ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ގަދަރުވެރި އެއް ޝަހުސިއްޔަތު، ބްރެޒިލްގެ ލެޖެންޑް ޕެލޭ އަނެއްކާވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
އީއެސްޕީއެން ބްރެޒިލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕެލޭ، ބްރެޒިލްގެ ސައޯ ފައުލޯގެ އަލްބަޓް އައިންސްޓައިން ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހު، އޭނާގެ އަންހެނުން މާޝިއޯ އައޯކީ ކަމަށެވެ. ޕެލޭ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ހަށިގަނޑު ވަރަށް ބޮޑު ދުޅަވާތީ ކަމަށާއި ޕެލޭގެ ހަށިގަނޑު ދުޅަވާންވި ސަބަބު ދެނެގަތުމަށް ހެދި ޓެސްޓުތަކުގެ ނަތީޖާގައި ޑިކޮމްޕެންސޭޓެޑް ހާޓް ފެއިލިއާއެއް ފާހަގަކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ޕެލޭގެ ހާލަތު ދެނެގަތުމަށް އިތުރު ޓެސްޓުތަކެއް ހެދުމަށް ނިންމާފައިވާ އިރު، އޭނާ ޑިސްޗާޖް ނުކުރުމަށް ޑޮކްޓަރުން ވަނީ ނިންމައިފައެވެ. ޑޮކްޓަރުން އުއްމީދު ކުރަނީ އިތުރަށް ހަދަން ނިންމާފައިވާ ޓެސްޓުތަކުން ކެންސަރުގެ އަސަރު ކޮށްފައިވާ ގުނަވަންތައް ދެނެގެވޭނެ ކަމަށެވެ. ކެންސަރަށް ދޭ ފަރުވާއެއް ކަމަށްވާ ކީމޯތެރަޕީއަށް ޕެލޭ ހަށިގަނޑު ރެސްޕޮންސް ނުކުރާ ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޕެލޭ ދަނީ މިދިޔަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުންނެވެ. އޭނާއަށް ވަނީ މީގެ ކުރިން އައިސީޔޫގައި ވެސް ފަރުވާދީފައެވެ. ޕެލޭގެ އަންހެން ދަރިފުޅާ ހަވާލަދީ ރެއުޓާސް އިން ރިޕޯޓުކޮށްފައިވަނީ ޕެލޭގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ޕެލޭގެ ސިއްހީ ހާލަތު މިހާރަކަށް އައިސް ފެންނަނީ ދަށްކޮށެވެ. 2015 ވަނަ އަހަރުވެސް ޕެލޭ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ އިރު، އެއަށްފަހު އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރު މަތިން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްގެންވެސް ވަނީ ފަރުވާ ދީފައެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕެލޭއަށް ވަރަށް ބޮޑަށް ހިނގާ އުޅެން ދަތިވުމުގެ މައްސަލަތައް ދިމާވެފައިވާ އިރު، އޭނާގެ ދަރިފުޅު އެފަހަރު ބުނެފައި ވަނީ އަމިއްލައަށް ހިނގާބިނގާވެ އުޅެން ޕެލޭއަށް ދަތިވާތީ ގެއިން ބޭރަށް ނުކުންނަން ލަދުގަންނަ ކަމަށެވެ. މީގެ ކުރިން 2019 ވަނަ އަހަރު ޔޫރިން އިންފެކްޝަނެއްގެ ސަބަބުންވެސް ޕެލޭއަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދީފައެވެ.
ބްރެޒިލަށް އެންމެ ގިނަ ގޯލު ޖަހައިދިން ރެކޯޑް އޮތް ޕެލޭއަކީ ފުޓްބޯޅައިގައިވެސް ބޮޑު ރެކޯޑުތަކެއް މުގުރާލާފައިވާ ތަރިއެކެވެ. ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ޖަަހައިފައެވެ.