ޚަބަރު

ބީއެމްއެލްއަށް ދިގު މުއްދަތަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި

މުހައްމަދު ޖަމްޝަތް ވަހީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފިއެވެ.

އެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭންކުން ވަނީ ރޭ ދަރުބާރުގޭގައި ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާގައި ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ހިދުމަތްކޮށްފައިވާ 68 މުވައްޒަފަކަށް އެވޯޑު ދީފައިވެއެވެ. އެވޯޑް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކައެވެ.

ހަފުލާގައި ބޭންކު ހުޅުވުނު ދުވަހުން ފެށިގެން 40 އަހަރުގެ ދިގު ހިދުމަތެއް ކޮށްދެއްވާފައިވާތީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން އަށާއި ޑިވެލޮޕްމަންޓް ބޭންކިން ޑައިރެކްޓަރު ފާތިމަތު މަނިކެ އަށާއި ސީނިއާ ފެސިލިޓީސް އޮފިސަރު މޫސާ މުހައްމަދަށް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.

އޭގެ އިތުރުން 35 އަހަރު ބީއެމްއެލްއަށް ހިދުމަތް ކޮށްދެއްވާފައިވާ ބޭންކުގެ ސީނިއާ ރީކޮންސިލިއޭޝަން އޮފިސަރު ފިރާގު އަހުމަދަށްވެސް ހާއްސަ އެވޯޑެއް ދީފައިވެއެވެ.

ހަފުލާގައި ވާހަކަދައްކަވަމުން ކާލް ވިދާޅުވީ ބޭންކިން ދާއިރާގައި އެ މުވައްޒަފުން ހޯދާފައިވާ އިލްމާއި ތަޖުރިބާއަކީ ދެވަނައެއް ނުވާ ހިދުމަތެއް ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ދެމެހެއްޓުމަށް ގިނަ އަހަރުތަކެއް ވަންދެން ހީވާގިކަމާއެކު އެ މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތައް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ދީފައިވާ އެއް ކުންފުނި ކަމަށެވެ. އެގޮތުން ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން ކަމަށާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް ބޭންކުން އެކުލަވާލަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލުތަކެއް ގެންނަމުންދާ ކަމަށްވެސް ބުންޏެވެ.