ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމްއަށް މި ވޯލްޑް ކަޕްގެ ފެށުންވެސް އެންމެ ރަނގަޅެއް ނުވިއެވެ. ފުރަތަމަ މެޗުގައި ހަނި ގޮތަކަށް ކެނެޑާ ކައިރިން ސަލާމަތްވީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި އިއްޔެގެ މެޗުގައި މޮރޮކޯ އަތުން ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. ވަރުގަދަ ކުޅުންތެރިންނާއެކު ނުކުތް ބެލްޖިއަމަށް އަމިއްލަ ބާރުގައި ދެން ގަދަ 16 އަށް ދެވެން އޮތް ހަމައެކަނި ގޮތަކީ ފަހު މެޗުގައި ކްރޮއޭޝިއާ ބަލިކުރުމެވެ.
އެއީ "ރަން ޖީލު"ގެ ނިމުމަށް އެގައުމުން ބޭނުންވި ގޮތެއް ނޫނެވެ. ކެވިން ޑި ބްރޭނާ ފަދަކުޅުންތެރިން މިހާރުވެސް ތަށީގެ އުންމީދު ކަނޑާލައިގެން ތިބިއިރު، ޓީމުގައި ބޮޑު މައްސަލައެއް އުޅޭކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒްވެސް ވަނީ ބުނެފައެވެ. މިދިޔަ ވޯލްޑް ކަޕްގައި ކުޅުނު ހަމެޗުން 14 ގޯލު ޖެހި ބެލްޖިއަމަށް މިފަހަރު ގޯލު ޖެހުމަށްވެސް ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. މާޓިނޭޒްގެ ނަޒަރުގައި އެއީ ބިރެވެ. ބަލިވާނެ ކަމުގެ ބިރަށް ފަހަތަށް ޖެހުމެވެ.
"މިއުޅެނީ ވިސްނުމުގެ މައްސަލައެއް. މިއުޅެނީ ކުޅުންތެރިންގެ ކޮލިޓީ ނެތިގެނެއް ނޫން. ކެނެޑާ މެޗަށްވުރެ ރަނގަޅަށް ބޯޅަ ކޮންޓްރޯލްކޮށް ކުޅެވުނު ނަމަވެސް މަދުވީ ކުރިން ޖަހާ ޕާސް. ޓީމުގެ އެ ލިންކެއް ނޭޅުނު. ފޯވަޑް ލައިނުން ކުރިއަށް ޖަހާ ޕާހެއް ނުޖެހޭ. އެ ޕާސް ނުޖެހެނީ ގެއްލިދާނެ ކަމުގެ ބިރު އޮންނާތީ. ބަލިވާނެ ކަމުގެ ބިރަށް ކުޅޭތީ. މޮޅުވާން ނުކުޅެ، ބަލިނުވާން ކުޅޭހެން ހީވަނީ،" މާޓިނޭޒް ބުންޏެވެ.
ކޯޗު މާޓިނޭޒް ބުނީ ގޯލު ޖެހުން އެއީ މައްސަލައަކަށް ވާން ޖެހޭ ސަބަބެއްކަމަށް ފެނުން އެއީ ހައިރާންވާންވެސް ޖެހޭ ކަމެއް ކަމަށެވެ.
"މިދިޔަ ހައެއްކަ އަހަރު ދުވަހުގެ ތެރޭ ޖެހިޖެހިގެން 50 މެޗުގައި ގޯލު ޖަހައިފައި އައި ޓީމެއް މިއީ. އެކަމަކު ނިމިދިޔަ މެޗުގައިވެސް ގޯލެއް ނުޖެހި މި ނިންމާލަން ޖެހުނީ. ބޯޅައާނުލައިވެސް ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރި، އެކަމަކު އުފާވެރިކަމާއެކު ހަމަޖެހިލައިގެން ކުޅޭތަނެއް ނުފެނުނު. އެއީ ބެލްޖިއަމްގެ އަސްލު ސިފައެެއް ނޫން، ހާސްވެގެން ކުޅުމަކީ،" މާޓިނޭޒް ބުންޏެވެ.
އިއްޔެގެ މެޗަށްފަހު މާޓިނޭޒް ބުނީ ޑި ބްރޭނާ ޕްރެސްގައި ބުނި ވާހަކަ އޭނާ އަދި ޓީމުގެ އެހެން ކުޅުންތެރިންވެސް އަޑު އެހީ މޮރޮކޯ މެޗަށްފަހު އެވާހަކަތައް ދެއްކުމުން ކަމަށެވެ. މައްސަލައަކީ އެއީ ނޫން ކަަމަށް ބުނަމުން މާޓިނޭޒް ބުނީ ކުޅުންތެރިންގެ އަމިއްލަ ހިޔާލަށް ފުރުސަތު އޮންނާނެ ކަމަށާއި، ޑި ބްރޭނާ ފަދަ ތަޖުރިބާކާރު ކުޅުންތެރިންނާވެސްއެކު ހާލަތު ބަދަލުކުރަން ޖެހޭ ކަމަށެވެ.
ބެލްޖިއަމުން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖު ފަހު މެޗު އޮންނާނީ ޑިސެމްބަރު އެެއްވަނަ ދުވަހުގެ ރޭގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022