ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "އާބަން އައިލް" ނަމުގައި ހުޅުމާލޭގައި އިންޓަގްރޭޓެޑް އާބަން ޓޫރިޒަމްގެ އާ މަޝްރޫއެއް ތައާރަފުކޮށްފިއެވެ.
އާބަން އައިލްއަކީ ހުޅުމާލޭގެ އެއްމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމަޑޭޝަން ފެސިލިޓީތައް ހިމެނޭނެއެވެ.
އެގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮށް މަޑުކުރާ ފަތުރުވެރިންނަށާއި ވިޔަފާރީގެ ކަންކަމުގައި އަންނަ ފަތުރުވެރިން އަދި ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމަޑޭޝަންތައް ހިމެނެއެވެ.
އޭގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑެޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރެންޓްތައް ވެސް ހުންނާނެއެވެ.
ހުޅުމާލޭ ތަރައްގީކުރުމުގެ މަޝްރޫއާ މުޅިން ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގަން ނިންމާފައިވާ އެ މަޝްރޫއުގެ ދަށުން ތަރައްގީކުރަން ނިންމާފައި ވަނީ:
- މެދު ފަންތީގެ 10 ބުރީގެ ތިން ހޮޓާ - 19،103 އަކަމީޓަރުގެ ސަރަހައްދެއް
- މަތީ ފަންތީގެ 10 ބުރީގެ ތިން ހޮޓާ - 50،681 އަކަމީޓަރުގެ ސަރަހައްދެއް
- 8-10 ބުރީގެ ހަތަރު ސިޓީ ހޮޓާ - 2850 އަކަމީޓަރުގެ ސަރަހައްދެއް
- ހަ ބުރީގެ 21 ގެސްޓްހައުސް - 9224 އަކަމީޓަރުގެ ސަރަހައްދެއް
- ތިން ބުރީގެ 11 ލަގްޒަރީ ވިލާ - 5083 އަކަމީޓަރުގެ ސަރަހައްދެއް
- 8-12 ބުރިއަށް، ސާވިސްޑް އެޕާޓްމަންޓް ހަދަން 10 ބިން - 7006 އަކަމީޓަރުގެ ސަރަހައްދެއް
- ވިޔަފާރިތައް ތަރައްގީކުރަން ނުވަ ބިން - 9474 އަކަމީޓަރުގެ ސަރަހައްދެއް
އެޗްޑީސީން ބުނީ ހުޅުމާލެ އަދި ރާއްޖޭގެ އިގުތިސޯދީ މައި ހަބު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އާބަން އައިލް ގުޅިފައި ވުމުން އެތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށާއި މިފަދަ ގިނަ ޑިވަލޮޕްމަންޓުތަކެއް ހިމެނިފައި ވުމުން، އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށް ކަމަށެވެ.
ވެލާނާ އިންޓަނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެ އާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، އެތަނުގައި އެކޯޕަރޭޝަނުން ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗާގެ ސަބަބުން އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކު ސްމާޓް އިންފްރާސްޓްރަކްޗާއެއް، މިވަގުތު ގާއިމު ކުރަމުންދާ ކަމަށާއި މުޅި މަޝްރޫއަކީވެސް ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތަރައްގީކުރާ މަޝްރޫއަކަށް ހެދުމަށް އެކޯޕަރޭޝަނުން އިސްކަންދޭ ކަމަށް ބުންޏެވެ. އޭގެ އިތުރުން އިންވެސްޓަރުންނަށް ލީސް މޮޑެލް އަދި ޖޮއިންޓް-ވެންޗަ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް ރާވާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.
ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފްއެންބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށާއި ފަތުރުވެރިކަމުގެ އިންޓަގްރޭޓަޑް މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިގުތިސޯދަށް އަދި ހާއްސަކޮށް މާލޭ ސަރަހައްދަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އެތަކެއް މަންފާއެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ގިނަ އެހެން ދާއިރާތަކަކުން އެތައް ބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށާއި އާބަން އައިލްގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނުވައި، އިގުތިސޯދީ އެތައް ކުރިއެރުންތަކެއް ލިބި، އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ހިތްގައިމު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު