ގަތަރު ވޯލްޑް ކަޕް 2022

ޒިޔެޗް: ކުރީކޯޗުގެ ހަތުރެއް، މިހާރުގެ ކޯޗުގެ "ފޭވަރިޓެއް"

މުޙައްމަދު ޝަމްޢޫން

މޮރޮކޯ ވޯލްޑް ކަޕަށް ގެންގޮސްދިން ކޯޗަކީ ބޮސްނިއާއަށް އުފަން ވާހިދު ހަލީލްހޮޑްޒިޗެވެ. 2019 ވަނަ އަހަރު މޮރޮކޯއާ ހަވާލުވި ކޯޗު މޮރޮކޯއަށް ވޯލްޑް ކަޕްގެ ފުރުސަތު ހޯދައިދިނީ އެފްރިކާގެ ފައިނަލް ބުރުގެ ކޮލިފިކޭޝަނުން ކޮންގޯ ކަޓުވާލައިފައެވެ. އެހެންނަމަވެސް ގައުމުގެ ދުރު ރާސްތާ ޕްލޭނަށް، ފުޓުބޯޅަ ފެޑަރޭޝަނާ ދެބަސްވެ، ވޯލްޑް ކަޕަށް ކުޑަ ދުވަސްކޮޅެއް އޮއްވައި، މޮރޮކޯ ހަލީލްހޮޑްޒިޗް ކޯޗުކަމުން ވަކިކުރިއެވެ. އެއީ ހަލީލްހޮޑްޒިޗަށް އާ ކަމެއްވެސް ނޫނެވެ. ކުރިން އޭނާ ކޯޗުކަން ކޮށްދިން އައިވަރީ ކޯސްޓާއި ޖަޕާނުންވެސް ވޯލްޑް ކަޕު ކުރިމަތީގައި އޮއްވައި ހަލީލްހޮޑްޒިޗް މަގާމުން ދުރުކުރިންތަން ފެނިފައިވެއެވެ.

ހަލީލްހޮޑްޒިޗްގެ ކޯޗުކަމުގައި މޮރޮކޯ ގައުމީ ޓީމުން އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ޗެލެންޖަކީ ތަރި ހަކީމް ޒިޔެޗެވެ. 2019 ވަނަ އަހަރު ގައުމީ ޓީމާ ހަވާލުވިތަނާ ހަލީލްހޮޑްޒިޗާއި ޒިޔެޗް މައްސަލަ ޖެހިއްޖެއެވެ. މައްސަލައިގެ ފެށުން އައީ ހަލީލްހޮޑްޒިޗް، ޒިޔެޗް މަކަރުން ތަމްރީނުތަކުން ރެކޭ ކަމަށް ބުނެ، ސްކޮޑުން ބޭރުކުރުމުންނެވެ. ހަލީލްހޮޑްޒިޗް ބުނީ ޒިޔެޗްގެ "އެޓިޓިއުޑް" މައްސަލަތައް އުޅޭ ކަމަށާއި، އަނިޔާއޭ ބުނެ ދޮގު ހަދާކަމަށެވެ. އުމުރުން އެންމެ 27 އަހަރުގައި ޒިޔެޗް ނިންމީ ގައުމީ ޓީމުން ރިޓަޔާކުރާށެވެ. ޒިޔެޗް ބުނީ ހަލީލްހޮޑްޒިޗް ޓީމުގެ ކޯޗަކަށް ހުއްޓާ އޭނާ އަލުން ގައުމީ ޓީމުގައި ނުކުޅޭނެ ކަމަށެވެ. ކޮލިފިކޭޝަންގެ މުހިއްމު މެޗުތަކަށް އަލުން ގައުމީ ޓީމަށް ކުޅެން ހަލީލްހޮޑްޒިޗް އެދުމުންވެސް ޒިޔެޗް ކުޅެފައެއް ނުވެއެވެ. އޭރު ޒިޔެޗް ހުރީވެސް ފޯމުގައެވެ.

ޗެލްސީގައި މިވަގުތު އެންމެ ފޯމުގައި ކުޅެމުން ނުދިޔަ ނަމަވެސް ޒިޔެޗް ވޯލްޑް ކަޕަށް ގެންދަން ނިންމީ މޮރޮކޯގެ ކޯޗުކަމާ އޮގަސްޓަ މަހު ހަވާލުވި ވަލީދު ރެގްރަގޫއެވެ. ކުރީގެ ކޯޗުގެ ހަތުރެއް ނަމަވެސް ރެގްރަގޫއަށް ޒިޔެޗް މުހިއްމުވިއެވެ. މޮރޮކޯއަށް އޭނާ ބޭނުންވާ ކަމަށް ރެގްރަގޫ ފުރަތަމަ ދުވަހުވެސް ބުންޏެވެ.

ރެގްރަގޫ އެބުނީ ރަނގަޅު ވާހަކައެއްކަން މިހާތަނަށް މިފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯއިން ނެރުނު ނަތީޖާތަކުން ސާބިތުވެސް ވެއްޖެއެވެ.

މޮރޮކޯއިން ވަރުގަދަ ބެލްޖިއަމް ބަލިކޮށް ރޭ ހޯދި މޮޅަކީ ތާރީހީ މޮޅެކެވެ. 1998 ވަނަ އަހަރަށްފަހު އެގައުމުން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅެވެ. 1986 ވަނަ އަހަރަށްފަހު ގްރޫޕް ސްޓޭޖު ފަހަނަ އަޅައި، އަނެއް ބުރަށް ދާން މޮރޮކޯއަށް ފަހިވި ބޮޑު ފުރުސަތެއްވެސް މެއެވެ. ގަދަ 16 ޔަގީންކުރަން މިހާރު މޮރޮކޯއަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. މިއީ ބެލްޖިއަމް އެފްރިކާ ޓީމެއް އަތުން ވޯލްޑް ކަޕްގައިވި ފުރަތަމަ ބައްޔެވެ.

އޭގެ ކުރިން ރޭގެ މެޗަށް ނުކުތް އިރު، މޮރޮކޯ އޮތީ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ރަނަރަޕް ކްރޮއޭޝިއާ ހިފަހައްޓައިފައެވެ. މޮރޮކޯ ކޮޅަށް އަދި މި ވޯލްޑް ކަޕްގައި ގޯލެއް ވަދެފައެއްވެސް ނުވެއެވެ. ދެ ކްލީންޝީޓާއެކު ތަފާތު ދައްކައިފައެވެ. ފަހަތުން އެ ދައްކާ ތަފާތަށް ފޯވަޑް ލައިނުން ފެންވަރު ސާބިތުކޮށްދޭ އެއް ކުޅުންތެރިޔަކީ ޒިޔެޗެވެ. ރޭ ބެލްޖިއަމް ބަލިކޮށް މޮޅު ކުޅުންތެރިޔާގެ މަގާމާވެސް ހޯދީ ޒިޔެޗެވެ. ކޯޗު ރެގްރަގޫގެ ތައުރީފުވެސް އެހިސާބުން ޒިޔެޗަށް ބަންޑުން ކޮށްލިއެވެ.

"ޒިޔެޗްގެ ކުޅުން ވަރަށް ފުރިހަމަ. އެތައް ބަޔަކު އޭނަ މެނޭޖްކުރަން އުނދަގޫވެގެން ވަރަށް ވާހަކަ ދައްކާފަ އެބަހުރި،" ކުރީގެ ކޯޗަށް އެއްލި ބަހެއްގެ ގޮތުގައި ރެގްރަގޫ ބުންޏެވެ.

"އަހަންނަށް ފެނުނީ ޒިޔެޗަށް ލޯތްބާއި ހިތްވަރު ހޯދައިދިނުމުން އޭނާ އެ ކޯޗަކަށް މަރުދޭނެތަން. ޒިޔެޗަށް ދޭ ލޯބިން އޭނާ ބަދަލަކަށް އަހަންނަށް ދެނީ ކޮންފިޑެންސް،" ރެގްރަގޫ އިތުރަށް ބުންޏެވެ.

ރޭގެ މެޗާ ގުޅިގެން ރެގްރަގޫ އިތުރަށް ބުނީ މޮޅަކުން ހާސިލުވާނެ ވަކި ކަމެއް އަދި ނެތް ކަމަށާއި، ފަހު މެޗަށްދާއިރު ވިސްނާނީ ހާސިލުކުރަން އޮތް ލަނޑުދަޑި ހާސިލު ނުވާ ކަމަށެވެ. ކުރަން އޮތް މަސައްކަތް ކުރިއަށް އޮތީ ކަމަށްބުނެ ރެގްރަގޫ އުންމީދުތައް ކުޑަކޮށްލައި، އަނެއް މެޗަށް ފޯކަސްކޮށްލިވެސް މެއެވެ. އެމެޗުގައިވެސް އޭނާއަށް އެންމެ މުހިއްމުވާނެ ކުޅުންތެރިޔަކަށް ވާނީ ޒިޔެޗެވެ. މޮރޮކޯއިން ފަހު މެޗުގައި ކަޓާފައި އޮތް ކެނެޑާއާ ދެކޮޅަށް ނުކުންނާނީ ޑިސެމްބަރު މަހު އެއްވަނަ ދުވަހުގެ ރޭގައެވެ.