ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އެ ފުރުސަތު ހަމަވީ އިއްޔެގެ މެންދުރު 12:00 އަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް އިއުލާން ކުރީ އެ ކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުންނެވެ. ހާތިފް އެ މަގާމުން ރިޓަޔާކުރެއްވީ ދެ އަހަރު ދުވަހު އެ މަގާމު ފުރުއްވުމަށްފަހު އެވެ.

  • ޒީނަތު އަލީ / ދަފްތަރު. ނަންބަރު 2616 މާލެ
  • މުހައްމަދު ޝަނީޒް އަބްދުﷲ / ހަނދުވަރީނާޒް، ގދ.ގައްދޫ
  • މަރްޔަމް ވަހީދު / ބެލޫން، ސ.ފޭދޫ
  • ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް
  • ފައްޔާޟު ޝާތިރު / ހަސަންކާރިގެ، ސ.މީދޫ

ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަށް މަހެއްގެ މައްޗަށް 36،000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާގެ އިތުރުން ރިސްކު އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝްއަރެންސާއި ފޯން އެލަވަންސް ލިބެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ހުންނަން ޖެހޭ ޝަރުތުތަކަކީ އިސްލާމީ ޝަރީއާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއި އެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތު ވަގުތީގޮތުން މިހާރު ހަވާލުކޮށްފައިވަނީ ފަނޑިޔާރު ހުސައިން ޝަހީދުއާއެވެ.