ކެމަރޫނުން ގަތަރު ވޯލްޑް ކަޕް 2022 ގައި ސާބިއާއާ ދެކޮޅަށް ނެގި ސްކޮޑުން އެ ގައުމުގެ އެއް ނަންބަރު ގޯލްކީޕަރު، އިންޓަ މިލާންގެ އަންދްރޭ އޮނާނާގެ ނަން ކޯޗު ރިގޮބާޓް ސޯންގް އުނިކޮށްފިއެވެ.

ޔޫރަޕުގެ ވަރުގަދަ ކްލަބަކަށް ކުޅޭ، ގައުމީ ޓީމަށް 34 މެޗު ކުޅެދީފައިވާ އޮނާނާ މިއަދުގެ މެޗުގެ ސްކޮޑުން ނުފެނުންވީ ގިނަ ބަޔަކަށް ހައިރާން ކަމަކަށެވެ. އިތުބާރު ނޫސްތަކަށްވެސް އެކަމުގެ ސަބަބު ސާފުވެފައިނުވާ އިރު، ފަބްރީޒިއޯ ރޮމޭނޯ ބުނެފައިވަނީ އޮނާނާ ސްކޮޑުން ބޭރުވީ ޑިސިޕްލިނަރީ ފިޔަވަޅެއްގެ ސަބަބުން ކަމަށެވެ.

އެ ފިޔަވަޅު އަޅަން ސޯންގް ނިންމީ، ކޯޗު ބޭނުންވާ ގޮތަށް ކުޅެން އޮނާނާ އެއްބަސްނުވުމުން ކަމަށްވެސް ފަބްރީޒިއޯ ރިޕޯޓު ކޮށްފައިވެއެވެ. އޮނާނާއަކީ ކުރިއަށް ޖެހި، ސްވިޕަރެއްގެ ރޯލުގައިވެސް ކުޅޭ ގޯލްކީޕަރެއްކަން ފާހަގަވެފައިވާ އިރު، ރިޕޯޓުތައް ބުނާ ގޮތުން ސޯންގް ބޭނުންވަނީ އޮނާނާ "ޓްރެޑިޝަނަލް" ސްޓައިލެއްގައި ކުޅުމަށެވެ. އެއީ ކުރިއަށް ނުޖެހި، މާ ބޮޑަށް ކުޅުމުގައި ބައިވެރިނުވެ ކުޅުމަށެވެ.

މިއަދުގެ މެޗަށް އޮނާނާގެ ބަދަލުގައި ކެމަރޫނުން ނެރުނީ ޑޭވިސް އެޕަސީއެވެ. އޭނާއަކީ ސައުދީ އަރަބިއާގެ ކްލަބު އަބްހާއަށް ކުޅެމުންދާ ކުޅުންތެރިއެކެވެ.

އުމުރުން 26 އަހަރުގެ އޮނާނާއަކީ ޒަމާނީ ސްޓައިލްގެ ގޯލްކީޕަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ގޯލްކީޕަރެކެވެ. އޮނާނާގެ ދުރު، އަދި ކައިރި ޕާސްތައް ގިނަ މެޗުތަކުގައި ފާހަގަކޮށްލެވޭ އިރު، އޭނާގެ ސްޓައިލަކީ ޖަރުމަނުގެ މެނުއަލް ނޯޔާގެ އިތުރުން ބްރެޒިލްގެ އެޑަސަން ފަދަ ކީޕަރުންވެސް ބޭނުންކުރަމުންދާ ޒަމާނީ ސްޓައިލެކެވެ.

އޮނާނާ ވަނީ ކެމަރޫނުން ކުޅުނު ފުރަތަމަ މެޗުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅެ، ރަނގަޅު ސޭވްތަކެއްވެސް ކޮށްފައެވެ. އެ މެޗުން ކެމަރޫން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.