ޕަބްލިކް ފައިނޭންސް މެނޭޖުމެންޓާއި ހެޔޮވެރިކަން ކުރިއެރުވުމަށް ރާއްޖެއިންކުރާ މަސައްކަތަށް އެހީވާން އެމެރިކާއިން ރާއްޖެއަށް ތިން މިލިއަން ޑޮލަރުގެ ބައިލެޓްރަލް އެހީ ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެއެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި ޔޫއެސްއެއިޑްގެ މިޝަންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ގެބްރިއަލް ގްރާއުއެވެ.
ޔޫއެސް މިޝަން ޓު މޯލްޑިވްސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެގައުމުގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް އިސްލާހެއް ގެނެސް، ރާއްޖެއަށް އިތުރު ތިން މިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ.
އެމެރިކާ އާއި ރާއްޖެއާ ދެމެދު އެ އެއްބަސްވުމުގައި ފުރަތަމަ ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން އެމެރިކާއިން ރާއްޖެއަށް 28 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެހީގެ ގޮތުގައި އެމެރިކާއިން ރާއްޖެއަށް މިހާތަނަށް 25.94 މިލިއަން ޑޮލަރު ދީފައިވެއެވެ.
ޔޫއެސް މިޝަނުން ބުނީ އިތުރު ތިން މިލިއަން ޑޮލަރު ދިނުމަށް ނިންމީ ރާއްޖޭގެ ޕަބްލިކް ފައިނޭންސް މެނޭޖުމަންޓާއި ހެޔޮވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވާން ކަމަށެވެ.
"މި އެއްބަސްވުމުގެ ތެރެއިން ޔޫއެސްގެ ފަރާތުން މިދަނީ އެމެރިކާ އާއި ރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް މަސައްކަތް ކުރަމުން. މި އެއްބަސްވުމަކީ ދިވެހި ސަރުކާރާ ރައްޔިތުންނާ އެކު އަޅުގަނޑުމެންގެ ފުޅާވެ ކުރިއަރަމުންދާ ޕާޓްނާޝިޕް ދައްކުވައިދޭ ހަރުދަނާ ހެއްކެއް" ޔޫއެސްއޭއައިޑީގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓާ އަންޖަލީ ކައުރު ވިދާޅުވިއެވެ.
ޔޫއެސްއެއިޑާ އެކު ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތުން މުހިންމު ކާމިޔާބީތަކެއް ހާސިލުކުރެވިފައި ކަމަށެވެ. އެގޮތުން އެގޮތުން ބަލިމަޑުކަމުން އަރައިގަނެ ގައުމު އާރާސްތުކުރުމާއި ހެއްކަށް ބިނާކޮށް ކަންތައް ނިންމުމާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް މޫސުމީ ބަދަލުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ޔޫއެސް މިޝަނުން ބުންޏެވެ.