ހުޅުމާލޭގެ މަގުތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނު (އެޗްޑީސީ) އިން ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެގެ މަގުތަކުގައި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ފަދަ އިންތިޒާމު ގާއިމުކުރުމުގެ ގޮތުން ހުޅުމާލެ ނިރޮޅުމަގާއި އަދި އެހެނިހެން މަގުތައް ހަތަރު ލޭނަކަށް ބަހާލައިގެން އެއްފަހަރާ ހަތަރު ވެހިކަލް އެއް މަގުން ދުއްވޭނެ ގޮތަށް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން ބަހަށް ހާއްސަކޮށްގެން، ބަސް ދުއްވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ބަސް ލޭނަކާއި އެހެނިހެން ވެހިކަލްތަކަށާއި ބައިސްކަލް ދުއްވުމަށްވެސް ހާއްސަ ލޭނެއް ވަނީ ކަނޑައަޅައިފައެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެގައި ގިނަ މީހުން އާބާދުވުމާއި ގުޅިގެން ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނެވުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވިގެންދާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

މަގުތަކަށް ބަދަލުގެނައުމަށް މިހާތަނަށް މަސައްކަތް ފަށާފައިވަނީ ހުޅުމާލެގެ ނިރޮޅުމަގުގެ އިތުރުން ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގެވެ.

އެޗްޑީސީން ބުނީ މި ބަދަލާއެކު ހުޅުމާލެގެ ނިރޮޅުމަގުގައި ވެހިކަލް ޕާކުކުރުން މަނާވާނެ ކަމަށެވެ. ނަމަވެސް ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކުކުރުމުގެ އިންތިޒާމު އެޗްޑީސީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނީ ހުޅުމާލެގައި ބައިސިކަލް ލޭންއެއް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ބައިސްކަލަކީ ވަރަށް ސްޕީޑް ދަށްކޮށް ދުއްވާ އުޅަދެއް ކަމަށް ވުމާއެކު ބާރު ސްޕީޑުގައި ދުއްވާ އެހެނިހެން އުޅަދުތަކަށް ދަތިނުވާ ގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުން ކަމަށެވެ. އެގޮތުން ބައިސިކަލް ދުއްވާ ރޫޓު ފާހަގަކުރުމުގެ ގޮތުން ނޫކުލަ، ބައިސްކަލް ލޭނަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލެގައި މިފަދައިން ލޭންތަކެއް ކަނޑައަޅާ މި ލޭނާ އެއްގޮތަށް ދަތުރުފަތުރުގެ ކަންކަން ކުރަން ފެށުމުން އާންމުންނަށް ލުއިފަސޭހަވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި މިފަދަ ކަންކަން އެއްވެސް ހުރަހެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި އާންމުންގެ ފަރާތުން އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.