ޚަބަރު

އަންބާރާ އާއި ހުޅިދޫގެ ވެއްޓަށް ދީފައިވާ ގެއްލުމަށް ޖަވާބުދާރީވާން އީޕީއޭއިން ކުންފުނިތަކަށް ފުރުސަތު ދީފި

މުހައްމަދު އިޝާން

ވ. އަންބާރާ އާއި ވ. ހުޅިދޫގެ ގުދުރަތީ ވެއްޓަށް ދީފައިވާ ގެއްލުންތަކަށް ޖަވާބުދާރީވުމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކަށް އަންގައިފިއެވެ.

އަންބާރާ ކުއްޔަށް ހިފާފައިވަނީ 50 އަހަރަށް ހަނދުވަރު އޯޝަން ކިޔާ ކުންފުންޏަކުންނެވެ. އަދި ހުޅިދޫ ކުއްޔަށް ނަގާފައިވަނީ އާރަށް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން، 21 އަހަރަށެވެ. ހުޅިދޫއަކީ ދަނޑުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ. އަންބާރާއަކީ ރިސޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ.

އެއްބަސްވުމާ އެއްގޮތަށް އެ ދެ ރަށުގައި މަސައްކަތް ކޮށްފައިނުވާތީ، ކުއްޔަށް ހިފާފައިވާ ފަރާތްތަކުން އެ ދެ ރަށުގެ ގުދުރަތީ ވެއްޓަށް ގެއްލުންދީފައިވާ ކަމަށް ބުނެ، ވ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރައްޔިތުން ވަނީ އެ ދެރަށް އަނބުރާ ހޯދުމަށް މިދިޔަ މަހު ވަނީ ބޮޑު ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.

އެ ކެމްޕޭނު ތެރެއިން ކައުންސިލްގެ ފަރާތުން ވަނީ ހުޅިދޫ އާއި އަންބާރާގެ ގުދުރަތީ ވެއްޓަށް ދީފައިވާ ގެއްލުން އީޕީއޭގެ ސަމާލު ކަމަށް ގެނެސްފައެވެ. އެހެންވެ އީޕީއޭއިން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ ދެ ރަށަށް ގޮސް ސާވޭއެއް ކޮށްފައެވެ.

އީޕީއޭއިން މިއަދު ބުނީ، ސާވޭ ނިންމާލުމަށްފަހު، ސާވޭގައި ފާހަގަކޮށްފައިވާ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުސަތު އާރަށް އިންވެސްޓްމެންޓާއި ހަނދުވަރު އޯޝަން ކުންފުންޏަށް ދީފައިވާ ކަމަށެވެ. ޖަވާބުދާރީވާން ދީފައިވަނީ ކިހާ މުއްދަތެއްކަން އީޕީއޭއިން ބުނެފައެއް ނުވެއެވެ. ކުންފުނިތަކަށް ޖަވާބުދާރީވަން އެންގި ސިޓީ އީޕީއޭއިން ވަނީ ވ. އަތޮޅު ކައުންސިލާ ވެސް ހިއްސާކޮށްފައެވެ.

ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ "ވަން" އަށް މިރޭ ވިދާޅުވީ އީޕީއޭއިން ފޮނުވި ސިޓީގައި އެ ކައުންސިލުން ފާހަގަކޮށްފައިވާ ކަންކަން ބެލުމަށްފަހު އެއީ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ކަންކަން ކަމަށް ބުނެފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެ ސިޓީގައި އަންބާރާ އާއި ހުޅިދޫގައި އޮންނަ ކުޅިއެއް ހިއްކި މައްސަލަ އާއި ހުޅިދޫގެ ފަރުމައްޗަށް ބާޖެއް އަރުވާފައި އޮތް މައްސަލަވެސް ބަލާފައިވާކަން އަންގާފައިވާ ކަމަށެވެ.