މިހިނގާ 2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މަސައްކަތްތަކުގެ ތެރެއިން 54.7 ޕަސެންޓް މަސައްކަތް ނިންމައި މިއަދުންް ފެށިގެން ރައްޔިތުންގެ މަޖިލިސް އަހަރީ ޗުއްޓީއަށް ހިންގައްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގެ ގޮތުގައި މިއަދުގެ ޖަލްސާ ނިންމަވައިލެއްވުމުގެ ކުރިން، މަޖިލިސް ރިޔާސަތުގައި އެވަގުތު އިންނެވި، މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، މަޖިލީހުގެ ދެވަނަ ދައުރުގައި ނުނިމި އޮތް 29 ބިލާއި އަލަށް ހުށަހެޅި 13 ބިލާއެކު ޖުމްލަ 42 ބިލުގެ މަސައްކަތް މި ދައުރުގައި ކުރި ކަމަށެވެ. އޭގެ ތެރެއިން 23 ބިލުގެ މަސައްކަތް ނިންމި ކަމަށްވެސް ވިދާޅުވިއެވެ.
ކުރީ ދައުރުގެ 13 ގަރާރާއި މި ދައުރަށް ހުށަހެޅި ހަތަރު ގަރާރާއެކު ޖުމްލަ 17 ގަރާރުގެ މަސައްކަތް މި ދައުރުގައި ކުރި ކަމަށާއި އޭގެ ތެރެއިން ހަ ގަރާރެއްގެ މަސައްކަތް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުން ހުށަހެޅި މަސައްކަތުގެ ތެރެއިން ކުރީ ދައުރުގެ ތިން މައްސަލަ އާއި މިދައުރުގައި ހުށަހެޅި އަށް މައްސަލައާ އެކު ޖުމްލަ 11 މައްސަލައިގެ މަސައްކަތް މި ދައުރުގައި ކޮށްފައިވާ އިރު، 10 ގަރާރުގެ މަސައްކަތް ނިންމާލެވުނު ކަމަށާއި ރިޔާސަތުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިދިޔަ ދައުރުގެ ދެ މައްސަލަ އާއި މި ދައުރުގެ ހަތަރު މައްސަލައާ އެކު ޖުމްލަ ހަ މައްސަލައެއްގެ މަސައްކަތްކޮށް ހަތަރު މައްސަލައިގެ މަސައްކަތް ނިންމާލެވުނު ކަމަަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން މި ދައުރަށް ހުށަހެޅި ނުވަ ކުއްލި މައްސަލައިގެ މަސައްކަތް މުޅިން ނިންމާލައި، މެންބަރުން ހުށަހެޅުއްވި މައްސަލަތަކުގެ ތެރެއިން ނިމުނު ދައުރުން ލިބުނު ފަސް މައްސަލަ އާއި މި ދައުރުގައި ހުށަހެޅި ތިން މައްސަލައާ އެކު ޖުމްލަ އަށް މައްސަލައިގެ މަސައްކަތްކޮށް، ތިން މައްސަލައިގެ މަސައްކަތް ނިންމާލުމުގެ އިތުރުން، އެހެނިގެން މައްސަލަތަކާ ގުޅޭ ރިޕޯޓުގެ ގޮތުގައި ނިމުނު ދައިރުން ލިބުނު ފަސް ރިޕޯޓާއި މި ދައުރަށް ހުށަހެޅި ފަސް ރިޕޯޓާއެކު ޖުމްލަ 10 ރިޕޯޓުގެ މަސައްކަތް ކޮށް ފަސް ރިޕޯޓުގެ މަސައްކަން ނިންމާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ، ނިމި ދިޔަ ދެވަނަ ދައުރުން މި ދައުރަށް ލިބުނު 15 ސުވާލާއި މި ދައުރުގައި މެމްބަރުން ހުށަހެޅި 74 ސުވާލާ އެކު ޖުމްލަ 89 ސުވާލު މިނިސްޓަރުންނާ ކުރަން ހުށަހެޅި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން މިނިސްޓަރުންނާ ކުރެވުނީ 43 ސުވާލު ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގައި 43 ޖަލްސާ ބޭއްވި އިރު، ޖުމްލަ 125 ގަޑިއިރާއި 11 މިނެޓް ހޭދަވި ކަމަށްވެސް އަފީފު ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، އަހަރެއްގެ ތެރޭގައި ތިން ދައުރަކަށް ބެހިގެން ވެއެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭނީ އެ އަހަރަކަށް، ރައީސުލްޖުމްހޫރިއްޔާ މަޖިލިސް ހުޅުވައި ދެއްވުމުންނެވެ.
ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިއްވަން ޖެހެއެވެ.
މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން، މެމްބަރުން ކޮށްދެއްވި މަސައްކަތްތަކަށް ރިޔާސަތުން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ނިންމަވައިލައްވަމުން އަފީފު ވިދާޅުވީ، އަންނަ 2023 ވަނަ އަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އޮންނަ ތާރީހާއި ގަޑި މަޖިލިސް އިދާރާއިން މެމްބަރުންނަށް އަންގާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު