ދުނިޔެ

މޮރޮކޯ މޮޅުވުމުން ބެލްޖިއަމާއި ހޮލެންޑުގައި ބޮޑެތި ހަމަނުޖެހުންތަކެއް!

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހު މޮރޮކޯ އަތުން ބެލްޖިއަމް ބަލިވުމާ ގުޅިގެން ބެލްޖިއަމާއި ހޮލެންޑުގައި ގަޑުބަޑުތަކެއް ހިންގައިފިއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަޒެލްސް އާއި ބޮޑެތި ހުރިހާ ސިޓީތަކެއްގައި ހަމަނުޖެހުންތައް ހިންގިއެވެ. އެއްގަމު އުޅަނދުތަކާއި ފިހާރަތަކުގައި ރޯކޮށް އަންދާފައިވާއިރު ފުލުހުންނާ ކުރިމަތިލުންތަކެއްވެސް ހިނގިއެވެ. ހަމަނުޖެހުންތައް ފެށުނީ މޮރޮކޯގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި މޮރޮކޯއަށް ތާއީދުކުރާ ފޭނުން އެކި ސިޓީތަކުގެ އެކި ތަންތަނަށް އެއްވުމުންނެވެ.

ބްރަޒެލްސްގެ މޭޔަރު ވަނީ ސިޓީ ސެންޓަރަށް އެއްނުވުމަށް އިލްތިމާސް ކުރައްވައިފައެވެ. ބެލްޖިއަމްގެ ދާޚިލީ ވަޒީރު ވިދާޅުވީ ހަމަނުޖެހުން އުފެއްދީ ފުޓްބޯޅަ ސަޕޯޓަރުން ނޫންކަމަށާއި އެއީ ގަޑުބަޑު ސަޕޯޓަރުންކަމުގައެވެ. ތަހުޒީބުނުވާ މީހުން ކަމުގައެވެ.

ބެލްޖިއަމާއި ޖެހިގެން އޮންނަ ހޮލެންޑުގައި އެންމެ ބޮޑު ހަމަނުޖެހުންތަކެއް ހިނގީ ރޮޓަޑަމްގައެވެ. މޮރޮކޯއަށް ތާއީދުކުރާ ފޭނުން އެއްތަންވެ އުފާފާޅުކުރަން ފެށީމާ ކެތްނުކުރެވިގެން ހޮލެންޑުގެ ހައްދުފަހަނަޅާފައިވާ ދޮން މީހުންގެ ގްރޫޕްތައް ނުކުމެ މާރާމާރީ ހިންގީއެވެ. ހަމަނުޖެހުންތައް މައިތިރިކުރެވުނީ ފުލުހުން ގަދަބާރު ބޭނުންކޮށްގެންނެވެ. ހޮލެންޑާއި ބެލްޖިއަމުގައި މޮރޮކޯއަށް ނިސްބަތްވާ އާއިލާތަކުގެ މީހުން ނުހަނު ގިނައެވެ. އެދެގައުމުގެ ގައުމީ ޓީމުގައިވެސް މޮރޮކޯއަށް ނިސްބަތްވާ މީހުން ހިމެނެއެވެ. އަނެއްކޮޅުން މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭ މޮރޮކޯގެ ވިންގަރު ހަކީމް ޒިޔާޝްއަކީ ހޮލެންޑަށް އުފަން ހޮލެންޑުގެ ރައްޔިތެކެވެ.