ޚަބަރު

މާލޭގައި ހުރި ގަރާޖުތައް ބަދަލުކުރަން ހުޅުމާލެއިން ބިން ދެނީ

1

މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ހުޅުމާލެއިން ބިން ދޭން ނިންމައިފިއެވެ.

ސަރުކާރާއި އެޗްޑީސީއާ ގުޅިގެން ނިންމި އެ ނިންމުމާއެކު މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫ އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރާނެއެވެ.

އޭގެ އިތުރުން ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ބުރިއަށް އިމާރާތް ކުރެވޭނެ ގޮތަށް ވަނީ ނިންމައިފައެވެ.

އެޗްޑީސީން މިއަދު ބުނީ، މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަނަށްވާ އިރު، އެ ގަރާޖުތަކުގައި ތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތަށް ހިނގަން މެދުވެރިވާ ކަމަށެވެ.

އަދި އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރި ކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ހައްލެއް ކަމަށްވެސް ބުންޏެވެ.