ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެނެގާލް ގަދަ 16 ޔަގީންކޮށްފިއެވެ.

ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސެނެގާލުން 2-1 ގެ ނަތީޖާއަކުން އެކުއެޑޯ ބަލިކޮށްފައިވާ އިރު، އެޓީމު ގަދަ 16 އަށް ދިޔައީ ދެވަނަ ޓީމުގެ ގޮތުގައެވެ.

ގްރޫޕުގެ އެއްވަނަ ނެގީ މިރޭ ގަތަރު ބަލިކުރި ނެދަލޭންޑްސްއެވެ.

މިރޭގެ މެޗަށް ސެނެގާލް ނުކުތީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ފުރަތަމަ ފަހަރަށް ގަދަ 16 ޔަގީން ކުރުމަށެވެ. އެޓީމަށް އޮތީ އެކުއެޑޯ ބަލިކުރުމެވެ. އެކުއެޑޯ ނުކުތީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ފުރަތަމަ ފަހަރަށް ގަދަ 16 ގެ އުންމީދުގައެވެ. އެކުއެޑޯއަށް އޮތީ ޕޮއިންޓެއް ހޯދުމެވެ.

މެޗަށް ނުކުތް އިރު ދެޓީމުގެ ކޯޗުންވެސް ވާހަކަ ދެއްކީ ތާރީހު ލިޔެލުމަށް މެޗުން މޮޅުވާން ޖެހޭ ކަމަށް ބުނެއެވެ. ހާއްސަކޮށް ސެނެގާލްގެ ކޯޗު އަލިއޯ ސީސޭ ބުނީ ޖީލުތަކަށް ދެމިގެންދާނެ ނަތީޖާއަކަށް މިރޭގެ މެޗު ވާނެ ކަމަށެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ނުރައްކާތެރިކޮށް ފެނިގެން ދިޔައީ އެފްރިކާގެ ޗެމްޕިއަން ސެނެގާލެވެ. އެޓީމުން މެޗު ފެށީ ރަނގަޅު ފުރުސަތުތަކަކާއެކުގައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައިވެސް ސެނެގާލަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔައެވެ. އަރިމަތިން ހުރަސް ވެގެން އައި ބޯޅަ، އޭރިއާ ރޮނގުމަތީގައި ކަހަލަ ގޮތަކަށް ހުސްކޮށް ހުރި އިދްރީސީ ގާނާ ގޭއަށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ސެނެގާލުން ގޯލަށް ނުރައްކާކުރިއެވެ. ބޫލޭ ޑިއާ ކުރިއަށް ދެމިގަތް ބޯޅައިގައި އޭނާއަށް ހުސް ފުރުސަތެއް ލިބުނު އިރު، އޭނާ ފޮނުވާލި ބޯޅަވެސް ދިޔައީ އަރިމަތިން ބޭރަށެވެ.

އެ ހަމަަލާތަކުން ގޯލެއް ނުޖެހުން ވެގެންދިޔައީ ސެނެގާލަށް މާޔޫސްކަމަކަށެވެ. އަނެއްކޮޅުން އެކުއެޑޯއަށް ހަމަޖެހިލަން ވަގުތު ލިބި، އެޓީމުން މަޑުމަޑުން މެޗު ތެރެއަށް ވަންނަމުން ދިޔައެވެ. މި މެޗަށް ނުކުތުމުގެ ކުރިން މި ވޯލްޑް ކަޕްގައި ތިން ގޯލު ޖަހައިފައިވާ ކެޕްޓަން އެނާ ވެލެންސިއާ ބޭނުންކޮށް އެކުއެޑޯން ނުރައްކާ ކުރަން މަސައްކަތް ކުރި އިރު، އޭނާއަށް ރަނގަޅު ހަމަލާއެއް އުފެއްދިފައި ނުވަނީ ކަލިދޫ ކުލިބާލީ ލީޑު ކުރަމުންދިޔަ ސެނެގާލް ޑިފެންސް ލައިންގެ ހުޝިޔާރު ކަމުންނެވެ.

ހާފުގެ ބޮޑުބައެއްގައި ރަނގަޅަށް ކުޅުނު ސެނެގާލުން ލީޑު ނެގީ 42 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައެވެ. ސެނެގާލަށް ރެފްރީ ޕެނަލްޓީ ދީފައިވަނީ އިސްމައިލާ ސާއަށް، އެކުއެޑޯގެ ޑިފެންޑަރު ހިންކާޕީ ކުރި ފައުލަކަށެވެ. ޕެނަލްޓީ ޖަހައި ސެނެގާލަށް އުންމީދީ ގޯލު ޖަހައިދިނީވެސް ސާއެވެ.

މެޗުގެ ދެވަނަ ހާފު ރަނގަޅަށް ފެށީ އެކުއެޑޯ އިންނެވެ. ޕޮއިންޓަކުން ގަދަ 16 ޔަގީން ކުރެވޭނެ ކަމުގެ އުންމީދުގައި ނުކުތް އެކުއެޑޯ އިން ހާފުގެ ކުރީކޮޅުގައި ކުރިއަށް ޖެހި ހަމަލާއަކަށް މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ދިހަ ވަރަކަށް މިނެޓުގައި އެކަން ކާމިޔާބުވެފައެއް ނުވެއެވެ.

އެކުއެޑޯއަށް ދެވަނަ ހާފުގެ ކުރީކޮޅުގައި އުފެއްދި އެންމެ ރަނގަޅު ހަމަލާ ފެނިގެން ދިޔައީ އެސްޓްރާޑާގެ ފަރާތުންނެވެ. އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އެކުއެޑޯގެ ނުރައްކާ ބޮޑުވަމުން ގޮސް، 68 ވަނަ މިނެޓުގައި އެޓީމުން ނަތީޖާ ހަމަހަމަވެސް ކުރިއެވެ. ކޯނަރަކުން އެ ގޯލު ޖަހައިދިނީ ކައިސޭޑޯއެވެ. އަރިމަތިން ހުރަސްވެގެން ދިޔަ ކޯނަރު، ކައިސޭޑޯ ހުސްކޮށް އޮވެ ޖެހީ، ޓޮރެސް ބޮލުގައި ޖެހިފައި ދިޔަ ފްލިކަކުންނެވެ.

އެކުއެޑޯއަށް އުންމީދު އާވެގެން ދިޔައެވެ. ޕޮއިންޓަކާއެކު ގަދަ 16 އަށް އުންމީދު އާވެސްވިއެވެ. އެހެން ނަމަވެސް އެޓީމުގެ އުފާފާޅުކުރުންތައް ދެމިގެން ދިޔައީ ދެ މިނެޓަށެވެ. ސެނެގާލުން އަލުން ލީޑު ނެގިއެވެ. ސެނެގާލަށް އަލުން ލީޑު ނަގައިދިނީ ކެޕްޓަން ކަލިދޫ ކުލިބާލީއެވެ. ޑިފެންޑަރު ކުލިބާލީ އެ ގޯލު ޖެހީ އިދްރީސީ ގާނާ ގޭގެ ހިލޭ ޖެހުމަކުން ހުރަސްވެގެން ދިޔަ ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

ސެނެގާލުން ޖެހި އެ ތާރީހީ ގޯލާއެކު މެޗުގެ ފަހު ވަގުތުތައް ދިޔައީ ފޯރިގަދަކޮށެވެ. ހަމަލާތައް ދެޓީމުންވެސް ފެނުނު އިރު، އެކުއެޑޯއަށް އެއްވަރުކުރަން ލިބުނު ފުރުސަތައް ދިޔައީ ބޭކާރު ވެގެންނެވެ. ސަރިމެންޓޯ ނަގައިދިން ހުރަސް، ޕްލާޓާ އޭރިއާ ތެރެއިން ގޯލަށް ފޮނުވާލި ނަމަވެސް އަމާޒުވީ ސެނެގާލް ކީޕަރު މެންޑީ އަތަށެވެ.

އޭގެ ފަހުން ސެނެގާލުންވެސް ނަތީޖާ ޔަގީންކުރަން މަސައްކަތްތަކެއް ކޮށް، ފުރުސަތައްވެސް ހޯދިއެވެ. ޑިއާއާއި ޕަޕޭ ގޭގެ ހަމަލާތައް ފާހަވި ނަމަވެސް އިތުރު ގޯލެއް ޖެހޭގޮތް އެޓީމަށްވެސް ވަނީ ނުވެފައެވެ.