ޚަބަރު

ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ

މުހައްމަދު އިޝާން

ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

ވިލުފުށީ ކައުންސިލްގެ ރައީސް ހުސެއިން ޖަބީނު "ވަން" އަށް މިރޭ ވިދާޅުވީ، ތެޔޮ ބޯޓުގައި ރޯވެފައިވަނީ އިރުއޮއްސި 6:00 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. ނަމަވެސް ތެޔޮ ބޯޓުގައި ރޯވުމުގެ ސަބަބުން ބަނދަރުގައި އަޅާފައި އޮތް އިތުރު ބޯޓެއްގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް ޖަބީން ވިދާޅުވިއެވެ.

"ތެޔޮ ބޯޓާ ކައިރީގައި އޮތް އިތުރު ބޯޓެއް ވެސް، އެ ބޯޓްގައި ވެސް ވަރަށް ބޮޑަށް ރޯވެފައިވަނީ. އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް މިދަނީ ކުރަމުން،" ޖަބީން ވިދާޅުވިއެވެ.

ޖަބީން ވިދާޅުވީ ބޯޓްގައި އަލިފާން ރޯވި ސަބަބު އަދި ސާފު ނުވާ ކަމަށެވެ. ނަމަވެސް ދެ ބޯޓްގައި ވަރަށް ބޮޑަށް ރޯވެ އަނދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން މިރޭ ބުނީ، ވިލުފުށީ ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިން އުޅޭކަމުގެ މައުލޫމާތު ކައްދޫ ފަޔާ ސްޓޭޝަނަށް ލިބިފައިވާ ކަމަށެވެ. ކައްދޫ ފަޔާ ސްޓޭޝަނުގެ ސިފައިން މިހާރު އެރަށަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.