ގަތަރު ވޯލްޑް ކަޕް 2022

ރެފިއުޖީ ކޭމްޕަކަށް އުފަން ޑޭވީސް ކެނެޑާގެ ތާރީހު ލިޔެލިގޮތް، ދަނޑަށް އަރަނީ މަންމައާއި ބައްޕައަށް ޓަކައި

މުޙައްމަދު ޝަމްޢޫން

"ރެފިއުޖީ ކޭމްޕެއްގައި އުފަންވި ކުއްޖަކަށް ވޯލްޑް ކަޕަށް ދެވުން އެއީ ނުވާނެ ކަމެއް ގޮތުގައި އޮތްކަމެއް. އެއްވެސް މީހަކަށް ނުވާނޭ ބުނިޔަ ނުދޭތި! އަމިއްލަ ހުވަފެންތައް އެހެން މީހުންނަށް ގަބޫލުކުރަން އުނދަގޫވިޔަސް، އަމިއްލައަށް އެކަން ހާސިލްކުރަން މަސައްކަތްކުރަން ވާނެ،" ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގެ ތަރި، އަލްފޮންސޯ ޑޭވީސް ވޯލްޑް ކަޕަށް ދަމުންދިން މެސެޖަކީ މިއީއެވެ.

ކެނެޑާއިން 36 އަހަރު ފަހުން، އެގައުމުގެ ތާރީހުގައި ކުޅުނު ދެވަނަ ވޯލްޑް ކަޕަށް ދިޔައީ މިފަހަރު ގަތަރަށެވެ. ކުރިން ކުޅުނު ވޯލްޑް ކަޕް ނިންމާލީ ހުސް އަތާއެވެ. ގޯލެއްވެސް ނުޖެހި، މޮޅެއް ނުވެވި، ޕޮއިންޓެއްވެސް ނުހޯދިއެވެ. މިފަހަރު ދިޔަ ޓީމަށް ގްރޫޕް ސްޓޭޖުން ކަޓައިގެން ދާން ޖެހިފައި އޮތް ނަމަވެސް، އެއް ކަމެއް ކޮށްފިއެވެ. އުންމީދެއް ގެނެސްދީފިއެވެ. ކުޅުން ރަނގަޅު ކެނެޑާއިން ތާރީހުގައި ވޯލްޑް ކަޕްގެ ފުރަތަމަ ގޯލެއްވެސް ޖަހައިފިއެވެ. ގޯލް ޖެހީ ޓީމުގެ ތަރިއެވެ. ގާނާގެ ރެފިއުޖީ ކޭމްޕަކަށް އުފަންވި ޑޭވީސް އެވެ. ރޭ ކްރޮއޭޭޝިއާ ކޮޅަށް އޭނާ ގޯލު ޖެހީ އެންމެ 63 ސިކުންތުގެ ތެރޭގައެވެ. އެއީ ތާރީހީ ވަގުތުކޮޅެކެވެ. "ކިރިޔާ ސަލާމަތްވި" ޅަ ދުވަސްވަރެއްގެ ތާރީހު އޮތް ޑޭވީސްއަކީ ކެނެޑާގެ ތާރީގުގައި ރަން އަކުރުން ލިޔާނެ ނަމަކަށްވީއެވެ.

އުމުރުން އެންމެ 22 އަހަރުގެ ޑޭވީސްއަކީ މިހާރުވެސް ޖަރުމަނުގެ އެންމެ ބޮޑު ކްލަބު، ބަޔާން މިއުނިކްގެ ތަރިއެކެވެ. އެޓީމާއެކު އޭނާ ވަނީ ޖަރުމަނުގެ ޗެމްޕިއަންކަން އެތައް ފަހަރަކު ހޯދުމުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. އެ ކާމިޔާބީތަކާއެކު ވޯލްޑް ކަޕަށް ގޮސް ގޯލު ޖެހީއެވެ. ޑައިރީއެއްގައި ލިޔެވިފައިވާނަމަ ޑޭވީސްގެ ވާހަކަ ވާނީ "ފެއަރީ ޓޭލް"އަކަށް ނޫންހެއްޔެވެ؟ އެވާހަކަތައް އަދި ނިމުނީ ނޫންކަންވެސް ޔަގީނެވެ. ޑޭވީސްގެ އުމުރުން އަދި އެންމެ 22އެވެ.

ޑޭވީސްގެ ހަޔާތުގެ ދަތުރު ފެށުނީ ގާނާގެ ރެފިއުޖީ ކޭމްޕެއް ކަމަށްވާ ބުޑުބުރަމުންނެވެ. ލައިބީރިއާގެ ދާހިލީ ހަނގުރާމައަށް ކެތް ނުކުރެވިގެން ޑޭވީސްގެ މަންމައާއި ބައްޕަ އެގައުމު ދޫކޮށް ދިޔައީ ގާނާއަށެވެ. ރެފިއުޖީ ކޭމްޕް ވަކި ފަސޭހައެއް ނުވާނެތާއެވެ. ޑޭވީސްގެ ބައްޕަ ކިޔައިދީފައިވާ ގޮތުގައި ރެފިއުޖީ ކޭމްޕްގެ ދިރިއުޅުމަކީ ދުވާލުދާ ހަތަރުދަމު ސާފު ފެންފޮދެއް ހޯދަން، ކާނެ އެއްޗެއް ހޯދަން، ދިރި ހުންނަން މަސައްކަތް ކުރުމެވެ. ބައްޕަ ޑެބެއާ ޑޭވީސް ބުނި ގޮތުގައި ގާނާގެ ރެފިއުޖީ ކޭމްޕަށް ދިޔައީ ފަސޭހަމަގެއް ހޯދަން އެކަނި ނޫން ކަމަށާއި، "ލައިބީރިއާގައި ބަޑި ހިފައިގެން އުޅެން ބޭނުން ނުވާތީ،" އެވެ.

އެ ހުރިހާ ވާހަކައެއް ޑޭވީސްގެ ސިކުނޑީގައިވެސް އެބަހުއްޓެވެ. ބައްޕައާއި މަންމަވެސް އޭނާއަށް އެވާހަތައް ކިޔައިދީފައިވާ ކަމަށް ޑޭވީސް ބުނެފައިވެއެވެ. "އެއީ ވަރަށް ދެރަވި ވާހަކަތަކެއް. އެއީ އުނދަގޫ ވާހަކަތަކެއް. ހަޔާތުގެ އެވާހަތައް އަޑުއަހަންވެސް އުނދަގޫ. އަހަރެން އަބަދުވެސް މަސައްކަތް ކުރީ އާއިލާއަށް ހެޔޮ ދިރިއުޅުމަކަށް،" ޑޭވީސް ބުންޑަސްލީގާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ. ޑޭވީސް ބުނީ ދަނޑު މައްޗަށް ނުކުންނަ ކޮންމެ ފަހަރަކުވެސް ނުކުންނަނީ މަންމައާއި ބައްޕައަށްޓަކައި ކަމަށެވެ.

ކެރިއަރުގެ ކުރިމަގަށް ޑޭވީސް ހޯދި ބަލިނުކުރެވޭނެ ހިތްވަރު ލިބުނީ އެވާހަކަތަކުންނެވެ. އެއީ ކެރިއަރުގެ ބިންގަލެވެ.

ފުޓުބޯޅައިގެ ކުރިއަށް އުނދަގޫ ދިރިއުޅުމެއް

އެޓްލާންޓިކް ހުރަސްކޮށް، ގާނާ ދޫކޮށް، ޑޭވީސްގެ އާއިލާ ކެނެޑާގެ އެޑްމޮންޓަންއަށް ހިޖުރަކުރީ ޑޭވީސްގެ އުމުރުން އެންމެ ފަސްއަހަރުގައެވެ. އެއީ މަޑުމަޑުން ދިރިއުޅުން ފަސޭހަވާން ފެށި ހިސާބު ނަމަވެސް ކެނެޑާގައި އާމްދަނީ ހޯދަން މަންމަ ވިކްޓޯރިއާއި ބައްޕަ ޑެބެއާއަށް ޖެހުނީ ދުވާލާއި ރޭގަނޑުވެސް މަސައްކަތަށް ނުކުންނާށެވެ. އެ ހުރިހާ ވަގުތެއްގައި އެއްބަނޑު އެއްބަފާ ކުޑަ ދެކޮއްކޮ ބަލަން ގޭގައި އިނީ ޑޭވީސް އެވެ. ޑޭވީސްގެ ކޮއްކޮމެން ބަލަމުންވެސް އޭނާ ކުރި އެއް ކަމަކީ ސްކޫލަށް ދާން ފެށުމެވެ. ސްކޫލަކީ އޭނާގެ ފުޓުބޯޅައިގެ ފެށުންވެސް މެއެވެ.

ޑޭވީސްގެ ފުޓުބޯޅަ ހުނަރު އެންމެ ފުރަތަމަ އަޅައިގަތީ ގްރޭޑް ހައެއްގައި އޭނާގެ ކުޅިވަރު ޓީޗަރު މެލީސާ ގޫޒޯގެ ލޮލުގައެވެ. އެ ހުނަރު ބޭކާރުކޮށްނުލައި، ކުރިއަރުވަން ބޭނުންވެ، ގޫޒޯ ވަނީ ޓިމް އެޑަމް ނަމަކަށް ކިޔާ ކޯޗަކު ހިންގަމުން އައި "އާފްޓާ ސްކޫލް" ފުޓުބޯޅަ ޕްރޮގްރާމަކަށް ޑޭވީސް ފޮނުވޭނެ ގޮތް ހަދައިދީފައެވެ. "ފްރީ ފުޓީ" ނަމަކަށް ކިޔާ އެޕްރޮގްރާމަކީ ރެޖިސްޓްރޭޝަން ފީއެއްވެސް ދެއްކެން ނެތް ކުދީންނަށް ހާއްސަ ހިލޭ ސްކޫލެކެވެ. އަދި ދަތުރު ފަތުރުކޮށް ދުރު ތަންތަނަށް ނުދޭވެނެ ކުދީންނަށްވެސް އެޕްރޮގްރާމް ހާއްސައެވެ.

އެ ޕްރޮގްރާމްގެ ކޯޗު، އެޑަމްސްއަށް ފުރަތަމަ ފަހަރުވެސް ޑޭވީސް އަޅައިގަތެވެ. އެޑަމްސް ބުނި ގޮތުގައި ޑޭވީސްގެ ފައިގައި ބޯޅަ ޖެހުމާއެކު ފެނުނީ ޖާދުލެކެވެ. ފްރީ ފުޓީގެ ފަރާތުން ބޭއްވި ހާއްސަ މުބާރާތެއް ބެލުމަށް ދިޔަ ސެއިންޓް ނިކޮލަސް ސޮކާ އެކެޑެމީގެ ވެރިޔާ މާކޯ ބާސިއޯއަށް ޑޭވީސްގެ ޖާދޫ އެއްފަހަރުން ފެނުނެވެ. އޭރު ޑޭވީސްއަށް ރަނގަޅަށް އިނގިރޭސިން ވާހަކަ ދައްކަންވެސް ނޭނގޭ ކަމަށް އޭނާގެ އެކުވެރިން ބުނެފައިވެއެވެ.

"ތެދަށް ބުނަންޏާ އަހަރެން އޭރު ކުޅެން އުޅުނީ މަޖަލަކަށް. އެއީ ގޯސް މަގަކުން ނުދާން ކުރި ކަމެއް. އޭރު އެހާ މޮޅެއްވެސް ނުވާނެ. ދެން ރައްޓެހިންނާއެކު ކުޅުނީ،" ޑޭވީސް ބުންޑަސްލީގާއަށް ބުނެފައިވެއެވެ.

ހަޔާތުގެ ދަތިކަމުން ލިބިފައިވާ "ބަލިނުކުރޭވެ ހިތްވަރު" ޑޭވީސްގެ ކިބައިން އޭރުވެސް ފެނުނެވެ. އެ ހިތްވަރާއެކު މަޑުޖެހުމެއް ނެތި ބޯޅަ ކުޅެ، 14 އަހަރުގައި ކެނެޑާގެ އެއްވަނަ ޑިވިޝަންގެ ވެންކޫވާ ކެޕްސްގެ ހާއްސަ ޕްރޮގްރާމެއްގައި އޭނާ ތަމްރީނުވާން ފެށިއެވެ. ޑޭވީސްއަށް އެ ކްލަބާއެކު ލީގު މެޗަކަށް ނުކުންނަން ބޭނުންވީ އެންމެ އަހަރެކެވެ. އުމުރުން އެންމެ 15 އަހަރުގައި ޔުނައިޓެޑް ސޮކާ ލީގުގައި ކުޅެ، ލީގު ތާރީހު ބަދަލުކޮށްލިއެވެ. ޑޭވީސްއަކީ އެ ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

ޑޭވީސް އުމުރުފުރާތައް އަވަސް އަވަހަށް ކަޑައްތުކޮށް، ވައިޓްކެޕްސްގެ ސީނިއާ ޓީމަށް ނުކުތް ގޮތަކީ އެ ކްލަބުގެ ރައީސް ބޮބް ލެނާޑޫޒީއަށްވެސް ގަބޫލުކުރަން ދަތިވި ކަމެއްކަމަށް އޭނާ ބުނެފައިވެއެވެ.

ގައުމީ ފުޓުބޯޅައިގެ މޫނު މައްޗަކަށް، ބަޔާންއަކީ ހަގީގީ ކާމިޔާބީ

"ޖެނެރޭޝަނަލް" ހުނަރެއްގެ ގޮތުގައި މާކުރިންވެސް ލޭބަލްވެފައިވާ ޑޭވީސްއަށް އެ އުމުރުގައިވެސް ގައުމީ ޓީމުން ފާރަލައި، ޒުވާން ޓީމުތަކަށް ނެގިއެވެ. އަދި 2017 ވަނަ އަހަރު ޖޫން މަހު ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅުނީ ކުރަކާއޯއާ ދެކޮޅަށެވެ. އޭރު ކެނެޑާގެ ރަށްވެހިކަން ލިބުނުތާވެސް ވީ ހަފުތާއެކެވެ.

"އެއީ އާއިލާއަށް ވަރަށް މުހިއްމު ވަގުތެއް. ރަށްވެހިކަން ލިބި ޓީމަށް އެރުނީމަ އަހަރެންވެސް ވަރަށް އުފާވި. އެތައް ދުވަހެއް ވަންދެން އުޅުނު ގައުމު ތަމްސީލުކުރުމަކީ ޝަރަފެއް. ކެނެޑާގެ ބެޖު މޭމަތީގައި ޖަހާލެވުމަކީ ފަހުރެއް،" އޭރު ޑޭވީސް ބުނެފައިވެއެވެ. އޭރު އުމުރުން 16 އަހަރެވެ. އެއީ ކެނެޑާގެ ގައުމީ ޓީމަށް ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އަދި ގޯލްޑް ކަޕްގައިވެސް ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. ކެނެޑާގެ ކޯޗު ހާޑްމަންގެ ނަޒަރުގައި ޑޭވީސް ދައްކުވައިދެނީ ކެނެޑާގެ ރަމްޒެކެވެ. ބައިވެރިކުރުމާއި ފުރުސަތު ފަހިކޮށްދިނުމުގެ ރަމްޒެކެވެ.

ޑޭވީސްގެ ދިރިއުޅުން 2018 ވަނަ އަހަރު ބަދަލުވީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ސޮއިކުރި ހިސާބުންނެވެ. އެއީ އޭނާއަށް ޔޫރަޕްގައި ފިޔަޖަހަން ލިބުނު ފުރުސަތެވެ. އެއީ ކެރިއަރުގެ މަގުބޫލުކަމުގެ އަވަސް ފެށުމެއްވެސް މެއެވެ. އެމެރިކާއިން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކެނެޑާއާއެކު ބާއްވަން ހުށަހެޅި ބިޑްގެ މޫނުމައްޗެއްގެ ގޮތުގައި ޑޭވީސް އޭނާގެ ވާހަކަ ފީފާ ކޮންގްރެސްގައި ކިޔައިދިނީވެސް އެހިސާބުންނެވެ. ބަޔާންގައި މިއަދާ ހަމައަށް ޑޭވީސްކުރި ދަތުރުގައި އޭނާ ވެފައި ވަނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ވިދުންގަދަ އެއް ކުޅުންތެރިޔާއަށެވެ. އެންމެ މޮޅު އެއް ވިންގް ބެކަށެވެ.

ވޯލްޑް ކަޕްގެ ފައިސާވެސް އެހީތެރިކަމަށް

ޑޭވީސްގެ ހާއްސަކަމެއް ވޯލްޑް ކަޕްގެ ކުރިންވެސް އޭނާ އިއުލާންކުރިއެވެ. ވޯލްޑް ކަޕަށް ދިޔުމުގެ ކުރިން އޭނާ ވި ވައުދަކީ ވޯލްޑް ކަޕުން ލިބޭ ބޯނަސް ފައިސާއެއް ނޫނީ މުސާރައެއްވެސް އޭނާ ހޭދަކުރީ ރެފިއުޖީ ކޭމްޕްތަކަށް އެހީވުމަށް ކަމަށް ބުނެ ވީ ވައުދެވެ.

"އަހަރެން ރެފިއުޖީ ކޭމްޕްގައި އުޅުނު އިރުވެސް ވަރަށް ގިނަ މީހުން އެހީވި. އެހެންވީމަ މިއީ އަހަރެންވެސް މި ގައުމަށް، ގައުމުގައި އެ ހާލުގައި އުޅޭ އެންމެންނަށް އެހީވާން ޖެހޭ ވަގުތު،" ޑޭވީސް ވޯލްޑް ކަޕްގެ ކުރިން ބުނީ އެހެންނެވެ.

ބަޔާންގައި ކުޅުނު އާރްޔެން ރޮބެންއާއި އެތަކެއް ލެޖެންޑުންނެއްގެ ނަޒަރުގައިވެސް ޑޭވީސްއަކީ މިހާރު ދުނިޔޭ ފުޓުބޯޅައިގައި ހުރި އެންމެ އަލިގަދަ އެއް ތަރިއެވެ. ކެނެޑާގެ ތާރީހުން ޖާގަ ހޯދާފައިވާ ޑޭވީސްގެ ހާއްސަކަމަކީ އޭނާގެ ހަޔާތުގެ ދަތުރެވެ. ރޭ އޭނާ އެދަތުރުގައި މުހިއްމު ވާހަކައެއް ލިޔެލިއެވެ. އެއީ ތާރީހީ ގޯލަކަށްވުރެވެސް ބޮޑު ވާހަކައެކެވެ. ރެފިއުޖީ ކޭމްޕަކަށް އުފަން ޑޭވީސްއަކީ ކެނެޑާއަށް ވޯލްޑް ކަޕް ތާރީހުގެ ފުރަތަމަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އެއަށް ބަދަލެއް ނާންނާނެއެވެ. އެ ތާރީހު ރަނުން ލިޔެވުނީއެވެ.