ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16 އަށް ދިޔުމަށްޓަކައި ކެނެޑާ ބަލިކުރުމަކީ ސެނެގާލް ފުޓުބޯޅައިގެ އެތައް ޖީލެއްގެ ކުރިމަގަށްޓަކައި ކުރަން ޖެހޭނެ ކަމެއް ކަމަށް ކޯޗު އަލިއޯ ސީސޭ ބުނެފިއެވެ.
ސެނެގާލުން ކުޅުނު ފުރަތަމަ މެޗުގައި ނެދަލޭންޑްސް ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ބަލިން އަރައިގަނެ، ސެނެގާލުން ގަދަ 16 އަށް އުންމީދު އާކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ސެނެގާލުން މިރޭ ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ. އެކުއެޑޯން ފުރަތަމަ ކުޅުނު މެޗުގައި ގަތަރު ބަލިކޮށްފައި އޮތް އިރު، ދެވަނަ މެޗުގައި ނެދަލޭންޑްސްއާ އެއްވަރުކުރިއެވެ.
އެހެންކަމުން ގަދަ 16 ޔަގީންކުރަން ސެނެގާލަށް އޮތް މަގަކީ އެކުއެޑޯ ބަލިކުރުމެވެ. ކޯޗު އަލިއޯ ސީސޭގެ ނަޒަރުގައި އެކުއެޑޯ ބަލިކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.
"ފުޓުބޯޅައަކީ ހަނގުރާމައެއް ނޫން. ވާދަވެރިކަމުގެ މީހުން މަރެއް ނުވާނެ. އެކަމަކު އަހަރެން ބުނަން ބޭނުންވަނީ މިއީ ހާލަތު ކަނޑައަޅާނެ މުހިއްމު މެޗެއް ކަމަށް. މިއީ އެތައް ޖީލަކަށްޓަކައި މޮޅުވާން ޖެހޭ މޮޅެއް. މިއީ 2022 އަށްޓަކައި ކުރަން ޖެހޭ ކަމެއް. މިއަހަރު އެއްކޮށް ސެނެގާލުން މި އަންނަނީ ވަރަށް ރަނގަޅަށް ކުޅެމުން. އަދިވެސް އަހަރެން ބޭނުންވަނީ މި ފޯމުގައި އަހަރެންގެ، ސެނެގާލުގެ ދަތުރައިގެން ކުރިއަށް ދާން. އެކަމަކުވެސް އަހަރެން މެޗަށް ތައްޔާރުވާނީ ހަމަޖެހިލައިގެން،" ސީސޭ ބުންޏެވެ.
ސެނެގާލުން މީގެ ކުރިން ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސްފައި ވަނީ 2002 ވަނަ އަހަރު ކޮރެއާ ޖަޕާނުގެ ވޯލްޑް ކަޕްގައި އެކަންޏެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން ސީސޭ ބުނީ އެކުއެޑޯއަކީ އެޓޭކްގައި ވަރަށް ނުރައްކާތެރި ޓީމެއް ކަމަށާއި، އެންމެ ވަގުތު ކޮޅަކަށްވެސް ބޯޅައިން ލޯ ކަސިޔާރު ކޮށްލައިފިނަމަ، އެކަމުގެ އަދަބު ލިބޭނެ ކަމަށެވެ. ސީސޭ އިތުރަށް ބުނީ މެޗުން މޮޅުވާން ވާހަކަ ދެއްކުމުގެ ކުރިން މެޗު ކުޅުމާ ހަމައަށް ދާން މުހިއްމު ކަމަށާއި، ޓީމުގެ ފޯކަސް ރަނގަޅަށް ހުންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ސީސޭ ބުނީ ސެނެގާލަކީ ބަލިވާން ބޭނުންވާ ބައެއް ނޫން ކަމަށާއި، ސެނެގާލް ރައްޔިތުންނަކީވެސް ބަލިވާން ނޭދޭ ބައެއް ކަމަށެވެ. އެހެންކަމުން އެ ރައްޔިތުންނަށްޓަކައި މޮޅުވާން ޖެހޭ ކަމަށް ސީސޭ ބުންޏެވެ.
އެކުއެޑޯ އާއި ސެނެގާލް ވާދަކުރާ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022