ޚަބަރު

ވަގު ޑޮލަރުގެ ވިޔަފާރި ކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ބަންދަށް 40 ދުވަސް

މުހައްމަދު އިޝާން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވަގު ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ 40 ދުވަސް ޖަހައިފިއެވެ.

ކުރިމިނަލް ކޯޓުން ބުނީ، އެ މައްސަލައިގައި ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ސ. ހުޅުދޫ، އިރަމާގެ ޒައިދާން އަލީ 23، ގދ. ގައްދޫ، ދިލާވަރުގެ ޝަފުރާ އަބްދުﷲ އާދަމް 24، އަދި ހުޅުމާލެ ފުލެޓް ނަމްބަރު 13-17-5 އެޗް އަބްދުﷲ ނަޝީލް 21 އެވެ.

ކުރިމިނަލް ކޯޓުން އެ ތިން މީހުން ވެސް ދިގު މުއްދަތަކަށް ބަންދުގައި ބަހައްޓަން އަމުރުކުރީ އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއްވުމުގެ އިހުތިމާލު އޮތުމުންނެވެ.

ފުލުހުން އެ ތިން މީހުންގެ މައްޗަށް ކޮށްފައިވަނީ މަކަރާއި ހިލާތް ހެދުން/ ފޯޖަރީ ގެ ކުށެވެ. އަމުރުގައި ބުނީ އެ ކުށް އެ ތިން މީހުން ކުރިކަމަށް ބެލެވޭ ވަރަށް ފުލުހުންގެ ފަރާތުން ކޯޓަށް ހެކި ހުށަހަޅާފައިވާ ކަމަށާއި ހެކި ތަކުގެ ތެރޭގައި ތަހުގީގަށް ދީފައިވާ ބަޔާން ހިމެނޭ ކަމަށް އަމުރުގައި ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ ތިން މީހުންގެ މައްޗަށް މަކަރާއި ހީލަތް ހެދުން/ ފޯޖަރީގެ ތުހުމަތު ކުރަނީ ސައްހަ ނޫން ޑޮލަރުތަކެއް ބޭނުން ކޮށްގެން މުއާމަލާތް ކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުން މިމަހުގެ 24 ވަނަ ދުވަހު ބުނެފައިވަނީ ފުޅާ ދާއިރާއެއްގައި ވަގު ޑޮލަރުގެ މުއާމަލާތް ކުރަމުންދިޔަ 24 އަހަރުގެ އަންހެނަކާއި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ މަގުމަތިން ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ދެ މީހުން ހައްޔަރުކުރުމަށްފަހު ފުރަތަމަ ހާޒިރު ކުރީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.

ވަގު ޑޮލަރުތަކެއް ބޭނުން ކޮށްގެން ފޯނެއް ގަންނަން އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުުހުން ވަނީ މިމަހުގެ 14 ވަނަ ދުވަހު ބުނެފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.