ގަތަރު ވޯލްޑް ކަޕް 2022

ޗެމްޕިއަން ފްރާންސް ބަލިކުރި ނަމަވެސް، ޓިއުނީޝިއާއަށް ހިތްދަތި އަލްވަދާއެއް

ވޯލްޑް ކަޕްގެ "ގްރޫޕު ޑީ" ގައި ޓިއުނީޝިއާ އިން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފިއެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފްރާންސްގެ މައްޗަށް ޓިއުނީޝިއާ އިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕު ސްޓޭޖުގެ ފަހު މެޗަށް މެޗަށް ފްރާންސުން ނުކުތް އިރު، އެޓީމަށް އޮތީ ގަދަ 16 ކަށަވަރުވެފައެވެ. ޓިއުނީޝިއާ އިން މޮޅެއް ހޯދި ނަމަވެސް، އެޓީމަށް އަމިއްލަ ބާރެއް ނެތެވެ.

ފްރާންސުން މެޗަށް ނުކުތީ ގިނަ ބަދަލުތަކަކާއެކުއެވެ. އެންމެ ފަހުން ކުޅުނު މެޗަށް ނެރުނު ފުރަތަމަ 11 ގައި ހިމެނުނު ނުވަ ކުޅުންތެރިއެއް ފެނުނީ ބެންޗުންނެވެ. ކިލިއާން އެމްބާޕޭ، އޮސްމާން ޑެމްބެލޭ، އެންޓޮއިން ގްރީޒްމަން އަދި އޮލިވިއާ ޖިރޫ ވެސް އިނީ ބެންޗުގައެވެ. ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސްގެ ބަދަލުގައި ފްރާންސްގެ ގޯލު ބަލަހައްޓަމުންދިޔައީ ސްޓީވް މަންޑަންޑާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާކޮށް ފެނުނީ ޓިއުނީޝިއާއެވެ. ޓިއުނީޝިއާ އިން ދިޔައީ ކުރިއަށް ޖެހި، ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނުރައްކާތެރި ހުރަސްތައް ނަގަމުންނެވެ.

މެޗުގެ އަށްވަނަ މިނެޓުގައި ވަހްބީ ކަޒްރީ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޓިއުނީޝިއާގެ ނާދާ ގަންދްރީ، ފްރާންސްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ. ނަމަވެސް ވީއޭއާރުގެ އެހީއާއެކު ރެފްރީ ނިންމީ ގަންދްރީ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

ޓިއުނީޝިއާ އިން ރަނގަޅު ކުޅުމެއް ދައްކަމުންދަނިކޮށް، މެޗުގެ 26 ވަނަ މިނެޓުގައި ކައުންޓާ އެޓޭކުގައި ފްރާންސުން ނުރައްކާކުރިއެވެ. ޔޫސުފް ފޮފާނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކިންގްސްލީ ކޯމާން ފޮނުވާލި ހަމަލާ ޓިއުނީޝިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ޓިއުނީޝިއާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޓިއުނީޝިއާ ކެޕްޓަން ވަހްބީ ކަޒްރީ ފޮނުވާލި ހަމަލާ، ފްރާންސްގެ ކީޕަރު ސްޓީވް މަންޑަންޑާ ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ޓިއުނީޝިއާ އިން ފެށީ ނުރައްކާކޮށެވެ. ހާފު ފެށިތާ ހަތް މިނެޓު ތެރޭ ޓިއުނީޝިއާއަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. އެލްޔެސް ސްކްރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އައީސާ ލައިޑޫނީ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ޓިއުނީޝިއާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ލައިޑޫނީ ދިން ބޯޅަ ހިފައިގެން ފްރާންސްގެ ޑިފެންޑަރުން ކައިރިން ނައްޓާލައި، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ޓިއުނީޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ވަހްބީ ކަޒްރީއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަކަށެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ޓިއުނީޝިއާ އިން ޖެހި ފުރަތަމަ ގޯލެވެ.

އެ ގޯލަށްފަހު ފްރާންސުން ވަނީ ޓީމު ވަރުގަދަކުރަން ތަރިން ކުޅެން ނެރެފައެވެ. އެގޮތުން ކިލިއާން އެމްބާޕޭ އާއި އެންޓޮއިން ގްރީޒްމަން އާއި އޮސްމާން ޑެމްބެލޭ އަދި އެޑްރިއަން ރާބިއޯ ވަނީ ފްރާންސުން ކުޅެން އަރުވައިފައެވެ. އެ ބަދަލުތަކާއެކު ފްރާންސުން ނުރައްކާކުރުމަށް މަސައްކަތްތަކެއް ކުރިއެވެ.

މެޗު ނިމެނިކޮށް ފްރާންސަށް ގޯލު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ރާބިއޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައި ނުވާ އިރު، އެމްބާޕޭ ފޮނުވާލި ހަމަލާ ޓިއުނީޝިއާގެ ކީޕަރު އޭމަން ޑެހްމަން ވަނީ މަތަކޮށްފައެވެ. އަދި ޑެމްބެލޭ ފޮނުވާލި ހަމަލާ ދިޔައީ ޓިއުނީޝިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ތެރެއިން ޓިއުނީޝިއާގެ ގޯލުގެ ތެރެއަށް ގްރީޒްމަން ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

އެ ގްރޫޕުން ފްރާންސާއެކު ގަދަ 16 ގެ ޖާގައެއް ހޯދާފައިވަނީ އަނެއް މެޗުގައި ޑެންމާކް ބަލިކުރި އޮސްޓްރޭލިއާއެވެ. ފްރާންސަށް ގްރޫޕުގެ އެއްވަނަ ލިބުނު އިރު، އޮސްޓްރޭލިއާއަށް ލިބިފައިވަނީ ދެވަނަ މަގާމެވެ. ދެ ޓީމަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފްރާންސް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ތިންވަނައިގައި ނިންމާލި ޓިއުނީޝިއާއަށް ހަތަރު ޕޮއިންޓް ލިބުނު އިރު، ފުލުގައި ނިންމާލި ޑެންމާކަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.