ވޯލްޑް ކަޕްގެ "ގްރޫޕު އެފް" ގައި ބެލްޖިއަމް ހިފަހައްޓައި، ކޮރެއޭޝިއާ އިން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.
އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު އެ މެޗު ނިމިގެންދިޔައީ ކްރޮއޭޝިއާ އަދި ބެލްޖިއަމަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. އެ ނަތީޖާއާއެކު ކްރޮއޭޝިއާއަށް ވަނީ ގަދަ 16 ގެ ޖާގައެއް ލިބިފައެވެ. ވޯލްޑް ކަޕް 2018 ގެ ތިންވަނަ ހޯދި ބެލްޖިއަމަށް ވަނީ ފުރުސަތެއް ނުލިބި، އެޓީމު ވަނީ ކަޓައިފައެވެ. ބެލްޖިއަމް ނިންމާލީ ގްރޫޕުގެ ތިންވަނައިގައެވެ.
މެޗަށް ނުކުތް އިރު، ކްރޮއޭޝިއާ އަދި ބެލްޖިއަމަށް ވެސް އޮތީ ގަދަ 16 ގެ ޖާގައެއް ޔަގީންކުރުމަށް މޮޅެއް ހޯދަން މުހިންމުވެފައެވެ. އެއްވަރުކޮށްލައިގެން ކްރޮއޭޝިއާއަށް ގަދަ 16 ގެ ޖާގައެއް ހޯދެން އޮތް އިރު، ބެލްޖިއަމަށް ޕޮއިންޓަކުން ފުއްދައިލެވޭކަށް ނެތެވެ.
އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި 2-1 ގެ ނަތީޖާއަކުން ކެނެޑާ ބަލިކޮށް މޮރޮކޯ އިން ވަނީ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެޓީމަށް ވަނީ ގްރޫޕުގެ އެއްވަނަ ވެސް ލިބިފައެވެ. ދެވަނައިގައި ނިންމާލީ ކްރޮއޭޝިއާއެވެ.
މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް، ކްރޮއޭޝިއާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އިވާން ޕެރިސިޗް ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ބެލްޖިއަމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑްރައެސް މާޓެންސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޔެނިކް ކަރެސްކޯ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ޖޮސިޕް ޔުރަނޮވިޗް ވަނީ ބްލޮކްކޮށްފައެވެ.
އޭގެ ތިން މިނެޓު ފަހުން ވެސް ބެލްޖިއަމަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކެވިން ޑި ބްރޭނާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ މާޓެންސް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ރެފްރީ ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން އަންދްރޭ ކްރަމަރިޗަށް ބެލްޖިއަމްގެ ކަރަސްކޯ ކުރި ފައުލަކާ ގުޅިގެން ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ފަހުން ވީއޭއާރަށް ބަލައި، ފައުލުގެ ކުރިން ކްރޮއޭޝިއާ ޑިފެންޑަރު ޑެޖާން ލޮވްރެން އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ޕެނަލްޓީ ދީފައެއް ނުވެއެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ގޯލެއް ޖެހުމަށް މަސައްކަތްކުރި ނަމަވެސް، ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން މަޓިއޯ ކޮވަސިޗް ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުވާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ކައިރިކައިރީގައި ކްރޮއޭޝިއާއަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މާސެލޯ ބްރޮޒޮވިޗް އަދި ކެޕްޓަން ލޫކާ މޮޑްރިޗް ފޮނުވާލި ހަމަލާ ވެސް ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ކައިރިކައިރީގައި ބެލްޖިއަމަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެ ދެ ފުރުސަތު ވެސް ލިބިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފަށް ކުޅެން ނުކުތް ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫއަށެވެ. އޭނާގެ ފުރަތަމަ ހަމަލާ، ކްރޮއޭޝިއާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، އޭނާގެ ދެވަނަ ހަމަލާ ކްރޮއޭޝިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި ވެސް ބެލްޖިއަމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ތޯގަސް ހަޒާޑް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ލުކާކޫއަށް ލިބުނު ނަމަވެސް އޭނާއަށް އެ ބޯޅަ ނިންމައިލެވިފައެއް ނުވެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022