ވޯލްޑް ކަޕްގެ ގަދަ 16 ގެ ޖާގައެއް ލިބުމުން އެކަމާ އުފާކުރާ ކަމަށާއި ނަމަވެސް އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށް ޕޮލެންޑް ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ބުނެފިއެވެ.
ޕޮލެންޑަށް ގަދަ 16 ގެ ޖާގައެއް ކަށަވަރުވީ ހަނި ގޮތަކަށެވެ. އާޖެންޓީނާއާ ދެކޮޅަށް ޕޮލެންޑް ނުކުތް އިރު، އެޓީމަށް ޕޮއިންޓެއް ހޯދައިގެން ވެސް ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ. އާޖެންޓީނާއަށް މެޗުން މޮޅުވުން ނޫން ގޮތެއް ނެތެވެ. އެ މެޗުން އާޖެންޓީނާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
"ގްރޫޕު ސީ" ގައި އެއް ވަގުތެއްގައި ކުޅުނު ދެ މެޗު ވަކި ހިސާބަކަށް ދިޔަ އިރު، ހުރިހާ ގޮތަކުން ޕޮލެންޑާއި މެކްސިކޯ އެއްވަރުވެފައި ވެސް އޮތެވެ. އޭރު ބަލަން ޖެހިފައި އޮތީ ފެއާ ޕްލޭ ރެކޯޑަށެވެ. އެގޮތަށް ބަލައިގެން ކާޑު މަދުން ދެއްކި ޓީމުގެ ގޮތުގައި ކުރީގައި އޮތީ ޕޮލެންޑެވެ. އަލުން ގޯލުގެ ތަފާތަށް ބަލަން ޖެހުނީ ފަހު ވަގުތު މެކްސިކޯ ކޮޅަށް ސައުދީން ގޯލެއް ޖެހުމުންނެވެ. އެ މެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެކްސިކޯ ކުރީގައި އޮވެގެންނެވެ.
ގްރޫޕުގެ އެއްވަނައިގައި އާޖެންޓީނާ ނިންމާލީ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ނިންމާލި ޕޮލެންޑް އަދި ތިންވަނައިގައި ނިންމާލި މެކްސިކޯއަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޕޮލެންޑް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ސައުދީއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.
އާޖެންޓިނާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީ ބުނީ އެ މެޗުގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅެމެއް ދެއްކޭނެ ކަމަށް އުންމީދުކޮށްފައިވާނެ ކަމަށެވެ.
"މިއީ އުފާވެރިކަމުގެ ބައްޔެކޭ ބުނެވިދާނެ. އެކަމަކު އަހަރެމެންނަށް ދެއްކުނު ކުޅުމާ މެދު ހިތްހަމައެއް ނުޖެހޭ. އަހަރެމެންނަށް އެ ދެއްކުނު ކުޅުމާ މެދު ހިތްހަމަޖެހިގެން ތިބެވޭކަށް ނޯންނާނެ،" އޭނާ ބުންޏެވެ.
ރޭގެ މެޗުގައި މެޗުގައި އާޖެންޓީނާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، ޕޮލެންޑަށް ފުރުސަތެއް ނުދީ ނުރައްކާ އެޓޭކިން ކުޅުމެއް ދެއްކިއެވެ. ޕޮލެންޑްގެ ތަރި ލެވަންޑޯސްކީ އަދި އެޓީމުގެ އެއްވެސް ކުޅުންތެރިޔަކަށް އާޖެންޓީނާގެ ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވައިލެވިފައެއް ނުވެއެވެ. އަނެއްކޮޅުން އާޖެންޓީނާއިން ވަނީ ޕޮލެންޑުގެ ގޯލަށް އަމާޒުކޮށް 13 ހަމަލާ ފޮނުވާލައިފައެވެ.
"އަހަރެމެން މެޗުގައި އެއްވެސް ރިސްކެއް ނުނަގާ ގޮތަށް ތިބީ. އެގޮތަށް އަހަރެމެން ކުޅުނީ ވެސް. ގަދަ 16އަށް ދަތުރުކޮށް، އަހަރެމެންގެ އަމާޒު ހާސިލުކުރެވިއްޖެ. އަހަރެމެން މެޗުން ބަލިވި ނަމަވެސް، އުފަލުގައި ތިބެވިދާނެ،" ލެވަންޑޯސްކީ ބުންޏެވެ.
މެޗަށްފަހު ޕޮލެންޑްގެ ކޯޗު ޗެސްލޯ މިޗްނެވިޗް ބުނީ ޓީމުގެ އެޓޭކް ދަށްކޮށް ފެނިގެންދިއުމަކީ ލެވަންޑޯސްކީގެ ކުށެއް ނޫން ކަމަށާއި އޭނާއަށް ގޯލު ޖަހާނެ ފުރުސަތު އެހެން ކުޅުންތެރިންނަށް ހޯދައިނުދެވުމުން އެޓޭކު ދަށްވެގެންދިޔައީ ކަމަށެވެ.
"އަހަރެން އެއްވެސް ކުޅުންތެރިޔަކު ކުށްވެރި ކުރަނީކީ ނޫން. އެކަމަކު އެހެން ކުޅުންތެރިންނަށް ލެވަންޑޯސްކީއަށް ފުރުސަތު ހޯދައިނުދެވުމުން ޓީމުގެ އެޓޭކު ދަށްވީ. މިއަދު މެސީ އަހަރެމެންގެ ޓީމަށް އަދި ލެވަންޑޯސްކީ އާޖެންޓީނާއަށް ކުޅުނު ނަމަ، އެ ހާލަތު ތަފާތުވާނެ. އޭރުން ލެވަންޑޯސްކީގެ ފަރާތުން ފަސް ގޯލު ފެނުނީސް. ލެވަންޑޯސްކީއަށް ބޭނުންވީ އެހެން ކުޅުންތެރިންގެ އެހީތެރިކަން،" ޕޮލެންޑް ކޯޗު ބުންޏެވެ.
ގަދަ 16 ގައި ޕޮލެންޑް ނުކުންނަން ޖެހޭނީ "ގްރޫޕު ޑީ" ގެ އެއްވަނަ ފްރާންސާ ދެކޮޅަށެވެ. އަންނަ އާދީއްތަ ދުވަހު ކުޅޭ އެ މެޗަކީ ވެސް ޕޮލެންޑަށް އުނދަގޫ މެޗަކަށް ވާނެއެވެ. ހާއްސަކޮށް އެޓީމުގެ ފޯވަޑް ލައިންގައި ހިމެނޭ ކިލިއާން އެމްބާޕޭ އާއި އޮސްމާން ޑެމްބެލޭ އަދި އެންޓޮއިން ގްރީޒްމަން ހުއްޓުވަން އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022