ދުނިޔެ

އަދުގެ ދުނިޔެ: މުޒާހަރާތައް ފުޅާކޮށް ސިޔާސީ ކުލަޖައްސަން ޗައިނާއިން ފުރުސަތެއް ނުދޭނެއެވެ.

އިމާދު ލަތީފު

ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ދުނިޔޭގައި އެންމެ ހަރުކަށި ފިޔަވަޅުތައް ތައާރަފުކުރި ގައުމަކީ ޗައިނާއެވެ. ޗައިނާގެ ސިޓީއަކުން ކޮވިޑުގެ އައު ކޭސްތަކެއް ފެނިއްޖެނަމަ މިހާރުވެސް މުޅި ސިޓީ އެކީއެކައްޗަކަށް ބަންދުކުރުމާއި އެ ސިޓީއެއްގެ އެންމެންގެ ހަރަކާތްތައް ހުއްޓުވުންފަދަ ކަންކަން އެބަކުރެއެވެ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ކޮވިޑަކީ މިހާރު ވަބާއަކަށްވެސް ނުބަލައެވެ. މިކަން މިހެންއޮތީމާ ރައްޔިތުންގެ ނުރުހުން ސަރުކާރާދޭތެރޭ އަދި ކޮމިއުނިސްޓް ޕާޓީއާ ދޭތެރޭ އަންނަނީ އިތުރުވަމުންނެވެ. އުދާސްތައް އަންނަނީ ބޮޑުވަމުންނެވެ. މިކަމުގެ ތެރެއިން ޗައިނާގެ ބޮޑެތި ސަހަރުތަކުގައި ސަރުކާރާ ދެކޮޅު މުޒާހަރާތަކެއް ހުސްވި ހަފުތާއިން ފެށިގެން ދަނީ ކުރިއަށެވެ. ވެރިރަށް ބެއިޖިންގާއި ވިޔަފާރީގެ އެންމެ މުހިއްމު ސިޓީކަމަށްވާ ޝެންހާއީވެސް ހިމެނޭގޮތުންނެވެ.

ޗައިނާއަކީ ކޮމިއުނިސްޓް ދައުލަތެކެވެ. ޑިމޮކްރަސީއެއް ނޫނެވެ. މުޒާހަރާކުރުމާއި ހަޅުތާލުކުރުމަކީ އާއްމުގޮތެއްގައި ހުއްދަ ކަންކަމެއްވެސް ނޫނެވެ. މިފަހަރު އެތައް ސިޓީއެއްގައި އެއްފަހަރާ އެތައްހާސް ބަޔަކު މަގުމައްޗަށް ނުކުތުމަކީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. އެއްކަމަކަށް ގޮވާލުމުގެ ގޮތުން ކިޔަވާކުދީންނާއި މަސައްކަތު މީހުން ބައިބަޔަށް ނުކުމެ އަޑު އުފުލުމަކީ މީގެކުރިން ނުފެންނަ މަންޒަރެކެވެ. ވަކިން ޚާއްސަކޮށް ރައީސް ޝީ ޖިންޕިންގެ އިސްތިއުފާއަށް ގޮވުމަކީ އެއްގޮތަކަށްވެސް ފެނިފައިނުވާ މަންޒަރެކެވެ. އެހެންވީމާ މިވަނީ ކީއްތޯއާއި ދެންވާނީ ކިހިނެއްކަން ބަލައިލުމަކީ މުހިއްމު ކަމެކެވެ. ޗައިނާގައި ހަމަނުޖެހުން އުފައްދައި ޗައިނާ ބަލިކަށިކޮށްލުމަކީ އަބަދުވެސް ހުޅަނގުން ބޭނުންވާ ކަމެކެވެ. އެހެންވެ މިފަހަރުގެ ހަމަނުޖެހުންތަކަށް ހިތްވަރުދީ އަލިފާނަށް ތެޔޮއެޅުންހުރި ނެތްގޮތްވެސް ބަލައިލުން މުހިންމެވެ.

ޗައިނާގައި ހަޅުތާލުތައް މިފެށުނީ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގެ ބައްދަލުވުމަކަށްފަހު އައު ދައުރެއް ރައީސް ޝީ ޖިންޕިންއާ ހަވާލުކުރިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ. މިއީ ޖުމްލަގޮތެއްގައި ސަރުކާރާއި ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށް ކުރާ ހަޅުތާލަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެކަން އެގޮތަށް ފުޅާކުރުމަށް ހުޅަނގުގެ ގައުމުތަކުން މިހާރުވެސް އެދަނީ މަސައްކަތް ކުރަމުންނެވެ. ޗައިނާގެ މުޒާހަރާތަކަށް ހުޅަނގުގެ މީޑިއާއިން އާދަޔާ ޚިލާފު ސަމާލުކަމެއް ދީގެން އުޅުމުގެ ސިއްރަކީ އެއީއެވެ. އެހެންވީމާ މިކަމަކީ ޗައިނާގެ ރަސްމީ ފަރާތްތަކުން އަޅާނުލައި ދޫކޮށްލާނޭ ކަންކަމެއް ނޫނެވެ. ކޮންމެ ފިޔަވަޅެއް އަޅައިގެންވެސް، އަދި ކޮންމެ ކަހަލަ އަގެއް އަދާކޮށްގެންވިޔަސް ހަޅުތާލުތައް މައިތިރިކޮށް މައިދާން ސާފުކުރާނެއެވެ. މިކަމުގެ ތެރޭގައި ގެއްލިގެންދަނީ ކިތައް ފުރާނަތޯ ބެލުމެއްވެސް ނޯންނާނެއެވެ. މިހާރުވެސް އެމަންޒަރު ފެނިއްޖެއެވެ. އެބަފެނެއެވެ.

ޗައިނާގައި މިފަދަ މުޒާހަރާތައް މީގެކުރިން ފެނިފައިވަނީ މުޅި ގައުމަކުން ނޫނެވެ. އެކިފަހަރު އެކި ސިޓީތަކުގައެވެ. އެންމެފަހުން މިޒާތުގެ ކަންތައްތަކެއް ހިނގީ ހޮންގްކޮންގައެވެ. ކުރީސަފުގައި ކިޔަވާކުދިން ތިބެގެންނެވެ. އެކަން ހެދިނެހެދިއެއްވެސް ނާންގައި ޗައިނާއިން ކޮންޓްރޯލްކުރިއެވެ. ކަންކަން ރާވައި ހިންގަން އިސްކޮށްތިބި މީހުންނާއި އަލިފާނަށް ތެޔޮއަޅާ މީހުން ނިޒާމުން ގެއްލުވައިލައިގެންނެވެ. ހޮންގްކޮންގައި އެކަންކަންކުރީ ވެރިރަށް ބެއިޖިންގައި އޭގެ އެތައް އަހަރެއްކުރިން ސަލާމަތީ ބާރުތަކުން އަމަލުކުރިގޮތާ ވަރަށް ތަފާތު ގޮތަކަށެވެ. ހޮންގްކޮންގައި ކުރިކަމެއްވިއްޔާ ކުރީ ފަރުދާގެ ފުރަގަހުގައެވެ. ބެއިޖިންގުގެ މުޒާހަރާތައް ކޮންޓްރޯލްކުރީ ހަމަސީދާ ފަރުދާގެ ކުރިމަތީގައި ގަދަފަދަ ބާރު ބޭނުންކޮށްގެންނެވެ. އެތައް ބަޔެއްގެ ފުރާނަ ނަގާލައިގެންނެވެ.

ކުރިންވެސް ބަޔާންކުރެވުނު ފަދައިން މިފަހަރުގެ މުޒާހަރާތައް ކުރިއަށް މިދަނީ މިވަގުތު 8 ސިޓީއެއްގައެވެ. ޗައިނާގެ ތަފާތު ކަންކޮޅުތަކުގައެވެ. މިފަހަރު ގޮވަމުން އެދަނީ ސިޔާސީ ކަމަކަށްވުރެ ބޮޑަށް އިގްތިސާދީ އަދި އިޖުތިމާއީ ކަމަކަށެވެ. ގިނަބަޔަކު ތަހައްމަލް ކުރަމުންދާ ވޭނަކަށް ހައްލު ހޯދައިދިނުމަށް އެދިގެންނެވެ. އެހެންވީމާ ސަރުކާރުން އެކަމާދޭތެރޭ ވިސްނާނެއެވެ. ގަދަފަދަ ބާރުގެ ބަދަލުގައި އިދާރީ އަދި ސިޔާސީ ހައްލެއް ގެނައުމަށް ވިސްނާނެއެވެ. މިކަން ނިމޭނޭކަމަށް ފެންނަނީ ކޮވިޑުގެ ކަންކަމަށް ފަރުމާކުރެވިފައިވާ ހަރުކަށި ގަވާއިދުތައް އިސްލާހުކޮށްގެންނެވެ. ސިޓީތައް ލޮކްޑައުން ކުރުމާއި އިމާރާތްތަކުގެ ބޭރުގައި ކެމެރާ ބަހައްޓައިގެން މީހުންގެ އުޅުން ހުންނަ ނުހުންނަގޮތް ބެލުން ހުއްޓާލައިގެންނެވެ. އެހެންނޫނީ މުޒާހަރާތަކަށް އާއްމުންގެ ތަރުހީބު ދާނީ އިތުރުވަމުންނެވެ.

ޗައިނާގައި ސޯޝަލް މީޑިއާގެ ނުފޫޒަކީ ވަރަށް ބޮޑު ނުފޫޒެކެވެ. އެހެންނަމަވެސް އެއީ ޗައިނާގެ އަމިއްލަ ޕްލެޓްފޯމްތަކެކެވެ. ބޭނުންއިރެއްގައި ބޭނުން މިންވަރަކަށް ސެންސަރު ކުރެވޭނޭހެން އޮންނަ ޕްލެޓްފޯމެކެވެ. ހުޅަނގުގެ މުށުތެރޭގައިވާ ޓުވިޓަރާއި ފޭސްބުކަކީ ޗައިނާގައި އޮޕަރޭޓްކުރެވޭ ޕްލެޓްފޯމްތަކެއް ނޫނެވެ. ޗައިނާގެ ރައްޔިތުންގެ ސޯޝަލް މީޑިއާއަކީ ވެއިބޯގެ ނަންދެވިފައިވާ ޗައިނާގެ އަމިއްލަ ޕްލެޓްފޯމެކެވެ. މީގައި މުޒާހަރާ ޕްރޮމޯޓްކުރުމުގެ އެންމެހައި ކަންކަން މިހާރުވަނީ މަނާކޮށްފައެވެ. އޭގެތެރޭގައި އެއްވެސް އެއްޗެއް ލިޔެފައިނުވާ ހުދުކަރުދާސް ބޭނުންކުރުންވެސް ހިމެނެއެވެ. ހުދުކަރުދާހުގެ މާނަޔަކީ ބައިވަރު ވާހަކަތައް އެބަހުއްޓެވެ. އަނގަމަތީގައި ޓޭޕްއަޅަން ޖެހޭތީ ބޭރުކުރެވެން ނެތީއެވެ. މިއީ ހޮންކޮންގެ މުޒާހަރާތަކުން ތައާރަފުވި އެއްޗެކެވެ.