އެމްޑީޕީން ވެރިކަމަށް އައި އިރު، ވެފައިވާ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުން ކަމަށާއި އެހެންކަމުން ނިޒާމީ ވޯޓު ނުނަގައި، އެމްޑީޕީން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގެ ވާހަކަ އެމްޑީޕީން ދައްކައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"އާސްކް ސްޕީކާ"ގެ ހަވަނަ ޕްރޮގުރާމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ވައުދަކީ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓު ނެގުން ކަމަށެވެ.
އެ ވައުދަށް އެމްޑީޕީ ކޯލިޝަންގައި ބައިވެރިވި އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިންވެސް ތާއީދުކުރެއްވި ކަމަށާއި އެހެންކަމުން ފެންނަ ނުފެންނަ ވޯޓުގެ ކުރިން 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާހަކަދައްކައިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ނުދެއްކޭނެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައި. މެނިފެސްޓޯގެ އެންމެ ބޮޑު ވައުދު ނުފުއްދައި، ރިޔާސީ ޕްރައިމަރީއަކަށް މިސްރާބު ޖެހުމަކީ ރަނގަޅު ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު ފާޅުކުރައްވާފައިވާ އިރު، ރައީސް ނަޝީދު ވަނީ އެކަން އިއުލާންކުރައްވައި، އެކަމުގެ ތައްޔާރީތައް ފައްޓަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު