ގަތަރު ވޯލްޑް ކަޕް 2022

ބްރެޒިލަށް ވޯލްޑް ކަޕް ހޯދޭނެ ގޮތަކާ މެދު ފްރެޑް، އެޖެންޓާއެކު މަޝްވަރާގައި!

ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލަށް ވޯލްޑް ކަޕް 2022 ހޯދޭނެ ގޮތަކާ މެދު ޖިލްބާޓޯ ސިލްވާއާއެކު މަޝްވަރާކޮށްފައިވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ބްރެޒިލް މިޑްފީލްޑަރު ފްރެޑް ބުނެފިއެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ބްރެޒިލުން ވަނީ މޮޅު އެޓޭކިން ކުޅުމަކާއެކު 2-0 ގެ ނަތީޖާއަކުން ސާބިއާ ބަލިކޮށްފައެވެ. "ގްރޫޕު ޖީ" ގައި ކުޅުނު އެ މެޗުގައި ބްރެޒިލް މިޑްފީލްޑަރު ފްރެޑް ފެނިފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މިހާރު ފްރެޑްގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ޖިލްބާޓޯ ސިލްވާ އަކީ ވޯލްޑް ކަޕް 2002 ގެ ތަށި އުފުލައިލި ބްރެޒިލް ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އެންމެ ފަހުން ބްރެޒިލަށް ވޯލްޑް ކަޕްގެ ތަށި ހޯދުނު ފަހަރަކީ ވެސް އެއީ އެވެ. މިފަހަރުގެ ފޭވަރިޓެއްގެ ގޮތުގައި ބްރެޒިލުން ވަރުގަދަ ސްކޮޑަކާއެކު ނުކުތީ 20 އަހަރަށްފަހު ތަށި ހޯދުމުގެ އަޒުމުގައެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ބްރެޒިލް މިޑްފީލްޑަރު ފްރެޑް ބުނީ ޖިލްބާޓޯ ސިލްވާ ކައިރިން ކަންކަން ދަސްކުރަމުން އަންނަ ކަމަށާއި ވޯލްޑް ކަޕް 2002 ގައި ބްރެޒިލުން ތަށި ހޯދި ހަނދާންތައް އެބަހުރި ކަމަށެވެ.

"އަހަރެންގެ ހަނދާނުގައި 2002 އެބަހުރި. އެކަމަކު 1998ގެ ހަނދާންތައް އެހާ ބޮޑަކަށް ނެތް. ވޯލްޑް ކަޕް 2002ގެ ކޮންމެ މެޗެއް ބެލި ހަނދާން އެބަހުރި. އޭރު މެޗުތައް ކުޅެނީ ބްރެޒިލް ގަޑިން ފަތިހު 5:00ގައި. އެ ގަޑީގައި ނިދިފައި އޮތް ނަމަ، ގޮވައިދޭން ބައްޕަ ކައިރީގައި އެދުނު ހަނދާންތައް ވެސް އެބަހުރި،" އޭނާ ބުންޏެވެ.

ފްރެޑް ބުނީ އޭނާގެ ވޯލްޑް ކަޕްގެ ފުރަތަމަ ހަނދާނަކީ 2002 ގެ ވޯލްޑް ކަޕް ކަމަށާއި އެއީ ބްރެޒިލުން ތަށި އުފުލައިލި ވޯލްޑް ކަޕަކަށްވުމުން އެ ހަނދާންތަކަކީ ވަރަށް އުފާވެރި ހަނދާންތަކެއް ކަމަށެވެ. އޭރު ތަށި އުފުލައިލި ޓީމުގައި އޭނާގެ އެޖެންޓެއްގެ ގޮތުގައި މިހާރު މަސައްކަތްކުރާ ޖިލްބާޓޯ ސިލްވާ ހިމެނޭކަން ވެސް ފަހުރުވެރިކަމާއެކު ފްރެޑް ފާހަގަކުރިއެވެ.

"އޭރު ވޯލްޑް ކަޕްގެ ތަށި ހޯދި ބްރެޒިލް ޓީމުގައި ޖިލްބާޓޯ ސިލްވާ ހިމެނޭ. އެހެންވީމާ އަހަރެން ވަރަށް ގިނައިން އޭނާއާ އެ ވާހަކަ ދައްކަން. އެއީ ވޯލްޑް ކަޕެއް ކާމިޔާބުކުރި މީހަކަށް އެކަން ރަނގަޅަށް އެނގޭނެތީ. އެ ވޯލްޑް ކަޕްގެ ފައިނަލުގައި ރޮނާލްޑޯ ގޯލު ޖެހިކަން ހަނދާން އެބަހުރި. އޭގެ އިތުރުން އޭރު ރޮނާލްޑީނިއޯ، ރިވާލްޑޯ އަދި ރޮބާޓޯ ކާލޯސް ފަދަ ކުޅުންތެރިން ފެނުނު. އެހެންވީމާ އަހަރެންގެ ފަހަތުގައި ގައުމުގެ އެފަދަ ބަތަލުން އެބަތިބި،" އޭނާ ބުންޏެވެ.

ވޯލްޑް ކަޕްގެ "ގްރޫޕު ޖީ" ގައި ބްރެޒިލުން ކުޅޭ ދެވަނަ މެޗަށް މިއަދު ނުކުންނާނެއެވެ. ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ އެ މެޗަށް ބްރެޒިލް ނުކުންނާނީ މިރޭ 9:00 ގައެވެ. އެ ގްރޫޕުގައި ކުޅޭ އަނެއް މެޗުގައި މިއަދު މެންދުރުފަހު 3:00 ގައި ސާބިއާ ނުކުންނާނީ ކެމަރޫނާ ދެކޮޅަށެވެ.

އެ ގްރޫޕުގެ އެއްވަނައިގައި އޮތް ބްރެޒިލާއި ދެވަނައިގައި އޮތް ސްވިޒަލެންޑަށް، އެއިން ކޮންމެ ޓީމަކަށް ވެސް އެއް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ބްރެޒިލް ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ކެމަރޫނާއި ސާބިއާއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.