ޖިންސީ ގުނަވަނުގައި މަސްތުވާތަކެތި ހަރުކޮށްގެން އުޅެނިކޮށް އަތުލައިގަތް މީހަކު އުމުރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ހުކުމްކޮށްފައިވަނީ، ކ، ދިއްފުށީ، ރާސްތާ، ހަސަން ސަފީގުގެ މައްޗަށެވެ.
ކުރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ސަފީގް އުމުރަށް ޖަލަށްލުމާ އެކު، 100،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ އެއް އަހަރުގެ ތެރޭގައި ދައުލަތަށް ދައްކަން ވަނީ އަންގައިފައެވެ.
ސަފީގްގެ މައްޗަށް އެ ހުކުމް އައީ 2019 ވަނަ އަހަރު އޭނާ މާލެއިން ފުރަން އުޅެނިކޮށް ހައްޔަރު ކުރި އިރު، އޭނާގެ ކުރިމަތި ފަރާތުގައި ޓޭޕް އަޅައިގެން 4.4 ގްރާމް ޑައިމޯފިން ހަރުކޮށްފައި ހުރުމުންނެވެ.
އެ މައްސަލައިގެ އިބުތިދާއީ މަރުހަލާގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އޭނާގެ ކުރިމަތި ފަރާތުގައި މަސްތުވާތަކެތި ހަރުކޮށްފައި ހުރީ އޭނާއަށް އެނގިގެން ކަމުގައި ބަލަން ޖެހޭނެ ކަމަށާއި އެގޮތުން ލައިގެން ހުންނަ ޖިންސާއި ހަށިގަނޑާ ދޭތެރެއަށް މަސްތުވާތަކެތި ޖަހާފައި ހުންނަ ހާލަތްތަކުގައި އެއީ އެނގި ހުރެ ކޮށްފައިވާ ކަމެއް ކަން ސާބިތުކުރަން އިތުރު ހެކި ބޭނުމެއް ނުވާނެ ކަމަށެވެ.