ކެމަރޫންގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް، އަދި ކުރީގެ ލެޖެންޑްރީ ފޯވަޑްގެ ސަބަބުން ޓީމަށް އިތުރު ޕްރެޝަރެއް ނާންނަ ކަމަށް ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ރިގޮބާޓް ސޯންގް ބުނެފިއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ކުރިން އެންމެ ހައިރާންކުރުވަނިވި ހީއެއްކުރީ ކެމަރޫންގެ އެފްއޭ ރައީސް އެޓޫއެވެ. އެޓޫ ލަފާކުރާ ލަފާކުރުމެއް ކަމަށް ވިދާޅުވެ، ހާމަކުރެއްވީ ވޯލްޑް ކަޕްގައި ފައިނަލްގައި ކުޅޭނެ ކަމަށް ބެލެވެނީ ކެމަރޫނާއި މޮރޮކޯ ކަމަށެވެ. އެއީ އެޓޫގެ އަންދާޒާއެއް ނަމަވެސް އެފްރިކާ ގައުމަކަށް މީގެ ކުރިން ވޯލްޑް ކަޕްގެ ސެމީ ފައިނަލަށްވެސް ދަތުރުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ގިނަ ބަޔަކު ދެކޭ ގޮތުގައި އެޓޫގެ އެ ލަފާކުރުމަކީ ކެމަރޫނަށް އޮތް ޕްރެޝަރެކެވެ.

"ކެމަރޫން އެފްއޭގެ ރައީސަކީ ފުޓުބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރާ ރައީސެއް. އެޓޫއަކީ އެންމެނަށްވެސް އެނގޭ ކުޅުންތެރިއެއް. އޭނާގެ ދިރިއުޅުމަކީވެސް ފުޓުބޯޅަ. އޭނާ ނޭވާލާނީވެސް ފުޓުބޯޅައަށް. ދެކޭނީ ފުޓުބޯޅައިގެ ހުވަފެން. އެކަމަކު އެޓޫގެ ސަބަބުން ޓީމަށް އެއްވެސް ޕްރެޝަރެއް، އަދި އަންނަން ނުޖެހޭ ހާސްކަމެއްވެސް ނާންނާނެ، އިތުރު ބުރަޔަކަށްވެސް އެޓޫ ނުވާނެ،" ސޯންގް ބުންޏެވެ.

ސޯންގްގެ ކެމަރޫނުން މިއަހަރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ކެމަރޫން ކޮޅަށް ގޯލު ޖެހީ ކެމަރޫންގެ އާއިލާއަކަށް ނިސްބަތްވާ ބްރީލް އެމްބޯލޯއެވެ. އެމްބޯލޯއަށް އިހުތިރާމު ކުރާ ކަމަށް ސޯންގް ބުނެފައިވާ އިރު، އޭނާ ދެން އޮތް މެޗުގައި މިއަދު ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ. މުބާރާތުގައި ކުރިއަށްދާން މަޖުބޫރު މޮޅެއް ހޯދުމަށެވެ.

ކެމަރޫނަށް އެންމެފަހުން ވޯލްޑް ކަޕް މެޗަކުން މޮޅުވެވުނީ 2002 ވަނަ އަހަރުއެވެ. އެފަހަރު ވޯލްޑް ކަޕްގައި ކެމަރޫން ވަނީ ސައުދީ އަރަބިއާ ބަލިކޮށްފައެވެ. އެމެޗުގައި ގޯލު ޖެހީ މިހާރު އެފްއޭގެ ރައީސް އެޓޫއެވެ.

"އެޓޫ ދެއްކި ވާހަކައިގެ ސަބަބުން އައި ޕްރެޝަރެއްގެ ސަބަބަކުން ނޫން އަހަރެންގެ ޓީމަށް ގޯލު ނުޖެހުނީ. އެއީ މުޅިން އެހެން ކަމެއް. އެޓޫއަކީ ގައުމީ ޓީމަށް ހިތްވަރު ދޭ ރައީސެއް. ގައުމުގެ ފުޓުބޯޅައަށް ވާން ޖެހޭ ކޮންމެ ގުރުބާނީއެއް އެޓޫ ވާނެ. މިހާރުވެސް ބައެއް ފަހަރު ހީވޭ ދަނޑުމައްޗަށް ޖާޒީގައި ނުކުމެފާނެހެންވެސް،" ސޯންގް ބުންޏެވެ.

އެޓޫ ވަނީ ޓީމަށް ހިތްވަރު ދިނުމަށް ގަތަރުގައި ކުރިއަށް ގެންދިޔަ ބައެއް ތަމްރީނުތަކުގައިވެސް ބައިވެރިވެފައެވެ. އަދި އަބަދުވެސް ޓީމާ ވާހަކަ ދައްކާ އެފްއޭ ރައީސެއްގެ ގޮތުގައި އެޓޫ ފާހަގަވެއެވެ.

ކެމަރޫން ސާބިއާއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ޗެލެންޖެއް ކަމަށް ކޯޗު ސޯންގް ބުނެފައިވާ އިރު، އެޓީމުގެ ސާބިއާ ކުރިމަތިލުން އޮންނާނީ މިއަދު މެންދުރުފަހު 3:00 ގައެވެ.