ޚަބަރު

ހުޅުމާލެ ސިނާއީ ސަރަހައްދުގައި ހަދާ އިމާރާތްތައް 8 ބުރިއަށް ނެގޭ ގޮތަށް ހަދައިފި

ހުޅުމާލެ ސިނާއީ ސަރަހައްދުގައި ހަދާ އިމާރާތްތައް 8 ބުރިއަށް ނެގޭ ގޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދައިފިއެވެ.

ހުޅުމާލެ ސިނާއީ ސަރަހައްދުގައި ހަދާ އިމާރާތްތައް ކުރިން ނެގެނީ ހަ ބުރިއަށެވެ.

އެޗްޑީސީން ބުނީ، ސިނާއީ ސަރަހައްދުގައި ހަދާ އިމާރާތްތައް ހަދާ އުސްމިނަށް ބަދަލު ގެނެސް، ދެ ބުރި އިތުރުކުރުމުގެ ހުއްދަ ދޭން ނިންމީ ސިނާއީ ސަރަހައްދަށް ބޮޑުވެފައިވާ ޑިމާންޑަށް ހައްލެއް ހޯދައިދިނުމާއި ހުޅުމާލޭގައި ހިންގާ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ.

އިންޑަސްޓްރިއަލް ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުމުން މިހާރު ސިނާއީ ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ހިދުމަތް ހޯދައި ހިދުމަތް ދެމުން އަންނަ ފަރާތްތަކަށް ވިޔަފާރި ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މި ފަހުން ވަނީ އެ ކޯޕަރޭޝަންގެ ޒަމާންވީ ގިނަ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ އަމިއްލަ ފަރާތްތަކުގެ ގެތަކުގެ ފުރަތަމަ ބުރީގައި ވިޔަފާރިކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. އަދި ހުޅުމާލޭގެ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ހާއްސަ ޕްރައިވެޓް ބީޗެއް ތަރައްގީކުރަން ވަނީ ނިންމައިފައެވެ.