ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގައި މިއަދު ކުޅުނު މެޗުގައި ސާބިއާއާއި ކެމަރޫން އެއްވަރު ވެއްޖެއެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. މިއަދު މެޗުން ލިބުނު ޕޮއިންޓާއެކު ސާބިއާއާއި ކެމަރޫނަށްވެސް އަދި ގަދަ 16 ގެ ފުރުސަތެއް ނުގެއްލިއެވެ. އެ ގްރޫޕުގައި ބްރެޒިލާއި ސްވިޒަލޭންޑް މިހާތަނަށް ތިން ޕޮއިންޓް ހޯދާފައި އޮތް އިރު، އެ ދެޓީމު މިރޭ ކުރިމަތިލާނެއެވެ. ކެމަރޫނަށް ދެން ބްރެޒިލާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ސާބިއާއަށް އޮތީ ސްވިޒަލޭންޑެވެ. މިރޭގެ ނަތީޖާ ދާގޮތަކުން ފަހު ދުވަހުގެ މެޗުތައް ފޯރިގަދަވާނެއެވެ.

މިއަދުގެ މެޗަށް ސާބިއާ ނުކުތީ ފުރަތަމަ މެޗުގައި ގްރޫޕުގެ ފެވަރިޓް، ބްރެޒިލް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައި އޮވެގެންނެވެ. އެޓީމުން ގަބޫލުކުރި ގޮތުގައި ބްރެޒިލް އަތްދަށުވި ނަމަވެސް، އެއީ މާޔޫސްވާން ޖެހޭ ކަމެއް ނޫނެވެ. މުހިއްމީ ދެން އޮތް ދެ މެޗެވެ. އަނެއްކޮޅުން ކެމަރޫނުން ފުރަތަމަ މެޗުގައި ބަލިވީ ސްވިޒަލޭންޑް އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތް އިރު، ބަލިވާ ޓީމެއް ކަޓާނެ ބޮޑު ފުރުސަތެއް އޮތް އޮތުންވީ މެޗުގެ މުހިއްމުކަން ބޮޑުވި ސަބަބަކަށެވެ.

ކެމަރޫނުން 1990 ވަނަ އަހަރަށްފަހު ފުރަތަމަ ނޮކްއައުޓް ބުރަކަށް ތައްޔާރުވަމުންދާ އިރު، އެޓީމުން މެޗަށް ނުކުތީ ވޯލްޑް ކަޕްގައި ބަލިވަމުން އަންނަ ރެކޯޑު ނިންމަންވެސް މެއެވެ. އެންމެފަހުން ވޯލްޑް ކަޕުގައި ކުޅުނު އަށް މެޗުންވެސް ކެމަރޫން ބަލިވެފައިވާ އިރު، މިހާރު އެޓީމަކީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ ބަލިވި އެއް ޓީމެވެ. އެންމެފަހުން ކެމަރޫން ވޯލްޑް ކަޕެއްގައި ހޯދި މޮޅަކީ 2002 ވަނަ އަހަރު ސައުދީ އަރަބިއާ ކައިރިން ހޯދި މޮޅެކެވެ. އެ މެޗުގައި ގޯލު ޖެހީ މިހާރު ކެމަރޫން އެފްއޭގެ ރައީސް ސެމިއުލް އެޓޫއެވެ.

ސާބިއާއިން ސީދާ އެ ނަމުގައި ވޯލްޑް ކަޕް ކުޅެން ފެށި ފަހުން އަދި ގަދަ 16 އަށް ދަތުރު ކޮށްފައިނުވާ އިރު، މިއީ އެކަން ވާނެ ފަހަރު ކަމަށް ކުރިންވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އެއީ ސާބިއާ ސްކޮޑުގެ ވަރުގަދަ ކަމުންނެވެ. އެޓީމުގައި ޔޫރަޕުގެ ތަރިން ގިނަ ކަމުންނެވެ. ސާބިއާއިން މިއަދުގެ މެޗު ފެށީވެސް ރަނގަޅަށެވެ. ފުރަތަމަ ކޮޅުގައި އެޓީމުގެ ނުރައްކާވެސް ވަރަށް ބޮޑަށް ފާހަގަވިއެވެ.

މެޗުގެ ކުރިން ކެމަރޫނަށް ޑްރާމާ ގަނޑަކާ ކުރިމަތިލާން ޖެހުނެވެ. އެޓީމުގެ އެއް ނަންބަރު ގޯލްކީޕަރު އަންދްރޭ އޮނާނާއާއި ކޯޗު ރިގަބާޓް ސޯންގް މައްސަލައެއް ޖެހި، އޮނާނާ ސްކޮޑުގައިވެސް ނެތެވެ. ބަދަލަކަށް ނުކުތީ ޑޭވިސް އެޕަސީއެވެ. އޭނާއަކީ ސައުދީ އަރަބިއާގެ ކްލަބު އަބްހާއަށް ކުޅެމުންދާ ކުޅުންތެރިއެކެވެ.

އޮނާނާގެ މައްސަލަގަނޑުގެ ތެރޭގައި އޮތް ކެމަރޫން ކޮޅަށް ފުރަތަމަ ހަމަލާ އުފެއްދީ 11 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ނިކޮލަސް އެންކޫލޫ ކައިރިން ނައްޓާލުމަށްފަހު، އަރިމަތިން މިޓްރޮވިޗް ފޮނުވާލި ހަމަލާ އަމާޒުވީ ކެމަރޫން ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެއީ ނިމުނީކީ ނޫނެވެ. އޭގެފަހުން ކެމަރޫންގެ ޑިފެންސްގެ ގޯހަކުން މިޓްރޮވިޗަށް މުޅިން ހުސް ފުރުސަތެއް ލިބި، ބޭކާރުވިއެވެ.

ސާބިއާއިން މެދުތެރޭގެ ކޮންޓްރޯލާވެސް އެކު ކުޅެމުން ދަނިކޮށް ކެމަރޫނުން ލީޑު ނެގީ ކޯނަރަކުން ފަސޭހަ ގޮތަކަށެވެ. މެޗުގެ 29 ވަނަ މިނެޓުގައި ޕިއެރޭ ކުންޑޭ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކެމަރޫނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖީން ޗާލްސް ކަސްޓެލެޓޯއެވެ. ކެމަރޫނުން ފުރަތަމަ ހާފުގައި އުފެއްދި އިތުރު ދެ ހަމަލާއެއްވެސް ކުންޑޭ ފަރާތުން ފެނުނެވެ. އޭނާ އަރިމަތިން ވަދެ ފޮނުވާލި ދެ ހަމަލާވެސް މަތަކުރީ ސާބިއާގެ ގޯލްކީޕަރު މިލިންކޮވިޗް ސަވިޗެވެ.

ސާބިއާއިން ހާފުގެ ފަހުކޮޅަށް ގޮސް މެޗުގެ ކޮންޓްރޯލު ހޯދައި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެ ގޯލު ޖެހިއެވެ. ފުރަތަމަ ގޯލަކީ ކެޕްޓަން ޑުސާން ޓަޖިޗް ނަގައިދިން ހިލޭ ޖެހުމަކުން ކެމަރޫން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ލެއިޕްޒިގްގެ ޑިފެންޑަރު ސްޓްރަހީނިއާ ޕަވްލޮވިޗް ޖެހި ގޯލެކެވެ. އަދި އޭގެ ދެ މިނެޓް ފަހުން އަނެއް ގޯލު ޖެހީ ސާގޭ މިލިންކޮވިޗް ސަވިޗެވެ. އޭނާ ގޯލު ޖެހީ ކެމަރޫން ޑިފެންސަށް ހެދުނު ގޯހެއްގައި، އަންދްރިޔާ ޒިވްކޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.

ފުރަތަމަ ހާފު ރަނގަޅު ކުޅުމެއްގައި ނިންމާލީ ސާބިއާއިން ދެވަނަ ހާފުވެސް ފެށީ ރަނގަޅަށެވެ. ކުރިއަށް ޖެހި ކެމަރޫންގެ އޭރިއާ ތެރެއަށް ނުރައްކާ ކުރަމުން ގޮސް، ސާބިއާއިން ތިންވަނަ ގޯލެއް ޖަހައި، އަތުވާނެހެން ހީވާ ހިސާބަކަށް ސްކޯގެ ފަރަގު ބޮޑުކުރިއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ސާބިއާއިން ޖެހި ގޯލަކީ ހިތްގައިމު ޓީމު ގޯލެކެވެ. ރީތި ކުޅުމަކާއެކު އަންދްރިޔާ ޒިވްކޮވިޗް ދިން ބޯޅައަކުން ކެމަރޫން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސާބިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެލެކްސެންޑާ މިޓްރޮވިޗެވެ. އެ ގޯލަށް ރީތި އެއް ޓަޗުގެ ޕާސްތަކެއް ސާބިއާއިން ޖަހާފައިވެއެވެ.

ކެމަރޫނުން ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ދިޔަ އިރު، އެޓީމުން ދަނޑު މައްޗަށް ފޯވަޑުން ގިނަކޮށް ގޯލަކަށް މަސައްކަތް ކުރިއެވެ. ހާއްސަކޮށް އެންމެ ފާހަގަވީ އެންމެފަހުން ބޭއްވި އެފްކޯންގެ އެންމެ ގިނައިން ގޯލު ޖެހި ވިންސެންޓް އަބޫބަކާރް ދަނޑު މައްޗަށް ނެރުމެވެ. އޭނާ ދަނޑު މައްޗަށް ނެރުމާއެކު ތަފާތުވެސް ދެއްކިއެވެ. މެޗުގެ 64 ވަނަ މިނެޓުގައި އަބޫބަކާރް ޖެހި ގޯލުން އުންމީދު ހޯދައިދިނެވެ. ކަސްޓަލެޓޯ ދިން ބޯޅައަކަށް ދުވެ، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ސާބިއާގެ ގޯލްކީޕަރު މިލިންކޮވިޗް ސަވިޗްގެ ބޯމަތިން ޗިޕް ކޮށްލައިގެންނެވެ.

އޭގެ އިރުކޮޅެއް ފަހުން ކެމަރޫނުން ޖެހި ގޯލުގައިވެސް ފެނުނީ ކުރިން ޕޯޓޯއަށް ކުޅުނު އަބޫބަކާރްގެ ނުރައްކަލެވެ. އަބޫބަކާރް އަރައި ގޯލު ޖެހިތާ ދެ މިނެޓް ފަހުން ކެމަރޫން ނަތީޖާ ހަމަހަމަ ކުރީ ކައުންޓާ އެޓޭކެއްގައެވެ. އަބޫބަކާރް ކުރިއަށް ދުވެ، ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކެމަރޫނަށް އެގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އެރިކް ޗޫޕޯ މޯޓިންއެވެ.

އެ ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަވެ، ފޯރި ގަދަވިއެވެ. ދެޓީމުންވެސް މަސައްކަތް ކުރީ ގަދަ 16 އަށް މުހިއްމު ތިން ޕޮއިންޓް ހޯދުމަށެވެ. އެގޮތުން ސާބިއާގެ މިޓްރޮވިޗަށް މެޗުގެ ފަހުކޮޅުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އޭނާއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފޮނުވާލެވިފައެއް ނުވެއެވެ.

18:00 ދެކުނު ކޮރެއާ - ގާނާ (ގްރޫޕް އެޗް)

21:00 ބްރެޒިލް - ސްވިޒަލޭންޑް (ގްރޫޕް ޖީ)

00:00 ޕޯޗުގަލް - އުރުގުއާއީ (ގްރޫޕް އެޗް)