މޮރޮކޯއިން ވަރުގަދަ ބެލްޖިއަމް ބަލިކޮށް މިރޭ ހޯދި މޮޅަކީ ތާރީހީ މޮޅެކެވެ. 1998 ވަނަ އަހަރަށްފަހު އެގައުމުން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅެވެ. 1986 ވަނަ އަހަރަށްފަހު ގްރޫޕް ސްޓޭޖު ފަހަނަ އަޅައި، އަނެއް ބުރަށް ދާން މޮރޮކޯއަށް ފަހިވި ބޮޑު ފުރުސަތެއްވެސް މެއެވެ. ގަދަ 16 ޔަގީންކުރަން މިހާރު މޮރޮކޯއަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. ބެލްޖިއަމް އެފްރިކާ ޓީމެއް އަތުން ވޯލްޑް ކަޕްގައިވި ފުރަތަމަ ބައްޔެވެ.
އުފާވެރިކަމުގެ އެ ވަގުތު މޮރޮކޯއަށް ލިބުމާއެކު ފުރަތަމަ ކަމަށް ޓީމު އެކުގައި ކަހަލަ ގޮތަކަށް ފެނުނީ ޝުކުރުގެ ސަޖިދައެއް ކުރިތަނެވެ. ކޯޗާއި ކުޅުންތެރިން އުފާފާޅުކުރުމުގެ ހަރަކާތްތަކުގައި ހޭލަމޭލައަށް އުޅުނު މަންޒަރުވެސް ފެނުނެވެ. ކޯޗު ވަލީދު އަލްރަގްރެގީގެ ވައުދު ފުއްދަން އޭނާއަށް އޮތީ ކުޑަ ހިތްވަރެއް ލާން ޖެހިފައެވެ. އެއީ އެފްރިކާ ޝަރަފަށްޓަކައި، މިފަހަރު ގަދަ 16 އަށް ގޮސް، ވޯލްޑް ކަޕްގައި އިތުރު ތާރީހުތައް ލިޔުލުމެވެ.
އެހުރިހާ އުފާފާޅުކުރުމަކުންވެސް އެތައް ލޯތަކެއް އަމާޒުވި އެއް މަންޒަރަކީ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ މަންމައާ ބައްދަލުކޮށް ހޭދަކޮށްލި އަސަރުގަދަ ވަގުތު ކޮޅެވެ. މޮރޮކޯގެ އެތައް ހާސް ސަޕޯޓަރުނެއް ތުމާމާ ސްޓޭޑިއަމް ގުގުމުން ދިޔަ އިރު، މެޗަށްފަހު ތާރީހީ މޮޅު ހޯދި ޖާޒީ ހަދިޔާކުރަން ހަކީމީ ދިޔައީ މަންމަ ގާތަށެވެ. މަންމައަށް މޮޅު ހާއްސަކޮށް، މަންމައަށް ބޮސްދީ ހަކީމީ ދިޔައީ ޖާޒީ ހަދިޔާވެސް ކޮށްފައެވެ.
އެ މަންޒަރު ވަރަށްވެސް އަސަރު ގަދައެވެ. ހަކީމީއަށް އެ އިހުސާސް އަދި މާ އަސަރު ގަދަވާނެކަން ޔަގީނެވެ. ހަކީމީގެ މަންމައާއި ބައްޕަ ދިރިއުޅުމުގެ ރަނގަޅު ހާލަތަކަށް ކުރި މަސައްކަތުގައި ހަކީމީ އުފަންވުމުގެ ކުރިން ސްޕެއިންގެ މެޑްރިޑަށް ހިޖުރަކޮށްފައިވާ އިރު، އޭނާގެ ކެރިއަރުގެ ފެށުމަކީވެސް ރެއާލް މެޑްރިޑެވެ. ރެއާލް މެޑްރިޑް ފަދަ އެތައް ކުދިންނެއް ތަމްރީނު ވަމުންދާ އެކަޑެމީއަކުން ފުޓުބޯޅަ ކުޅުންތެރިޔަކަށްވެ، ދުނިޔޭގެ ފެންވަރުގައި ވިދާލެވޭނެތޯ އެއީ އުފެދޭނެވެސް ސުވާލެކެވެ. އެހާލަތުގައި ހަކީމީއަށް އެންމެ ބޮޑު ހިތްވަރެއް ދިނީ މަންމައެވެ.
ހަކީމީގެ ބައްޕައަކީ މަގުމަތީގައި ވިޔަފާރި ކުރަން އުޅުނު މީހެކެވެ. މަންމައަކީ ގޭގެ ސާފުކޮށްގެން ފައިސާ ހޯދި މީހެކެވެ. ހަކީމީގެ އާއިލާއަށް ފައިސާގެ ދަތިކަމާ އެތައް ދުވަހެއް ވަންދެން ކުރިމަތިވި އިރު، އޭނާގެ މަންމައާއި ބައްޕައަށްވެސް ހަމަޖެހިލެވުނީ ހަކީމީގެ ފުޓުބޯޅަ ކެރިއަރުންނެވެ. ފުޓުބޯޅައަށް ހަކީމީ ނުކުތީ އޭގެ ކުރިން އެތުލެޓިކްސްއާއި ފެތުމަށްވެސް މަސައްކަތްތަކެއް ކޮށްފައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022