މޮރޮކޯގެ ރައްޔިތުންގެ ހިނިތުންވުމަށް ތާރީހު ލިޔެލަން ކުޅުންތެރިން 110 ޕަސެންޓް ދޭނެ ކަމަށް ކޯޗު ވަލީދު ރެގްރަގޫ ބުނެފިއެވެ.

މޮރޮކޯއިން ވޯލްޑް ކަޕްގެ ގަދަ 16 ހޯދަން މިރޭ ނުކުންނާނީ ކަޓާފައިވާ ކެނެޑާއާ ދެކޮޅަށެވެ. މޮޅަކާއެކު އަމިއްލަ ބާރުގައި މޮރޮކޯއަށް ގަދަ 16 ހޯދެން އޮތް އިރު، މޮރޮކޯގެ ވޯލްޑް ކަޕް ތާރީހުގައި އެޓީމުން މިހާތަނަށް ވޯލްޑް ކަޕްގެ ގަދަ 16 ހޯދާފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 1986 ވަނަ އަހަރު މެކްސިކޯ ވޯލްޑް ކަޕްގައި އެކަންޏެވެ. އެހެންކަމުން މިފަހަރުގެ ޓީމުން އެކަން ކުރަން ނުކުންނާނީ ތާރީހަށްޓަކައި ކަމަށް ކޯޗު ރެގްރަގޫ ވަނީ ބުނެފައެވެ.

"ކްރޮއޭޝިއާ ބެލްޖިއަމް މެޗުގެ ނަތީޖާއަށް ވާގޮތެއް ބަލައިގެން ގަދަ 16 ހޯދުމުގެ ވިސްނުމެއް ނެތް. އަމިއްލަ އަތުގައި އޮތް ބާރުން ނަތީޖާ ނެރެން ވިސްނުން ހުރީ. ކުޅުންތެރިން ހުރިހާ ކަމެއް މެޗަށް ގުރުބާން ކުރާނެ. ދަނޑުމަތީގައި 110 ޕަސެންޓް ދޭނެ. ފައިބައިގެން ދާން ބޭނުންވަނީ މޮރޮކޯގެ އާބާދީ އުފާކޮށްދީ، އެއްވެސް ރިގްރެޓެއް ނެތި،" ރެގްރެގޫ ބުންޏެވެ.

ބެލްޖިއަމް ބަލިކުރި މެޗަށްފަހު މޮރޮކޯ ޓީމުގެ މެނޭޖުމަންޓުން ކުޅުންތެރިންނަށް އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިވެއެވެ. ކޯޗު ރެގްރެގޫ ބުނީ ކުޅުންތެރިންގެ އާއިލާތަކާ ބައްދަލުކުރަން ފުރުސަތު ދިނީ ޓެކްނިކަލީ ވިސްނާފައި ކަމަށާއި، އެ ހިތްހަމަ ޖެހުން ދަނޑުމަތިން ފެންނާނެ ކަމަށް އުންމީދުވެސް ކުރާ ކަމަށެވެ.

އޭގެ އިތުރުން ޕްރެސްގައި ވާހަކަ ދައްކަމުން ރެގްރަގޫ ބުނީ އެފްރިކާގެ ޝަރަފުގައިވެސް ގަފަ 16 މުހިއްމު ކަމަށާއި، ސެނެގާލުން އޮތީ މަގު ދައްކައިދީފައިވެސް ކަމަށެވެ.

މޮރޮކޯއާ ދެކޮޅަށް ނުކުންނަ އިރު، މުބާރާތުން އަލްވަދާއު ކިޔާފައި ކެނެޑާ އޮތް ނަމަވެސް، ކޯޗު ޖޯން ހާޑްމެން ބުނީ ނުކުންނަނީ ކެނެޑާ ފުޓުބޯޅަ ތާރީހުގައި ފުރަތަމަ ވޯލްޑް ކަޕް މޮޅެއް ހޯދަން ކަމަށާއި، އެހެންކަމުން އެންމެ ތަންކޮޅެއްވެސް ދޫނުދޭނެ ކަމަށެވެ.

ކެނެޑާއާއި މޮރޮކޯ ވާދަކުރާ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.