ޚަބަރު

ފިނޭ އާއި މުލީގެ ބަނދަރާއި ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

ހދ. ފިނޭއާއި މ. މުލީގެ ބަނދަރު ހެދުމަށާއި ރަސްމާދޫ ދެކުނު ފަރާތުގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ތިން މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

ފިނޭ ބަނދަރު މަޝްރޫއު

ގާތްގަނޑަކަށް 600 މީހުންގެ އާބާދީއެއް އޮންނަ ފިނޭގައި ހަދާ ބަނދަރަކީ 47.26 މިލިއަން ރުފިޔާގެ ބަނދަރެކެވެ. އެ މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 450 ދުވަހެވެ.

އެ މަޝްރޫއުގެ ދަށުން ކުރިން ފުންކޮށްފައިވާ ފަޅުގެ 5،848.05 އަކަ މީޓަރުގެ ސަރަހައްދެއް އަލުން ފުންކުރުމާއި 35،484.26 އަކަ މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 5،848.05 އަކަ މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުން ހިމެނެއެވެ.

އޭގެ އިތުރުން 219.20 މީޓަރުގެ ބޭރު ތޮއްޓަކާއި 248 މީޓަރުގެ އެއްގަމު ތޮއްޓެއް ލާން ހަމަޖެހިފައިވާ އިރު، 82 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ.

އަދި ރޭމްޕަކާއި އާރުޓީއެލް ފެރީ ނެޓްވޯކަށް ބޭނުންވާ އެކްސަސް ޕްލެޓްފޯމަކާއި 2،198.65 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރާނެއެވެ.

މުލީ ބަނދަރު ހެދުން

އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ މުލީގައި ބަނދަރެއް ހަދަން ހަވާލުކުރީ 65.55 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން އެއްބަސްވެފައި ވަނީ 550 ދުވަސް ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން 33،888 އަކަ މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި 6،254 އަކަ މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 465.48 މީޓަރުގެ ބޭރު ތޮއްޓަކާއި 479 މީޓަރުގެ އެއްގަމު ތޮއްޓެއް ލައި، 89.74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެއެވެ.

އޭގެ އިތުރުން ރޭމްޕަކާއި ކޮންކްރީޓް ބްރިޖަކާއި އާރުޓީއެލް ފެރީ ނެޓްވޯކަށް ބޭނުންވާ އެކްސަސް ޕްލެޓްފޯމެއް ހަދަން ހަމަޖެހިފައިވާ އިރު، 2،370 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހަދައި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރާނެއެވެ.

ރަސްމާދޫ ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުން

ރަސްމާދޫ ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 17.88 މިލިއަން ރުފިޔާއަށް، 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން 157 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 283 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 2،500 އަކަ މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.