ގަތަރު ވޯލްޑް ކަޕް 2022

މާޓިނޭޒްގެ ރުޅި މީޑިއާތަަކަށް، ކްރޮއޭޝިއާ ބުނަނީ "މޮޔަ ނުހެއްދޭނެ" ކަމަށް!

މުޙައްމަދު ޝަމްޢޫން

އެންމެފަހުގެ ވޯލްޑް ކަޕް ތިންވަނަ ޓީމާއި ދެވަނަ ޓީމު މިރޭ މަރުގެ މެޗަކަށް ނުކުންނާނެއެވެ. ދެޓީމަށްވެސް ޔަގީންކޮށް، ހަމަޖެހިލައިގެން ގަދަ 16 ހޯދެން އޮތީ މޮޅެއް ހޯދައިގެންނެވެ. ކްރޮއޭޝިއާއާއި ބެލްޖިއަމް މިރޭ ކުޅޭ މެޗު ވެގެންދަނީ ޔޫރަޕްގެ ވަރުގަދަ ކުރިމަތިލުމަކަށެވެ. މެޗަށް ނުކުންނަ އިރު، ބެލްޖިއަމް އޮތީ "ހައިޖާން" ގަނޑެއްގެ ތެރޭގައެވެ. ކްރޮއޭޝިއާއިން ބުނަނީ އެކަމުގައި ޖެހި "މޮޔަ ނުހެދޭނެ" ކަމަށެވެ.

ގްރޫޕް އެފްގައި މިރޭ ބެލްޖިއަމް ނުކުންނާނީ އެޓީމުން މިދިޔަ މެޗުގައި މޮރޮކޯ އަތުންވި ބަލި ހަނދާން ނައްތާލުމަށެވެ. އެ މަސައްކަތަށް ބެލްޖިއަމް ނުކުންނާނީ ދަނޑު ބޭރުގެ ކަންތައްގަނޑެއްގެ ތެރޭގައި އޮވެއެވެ.

ބެލްޖިއަމް ޓީމު ތެރޭގައި ނުތަވަސްކަމެއް އުޅޭކަމަށް މިދިޔަ ދެތިން ދުވަހުގެ ތެރޭގައި މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ. ހާއްސަކޮށް މޮރޮކޯ މެޗުގެ ކުރީންނާއި، އެމެޗުގެ ފަހުން މީޑިއާގައި އެކިއެކި ކުޅުންތެރިން ދެއްކި ވާހަކަތަކުންވެސް ބެލްޖިއަމް ޓީމު ތެރޭގައި ކޮންމެވެސް ނުތަވަސްކަމެއް އުޅޭކަން ވަނީ ފާހަގަވެފައެވެ. އެވާހަކަތައް މީޑިއާގައި ގިނަވެ، ޓީމުގެ ދެ ކެޕްޓަނުން ކަމަށްވާ އެޑެން ހަޒާޑާއި، ތިބޯ ކޯޓުއާއަށް ވަނީ ނޫސްވެރިންނާ ކުރިމަތިލާން ޖެހިފައެވެ.

މައްސަލަ ފެށުނީ މޮރޮކޯއާ ދެކޮޅަށް ކުޅެ ބެލްޖިއަމް ބަލިވި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އިތުބާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނި ވާހަކައަކުންނެވެ. ޑ ބްރޭނާ ބުނީ ބެލްޖިއަމް މާ މުސްކުޅިވެ، ވޯލްޑް ކަޕަށް އުންމީދެއް ނެތް ކަމަށެވެ. އެކަމަށް ބާރުދީ އެޑެން ހަޒާޑްވެސް ވަނީ ނޫސްވެރިންނާ ވާހަކަ ދައްކާފައެވެ.

ބެލްޖިއަމުން މޮރޮކޯ ކައިރިން ބަލިވި މެޗަށްފަހު ހަޒާޑާއި ޑި ބްރޭނާގެ އެ ވާހަކަތަކަށް ކޯޗު ރޮބާޓޯ މާޓިނޭޒަށް ރައްދު ދޭން ޖެހުނު އިރު، އޭނާ ބުނީ ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގެ ތެރެއިން ކުޅުންތެރިން އަބަދުވެސް އިންޓަވިއުތައް ދޭން ޖެހޭ އިރު، އެފަދަ ގޮތަކަށް ބައެއް ބަސްތަކުން މާނަ ނަގައިގެން ނޫސްވެރިން ވާހަކަ ދެއްކުން އެއީ އާކަމެއް ނޫން ކަމަށެވެ.

މޮރޮކޯ މެޗަށްފަހު ޑިފެންޑަރު، ޖޭން ވަޓޮންގަން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަނީ ނުސީދާ ގޮތަކަށް ޑިބްރޭނާގެ އިންޓަވިއު އާއި ހަޒާޑްގެ ވާހަކަތަކަށް ރައްދުދީފަ އެވެ. ވަޓޯންގަން ބުނީ ފަހަރުގައި މޮރޮކޯ އަތުން ބަލިވީ އެޓޭކް ގޯސްވެގެން ކަމަށް ވެދާނެ ކަމަށާއި އެޓޭކްގައި ތިބީ "އުމުރުން ދުވަސްވެފައި" ތިބި ކުޅުންތެރިންނަށް ވުން އެކަށީގެންވާ ކަމަށެވެ.

އެހެން ވަޓޮންގަން ބުނުމާއެކު ޓީމުގެ ތަމްރީނުތަކުގެ ތެރޭގައި އަރައިރުމަކަށް ދިޔަކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. އެކަން އެހެން ނުހިނގާ ކަމަށް ޓީމުން އިއްޔެ ބުނެފައިވާ އިރު، މާޓިނޭޒް ވަނީ އެގައުމުގެ މީޑިއާތަކަށްވެސް ފާޑު ކިޔައިފައެވެ.

"ބެލްޖިއަމްގެ މީޑިއާތަކުންވެސް ދޮގު ހަބަރުތަކުގައި ހިފައިގެން ވާހަކަތައް ދައްކާފައިވޭ. އެހިސާބުން މި ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް އެނގިއްޖެ ބޭރުން ދައްކާ އެއްވެސް ވާހަކައެއްގެ އަޑު އެހެން ނެތްކަން. ގައުމެއް، ޓީމެއް އެކުވެރިކުރުމުގެ ބަދަލުގައި ދޮގު ހަބަރުތައް ފަތުރަން މި މަސައްކަތް ކުރަނީ. ބެލްޖިއަމް ތާރީހު ދުށް އެންމެ ވަރުގަދަ ޓީމަށްވެސް ހިތްވަރު ދޭން މީޑިއާތަކުން ނުކުޅެދިއްޖެ. އޭގެން އެނގެނީ މި ދަތުރުގައި މިތިބީ އަހަރެމެން ޓީމު އެކަނިކަން. ދެން އޮތީ ސަޕޯޓަރުންނަށް އޮތް އުންމީދެއް. އެ ސަޕޯޓަރުން ޓީމާއެކު ތިބިއްޔާ ކުރިއަށްދާނެ،" މާޓިނޭޒް ބުންޏެވެ.

"އެވާހަކަ ފެތުރި މީހަކު ބެލްޖިއަމް ކޮޅަށް ޖެހީ މޮޅު ގޯލެއް. އަހަންނަކީ އިދިކޮޅު ގައުމެއްގެ ޖާނަލިސްޓެއް ނަމަވެސް އެކަން އެހެން ކުރާނެކަންނޭނގެ. އެކަމަކު އެ ހަބަރު އައި ދިމާލެއް ހޯދާކަށްވެސް ނެތިން،" މާޓިނޭޒް އިތުރަށް ބުންޏެވެ.

އެ ވާހަކަތަކުގެ އަޑު ބާރުވެފައި އޮތް ނަމަވެސް ކްރޮއޭޝިއާ ކޯޗު ލަޓްކޯ ޑަލިޗް އެކަމުގެ ޖަޒުބާތުގައި ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ބެލްޖިއަމްއާ ދޭތެރޭ ބުނާކަށް އެއްވެސް އެއްޗެއް ނެތް. އެކަމުގައި އަހަރެމެން މޮޔައެއް ނުހެއްދޭނެ. އެއީ ދުނިޔޭގެ ދެވަނަ ޓީމު، އެކަމަށް އަހަރެން ފޯކަސް ކުރާނީ. އަހަރެމެން ފޯކަސް ކުރާނީ އެ ކަމަށް އެކަނި. ބެލްޖިއަމްގެ ކޮލިޓީއަށް އެކަނި. ބެލްޖިއަމްއަށް އެންމެ ރެޔަކުން ފުޓުބޯޅަ ކުޅޭކަށް ހަނދާނެއް ނުނެތޭނެ. އެއީ މޮޅު ވަރުގަދަަ ޓީމެއް. އަހަރެމެންނަކީ 12 ވަނައިގެ ޓީމް. އެއީ ދެވަނަ ޓީމް. ވަރަށް ސާފު،" ޑަލިޗް ބުންޏެވެ.

ބެލްޖިއަމްއާއި ކްރޮއޭޝިއާ ވާދަކުރާ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.