ޓެކްނޮލޮޖީ

ވައިބަރ، ވަޓްސްއެޕް، ޓެލްގްރާމް، އެއްވެސް އެޕެއްގެ ޗެޓު ސިއްރުވާނެތަ؟

އާދަމް ނަސީރު

ދިވެހިންނަކީ ހުރިހާ އެޕްލިކޭޝަނެއްވެސް ބޭނުން ކުރާ ޓެކްނޮލޮޖީއަށް ފިސާރި ފަރިތަ ބައެކެވެ. ދިވެހިން ބޭނުން ނުކުރާ އެޕްލިކޭޝަނެއް ނެތެވެ. ދުނިޔޭގެ ނަން މަޝަހޫރު ހުރިހާ އެޕްލިކޭޝަނެއް މެސެޖް ކުރުމަށާއި ޗެޓްކުރުމަށް އަދި ވީޑިއޯ ކޯލް ކުރުމަށާއި ވިޔަފާރިތަކަށްވެސް ދިވެހިން އަންނަނީ ބޭނުން ކުރަމުންނެވެ. ސޯޝަލް މީޑިއާ އެޕްލިކޭޝަން ތަކުގެ ތެރޭގައި މުޅި ދުވަސް ދުއްވާލާ ދިވެހިން ކޮޕީ މޭޒުތަކުންވެސް ފެންނަލެއް މަދެއް ނޫނެވެ. އެހެން ނަމަވެސް އެ މީހުން ކުރާ ސުވާލެއް އޮވެއެވެ.

ވައިބަރ، ވަޓްސްއެޕް، ޓެލްގްރާމް، ނުވަތަ ސުނެޕްޗެޓް ފަދަ އެއްވެސް އެޕެއްގެ ޗެޓު ނުވަތަ މެސެޖްތައް ސިއްރުވާނެތޯ ކުރާ ސުވާލެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އެންކުރިޕްޓް ކޮށްފައިވާ މެސެޖް ކުރެވޭ އެޕްލިކޭޝަން ތަކަކީ ދެވަނަ ފަރާތަކަށް ފެންނާނެ އެއްޗެއް ނޫނެވެ. ރަނގަޅު ވާހަކައެކެވެ.

އެ މެސެޖްތައް އިތުރު މީހަކަށް ނުވަތަ ދެވަނަ ފަރާތަކަށް ބެލޭނީ ޑީކުރިޕްޓް ކުރެވިގެންނެވެ. އެކަން ކުރުމަކީ އެހާ ފަސޭހަ ކަމެއްވެސް ނޫނެއެވެ. އެހެން ކަމުން އެ މެސެޖްކުރި އެޕްލިކޭޝަންގެ ރައްކާތެރިކަން ހުރެދާނެއެވެ. އެހެން ނަމަވެސް ސިއްރު ކުރަން އުޅޭ މެސެޖް ސިއްރު ނުވެ ހިނގައިދާނެ ކިތަންމެ ގޮތެއް އެބަ ހުއްޓެވެ. ސަބަބަކީ ހުރިހާ މެސެޖެއްވެސް ހުންނަނީ ފޯނުގައެވެ. ފޯނު ހުޅުވުމުން ގިނަ ފަހަރަށް އެ މެސެޖްތައް ހުންނަނީ ހާމައަށް ފެންނާށެވެ.

ފޯނުގައި ޖަހާ ޕާސްވޯޑްގެ މުހިއްމުކަން ފެށެނީ މިހާ ހިސާބުންނެވެ. ދިވެހީންނަކީ ވަރަށް ފަސޭހަ ޕާސްވޯޑް ޖަހާ ބައެކެވެ. ނުވަތަ ފޯނަށް އަންނަ ކޮންމެ މެސެޖް ލިންކެއް ވަރަށް ފަސޭހައިން ހުޅުވާލާވެސް ބައެކެވެ. އެހެން ކަމުން ފޯނުތައް ހެކު ކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މަތީގައި މިބުނި ހުރިހާ އެޕްލިކޭޝަން ތަކަކީ މެސެޖް ކުރުމަށް ނުވަތަ ޗެޓްކުރުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކަށް ވުމުން ދިރިއުޅުމުގެ ހުރިހާ ސިއްރެއް އެޗެޓް ތަކުން ނުވަތަ މެސެޖްތަކުގެ ތެރެއިން ހޯދެއެވެ. ބޭންކު އެކައުންޓްގެ ތަފްސީލުތައް މެސެޖަކުންް ބަލައިލެވޭ އިރު އާއިލީ ދިރިއުޅުމުގެ ހުރިހާ ސިއްރެއްވެސް ހުންނަނީ ގިނަފަހަރު މިފަދަ އެޕްލިކޭޝަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ހިއްސާކުރެވިފައެވެ. އެހެން ކަމުން މަތީގައި ބަޔާންކުރި ގިނަ އެޕްލިކޭޝަން ތަކަކީ ރައްކާތެރިކޮށް ފޮރުވިފައިވާ ނުވަތަ ސިއްރުކުރެވިފައިވާ މެސެޖްތައް ހިމެނޭ އެޕްލިކޭޝަންތަކެވެ.

ސުވާލަކީ އެ މެސެޖްތަކާއި އަދި ޗެޓްލޮގްތައް ބެލޭނެ އެއްވެސް ފަރާތެއް ތިމާ ފިޔަވައި ހުރެދޭނެތޯ ކުރެވޭ ސުވާލެވެ. ޖަވާބަކީ ވައިބަރ އަދި އެހެންވެސް ބައެއް އެޕަލިކޭޝަން ތަކަކީ ކިތަންމެ ޒާތީ މައުލޫމާތުތަކެއް ކޮންމެ ދުވަހަކު ބަދަލު ކުރެވޭ އެޕްލިކޭޝަންތަކެއް ނަމަވެސް އެ އެޕްލިކޭޝަންތަކުގެ ކޮންޓްރޯލް ސަރުކާރުގެ ބައެެއް އިދާރާތަކަށް ލިބިފައިވުމެވެ. ނިރުބަވެރި އެތަކެއް ހަރަކާތް މިދެންނެވި އެޕްލިކޭޝަންތަކުގެ ތެރެއިން ރޭވިގެން ހިންގާތީ އެ ހުރިހާ ކަމެއް ދެނެގަތުމަށް ގައުމުތަކުގެ ސަރުކާރުން އަންނަނީ ކޮންމެ ދުވަހަކުވެސް މި ދެންނެވި އެޕްލިކޭޝަންތައް ބަލަމުންޏެވެ. އެހެން ކަމުން މިދެންނެވި ޗެޓްތަކާއި މެސެޖްތަކަކީ އެ ކޮންޓުރޯލް ދީފައިވާ އިދާރާތަކަށް ބެލޭނެ އެއްޗެއްސެވެ. އާންމު މީހާއަށް އެފަދަ ކަންކަން ސާފުވެފައި ނެތްނަމަވެސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް މިދެންނެވި އެޕްލިކޭޝަން ތަކުގެ ވެރިފަރާތް ނުވަތަ ކުންފުނިތަކާއި ގުޅިގެން އެ ހޯދަން ޖެހޭ ކޮންޓުރޯލް ހޯދަމުންގެންދެވެ.

ވައިބަރ އަދި ވަޓްސްއެޕްވެސް މި ދެންނެވި ކޮންޓުރޯލްތަކުން ބޭރެއް ނުވެއެވެ. އެހެން ނަމަވެސް ޓެލެގްރާމް ނުވަތަ ސިގްނަލް ފަދަ ބައެއް އެޕްލިކޭޝަން ތަކަކީ ސަރުކާރުތަކެއް ބުނިހާ ގޮތެއް އަދި ހަދާބައެއް ނޫނެވެ. އެ ފަރާތްތަކުން ބުނަނީ މީހުންގެ ޒާތީ މައުލޫމާތުތައް އެއްވެސް ހައްދެއްނެތި ސަރުކާރުތަކަށްވެސް ބެލިގެން ނުވާނެ ކަމަށެވެ. ނަމަވެސް ވަކި ހާލަތްތަކެއްގައި ސަރުކާރުން އަންގާ އެންގުންތަކަށް އެފަރާތްތަކުންވެސް ކިޔަމަންވެ ވަކި ވަކި ފަރުދުންގެ މައުލޫމާތު ނުވަތަ ޗެޓްލޮގް ދޭން އެދުމުން ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ.

އެެހެން ކަމުން ވައިބަރ، ވަޓްސްއެޕް، ޓެލްގްރާމް، އަދި އެނޫންވެސް އެއްވެސް އެޕެއްގެ ޗެޓު ސިއްރު ވާނީ ވަކި ހަރުފަތަކަށް އަރަންދެނެވެ. އެއްވެސް ޗެޓްލޮގެއް ނުވަތަ މެސެޖަކީ އެއްވެސް ގޮތަކަށް ދެވަނަ ފަރާތަކަށް ނުބެލޭނެ އެއްޗެއް ކަމުގައި ދެކިގެން ހުރުމަކީ ފެން ހަރުލާ ވިސްނުމެއް ނޫނެވެ.