަކީމް ޒިޔެޗް، ހަތަރުވަނަ މިނެޓުގައި މޮރޮކޯއަށް ލީޑު ނަގައިދިނީ ކެނެޑާ ގޯލްކީޕަރު ބޯޖާންގެ ބޮޑު ގޯހަކުންނެވެ. ގޯލްކީޕަރު ބޯޖާން އޭރިއާ ބޭރަށް ނުކުމެ ސާފުކޮށްލަން ޖައްސާލި ބޯޅަ ޒިޔެޗަށް ހާފުގެ މެދުން ލިބުމުން އޭނާ ވަނީ ބަލާލާފައި އެ ބޯޅަ ގޯލަށް ވައްޓާލައިފައެވެ.
އެ ގޯލްގެ ފޯމުގައި ކުޅެމުން ދިޔަ މޮރޮކޯން ދިޔައީ އިތުރަށްވެސް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން 23 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ. ގޯލު ޖަހައިދިނީ އެން-ނެސީރީއެވެ. ސަޕޯޓަރުން ކައްކުވާލި އެ ގޯލަކީ މަތިން އައި ބޯޅައަކަށް ބާރު ދުވެލީގައި އޭރިއާ ތެރެއަށް ވަދެ، ގޯލްކީޕަރުގެ ހަނި އޭންގަލުން އޭނާ ފޮނުވާލި ބާރު ހަމަލާއެއްގައި ޖެހި ގޯލެކެވެ.
ކެނެޑާ މާޔޫސްކަމުގައި ފެނުނު އިރު، މޮރޮކޯއަށް އުފާވެރި ވަގުތު ކޮޅެކެވެ. އެ އުފަލުގައި ހާފު ނިންމާލަން ދަނިކޮށް މޮރޮކޯއަށް ސަމާލުވާން ޖެހުނީ ކެނެޑާއިން ގޯލެއް ޖަހައި ފަރަގު ކުޑަކުރުމުންނެވެ. 36 ވަނަ މިނެޓުގައި ކެނެޑާއިން ޖެހި ގޯލަކީ ނިޔާފް އަގުއޭޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކެނެޑާގެ ގޯލަކީ އެޓީމުގެ އަޑެކޫބޭ ޖެހި ބޯޅަ، މޮރޮކޯގެ އަގުއޭޑް ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލް ތެރެއަށް ވަން ބޯޅައެކެވެ. މޮރޮކޯގެ ގޯލްކީޕަރު ބޯނޯ ބޯޅައަށް މަސައްކަތް ކުރި ނަމަވެސް އަތުގައި ނުޖެހުނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ހަމަލާތައް މަދުކޮށް ފެނުނު އިރު، ކެނެޑާއިން ދިޔައީ މެޗަށް ވަންނަން މަޑުމަޑުން މަސައްކަތް ކުރަމުންނެވެ. މޮރޮކޯއިން ބެލީ ފަޅި ފުރުސަތެއް ހޯދައިގެންވެސް ގަދަ 16 އަށް ފުރިހަމަ ޔަގީންކަން ހޯދަން ގޯލެއް ޖެހުމަށެވެ.
ކެނެޑާއިން ކުރި ނުރައްކަލުގައި 69 ވަނަ މިނެޓުގައި އެޓީމުގެ ނުރައްކަލެއްވެސް ފެނުނެވެ. ހޮއިލެޓްގެ ކޯނަރު ބެންޗުން ނުކުތް ހަޗިންސަން ބޮލުން ޖެހުމުން ގޮސް ޖެހުނީ މަތީ ދަނޑީގައެވެ. އެ ބޯޅަ ބޭރުވީ ގޯލް ރޮނގުމަތީގައިވެސް ޖެހިފައެވެ. މޮރޮކޯއިން ގްރޫޕްގެ އެއްވަނަ ދަމަހައްޓަމުން ދިޔައެވެ. އެޓީމުން ހިތްވަރު ކުރަމުން ދިޔައެވެ. ސަޕޯޓަރުންގެ އަޑު ދިޔައީ ބާރުވަމުންނެވެ.
މޮރޮކޯއިން ފަހު ވަގުތު ބޯޅަ ހިފަހައްޓާލައިގެން ތާރީހު ލިޔެލައި ހުރިހާ ކުޅުންތެރިން ދަނޑު މައްޗަށް އަރައިގަތީ އުފަލުގެ ކަރުނައާ އެކުގައެވެ. ތާރީހު ލިޔެލީއެވެ. މި ވޯލްޑް ކަޕްގެ ގަދަ 16އަށް ދަތުރުކުރި އެފްރިކާގެ ދެވަނަ ޓީމަކަށްވީ މޮރޮކޯއެވެ. މީގެ ކުރިން އެފްރިކާ ޓީމަކަށް ގަދަ 16 ހޯދީ ސެނެގާލެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022