Close
ޚަބަރު

ހަސްމެއްގެ ފަރާތުން ހަދިޔާއެއް ބަލައިގެން ކަމަށް ބުނެ ފަނޑިޔާރު މަހާޒްއާ ގުޅޭ ޝަކުވާއެއް ޖޭއެސްސީއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމާފައިވާކަމުގެ ހަބަރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު މަހާޒް އެހެން ވިދާޅުވީ، "ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ" ނަމުގައި އޮންނަ ފަނޑިޔާރުން ތިބޭ ވައިބާ ގްރޫޕަކަށް ރޭ ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ފަނޑިޔާރު ވިދާޅުވީ ސުލޫކާ ހިލާފު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ.

"ފަނޑިޔާރު ކަމުގެ މަގާމުގައި ހުރުމަށް ނުވަތަ މަގާމު ދިފާއު ކުރުމަށް މީހެއްގެ ގާތުގައި އެދޭނެ އެދުމެއް، ކުރާނެ ކަމެއް ނޯންނާނެ،" މަހާޒު ލިޔުއްވާފައިވެއެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ، ފަނޑިޔާރިކަމުގައި ހުންނަވައި ނިންމި ހުރިހާ ނިންމުމަކަށް ފުރިހަމައަށް ޒިންމާ ނަންގަވާނެ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރު މަހާޒްއާ ގުޅޭ ޝަކުވާއެއް ޖޭއެސްސީއަށް ވަނީ ހުށަހަޅައިފައެވެ. އެ ޝަކުވާގައި ކޮށްފައިވާ ތުހުމަތަކީ، ފަނޑިޔާރު މަހާޒް ބެއްލެވި މައްސަލައެއްގައި ހިމެނޭ ހަސްމެއްގެ ފަރާތުން ހަދިޔާއެއް ބަލައިގަތުމެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް ޖޭއެސްސީން އަދި ނިންމާފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރީއްކޮޅަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ރިޔާސަތު ބެއްލެވީ ފަނޑިޔާރު މަހާޒެވެ.

މަނީލޯންޑްރިންގެ ތުހުމަތުގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން އެ ދުވަހު މިނިވަންވީ ތަހުގީގުގައި ހުރި ގޯސްތަކާ ހެދި ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގައެވެ.