ހުކުމާ އެއްގޮތަށް ޖޫރިމަނާގެ ފައިސާ ނުދައްކާ މީހުންގެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 30 ވަނަ މާއްދާގެ (ހ) ގައި, ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި އެ އޮފީހުން އެކަން ކޯޓަށް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ހޯދައި, އެފަދަ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މި އޮފީހުން ހޯދި މައުލޫމާތަށް ބަލާއިރު ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ވަނީ ފާހަގަވެފައެވެ." ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، ހުކުމާ އެއްގޮތަށް ޖޫރިމަނާގެ ފައިސާ ނުދައްކާމީހުންގެ މައްޗަށް އަލުން ޖަލު އަދަބު, ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ" 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަށް ކަނޑައެޅޭނެ ކަމަށެވެ.