Close
ޚަބަރު

ޖިނާއީ ކުށްތަކުގެ ހުކުމް އަންނަ މީހުންގެ ވަކީލުކަމުގެ ހުއްދަ އުމުރަށް ބާތިލްވާ އިސްލާހު އަނބުރާ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ޖިނާއީ ބޮޑެތި ކުށްތަކުގައި ހުކުމް އަންނަ މީހުންގެ ވަކީލުކަމުގެ ހުއްދަ ދާއިމީކޮށް ބާތިލު ކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް އިތުރަށް އިސްލާހު ގެންނަން އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ޖުޑިޝަރީ ކޮމިޓީން މި ބިލު އިސްލާހުކޮށް މަޖިލިސް ތަޅުމަށް ހުށަހެޅި ގޮތަށް ފާސް ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، ބިލު ފާސްކުރަން ވޯޓު ދެއްވީ އެވަގުތު ޖަލްސާގައި ތިއްބެވި 58 މެމްބަރުންގެ ތެރެއިން އެންމެ ދެ މެމްބަރުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް 49 މެމްބަރުން ވޯޓު ދެއްވިއެވެ. ފާސްވާން ބޭނުންވަނީ 26 މެމްބަރުންގެ ވޯޓެވެ.

އެގޮތަށް ބިލު ފާސްނުވުމުން ދެން ވޯޓަށް އެހީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައި ލުމަށެވެ. އިތުރަށް ފުރިހަމަ ކުރުމަށް ބިލު އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިލީ، ޖަލްސާގައި ތިއްބެވި 58 މެމްބަރުންގެ ތެރެިން 48 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހުސައިން، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި މި ބިލަށް ކޮމިޓީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އިކުރާމް ހުށަހެޅުއްވި ބިލުގައި ވަނީ އެ ގާނޫނުގެ 35 ވަަނަ މާއްދާގެ (ށ)ގެ ފަހަތަށް ފަސް އަކުރު އިތުރު ކުރުމަށެވެ.

އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގުކުރުމަށްފަހު، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ފަނޑިޔާރުން، ވަކިކުރަން މަޖިލީހުން ފާސްކުރާ ހިސާބުން، އެ ފަނޑިޔާރު ކުރި އަމަލަކީ ގާނޫނީ ވަކީލުކަމުގެ ސުލޫކާ ހިލާފު އަމަލެއް ކަމަށް ބަލައި، އެ ފަނޑިޔާރަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށް ވަނީ ހުށަހަޅައިފައެވެ.

އެގޮތަށް ވަކީލުކަމުގެ ހުއްދަ ބާތިލުވާ މީހުންނަށް ރާއްޖޭގައި ވަކީލުކަން ކުރުމަށް، ވަކީލުކަމުގެ ހުއްދަ އަލުން ހޯދޭނީ ފަސް އަހަރު ފަހުން ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެ މީހަކު ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމާފައި ވަނީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ ބޮޑު އަމަލެއް ކުރި ކަމަށް ޖޭއެސްސީގެ ތަހުގީގަށް ސާބިތުވެގެން ކަމަށްވާ ނަމަ ދުވަހަކުވެސް އެ މީހަކަށް ވަކީލުކަމުގެ ހުއްދައެއް ނުލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ހާލަތުގައި ފަނޑިޔާރަކު އިސްތިއުފާ ދިނަސް އޭނާގެ މައްޗަށްވެސް އެގޮތަށް އަމަލު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ކޮމިޓީން ވަނީ އެ އިސްލާހުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ގާނޫނީ ވަކީލެއްގެ ވަކީލުކަން ދާއިމަށް ބާތިލު ކުރެވޭނީ، ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް، ވައްކަ ނުވަތަ ޓެކުން ނުވަތަ މަކަރާއި ހީލަތް ނުވަތަ ހިޔާނާތް ނުވަތަ އޮޅުވާލުމުގެ ކުށެއް ސާބިތުވާ ކަމަށް ޝަރީއަތުން ނިހާއީ ހުކުމެއް ކަނޑައެޅުމުން ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ވަކީލަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ނުވަތަ ވަކިކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ނުދެވޭނެ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.

އެ މުއްދަތު ގައި ވަގުތީ ގޮތުން ހިފެހެއްޓިފައިވާ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެދޭ މީހުން އެކަން ބަޔާންކޮށް ބާ ކައުންސިލުން ކަނޑައަޅާ އުސޫލާ އެއްގޮތަށް އެ ކައުންސިލަށް ހުށަހެޅިދާނެ ކަމަށާއި އެކަމަށް ހުށަހަޅާ އިރު، ހިމަނަންޖެހޭ ތަފުސީލުތައްވެސް އެ ބިލަށް ކޮމިޓީން ގެނައި އިސްލާހުތަކުގައި ވަނީ ހިމަނައިފައެވެ.