ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގައި މިރޭ ކުޅުނު މެޗުގައި ކްރޮއޭޝިއާ އަތުން ބަލިވެ، ކެނެޑާ ކަޓައިފިއެވެ.

ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ކްރޮއޭޝިއާއަށް ވަނީ ގަދަ 16 އާ ގާތަށް ޖެހިލެވިފައެވެ. ދެ މެޗުން ހަތަރު ޕޮއިންޓާއެކު މިވަގުތު އެ ގްރޫޕުގައި މޮރޮކޯއާއި ކްރޮއޭޝިއާއަށްވެސް ވަނީ ހަަތަރު ޕޮއިންޓް ލިބިފައެވެ. ބެލްޖިއަމަށް ތިން ޕޮއިންޓް ލިބިފައިވާ ކެނެޑާ ކެޓީ ޕޮއިންޓެއް އަދި ނުލިބި އޮވެގެންނެވެ. ކްރޮއޭޝިއާއަށް ދެން އޮތް ޗެލެންޖަކީ ފަހު މެޗުގައި ބެލްޖިއަމް ކައިރިން ބަލި ނުވުމެވެ. މޮރޮކޯއަށް އޮތީވެސް ކެނެޑާ ކައިރިން ޕޮއިންޓެއް ހޯދުމެވެ.

މިރޭގެ މެޗަށް އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާ ނުކުތީ ފުރަތަމަ މެޗުގައި މޮރޮކޯ ކައިރީ ގޯލެއް ނުޖެހި އެއްވަރުވެފައި އޮވެގެންނެވެ. ގަދަ 16 އަށް ފުރުސަތު ބޮޑުކުރަން އެޓީމަށް މިރޭގެ މެޗު ކާމިޔާބުކުރުން މުހިއްމުވެފައިވާކަންވެސް އެނގި ތިބެއެވެ. އަނެއްކޮޅުން ކެނެޑާ ނުކުތީ މަރުގެ މެޗަކަށެވެ. ކެނެޑާއިން ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމް ކައިރީ އެޓީމުން ރަނގަޅަށް ކުޅުނު ނަމަވެސް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާއެކު 36 އަހަރަށްފަހު ފުރަތަމަ ވޯލްޑް ކަޕްގައި ކެޓުމާ ދިމާލަށް އެޓީމުން މިސްރާބު ޖެހިއެވެ. ގަދަ 16 ގެ އުންމީދެއް ގެނައުމަށް މިރޭ ކެނެޑާއަށް އޮތީ އެންމެފަހުގެ ރަނަރަޕް ހިފަހައްޓަން ޖެހިފައެވެ. ބަލިވެއްޖެނަމަ ކަޓާނެކަން އެނގި ތިބެ ކެނެޑާއިން ނުކުތީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ފުރަތަމަ ވޯލްޑް ކަޕް ގޯލެއްގެ އިންތިޒާރުވެސް ނިންމާށެވެ.

އެކަމަށް މާ ގިނައިރެއް ނުނެގިއެވެ. 68 ވަނަ ސިކުންތުގައި ކެނެޑާގެ ފުޓުބޯޅަ ތާރީހުގައި ވޯލްޑް ކަޕެއްގައި ޖެހި ފުރަތަމަ ގޯލު، އެޓީމުގެ ތަރި އަލްފޯންސޯ ޑޭޥީސް ޖެހިއެވެ. އެ ގޯލު ޑޭވީސް ޖެހީ ޓަހޯން ބޫކޭނަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ބެލްޖިއަމް މެޗުގައި ޕެނަލްޓީ ނާކާމިޔާބުވިކަމުގެ އިހުސާސް ކަނޑުވާލައި، ޑޭވީސް، ކެނެޑާ ފުޓުބޯޅަ ތާރީހުގައި އޭނާގެ ނަން ލިޔެލިއެވެ.

އޭގެފަހުންވެސް ކެނެޑާއިން އެޓީމުގެ އަވަސް ޕާސްތަކުގެ ފުޓުބޯޅައަށް މަސައްކަތް ކުރި ނަމަވެސް ކްރޮއޭޝިއާ މަޑުމަޑުން މެދުތެރޭގެ ކޮންޓްރޯލް ހޯދިއެވެ. ލޫކާ މޮޑްރިޗާއި މަޓެއޯ ކޮވަސިޗް މެޗުތެރެއަށް ވަދެ ޕާސްތައް ގިނަކުރަން ފަށައި، ކްރޮއޭޝިއާއިން އެޓީމުގެ އެންމެ ރަނގަޅު ފެންވަރު ދައްކަން ފެށިއެވެ.

ނަތީޖާއެއްގެ ގޮތުން ހަމަލާތައްވެސް އިތުރުކުރިއެވެ. މެޗުގެ 35 ވަނަ މިނެޓުގައި ކޮވަސިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މާކޯ ލިވާޔާ ފޮނުވާލި ހަމަލާ، ކެނެޑާގެ ކީޕަރު ބޯރިއާން މަތަކުރި އިރު، އޭގެ މިނެޓެއް ފަހުން ކްރޮއޭޝިއާ ނަތީޖާ ހަމަހަމަކުރިއެވެ. އިވާން ޕެރިސިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަންދްރޭ ކްރަމަރިޗެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ކެނެޑާ ގޯލުގެ ތިރީ ކަނަކަށެވެ.

ގޯލާއެކު ހިތްވަރު ހޯދައި، އޭގެ އަށް މިނެޓު ފަހުން ލީޑުވެސް ނެގިއެވެ. ޖޯސިޕް ޔުރަނޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލިވާޔާއެވެ. އޭނާގެ ބާރު ހަމަލާވެސް އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

ކްރޮއޭޝިއާއިން ދެވަނަ ހާފު ނިންމާލީ ހިތްހަމަ ޖެހުމާއެކުގައެވެ. ކެނެޑާއަށް ދެވަނަ ހާފަށް ނުކުމެ ކުރަން ޖެހިފައި އޮތީ ބުރަ މަސައްކަތެކެވެ. އެ މަސައްކަތަށް ނުކުމެ، ދެވަނަ ހާފުގެ ކުރީކޮޅުގައި ޖޮނަތަން ޑޭވިޑް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް ވަނީ މަތަކޮށްފައެވެ. އެހެން ނަމަވެސް ކްރޮއޭޝިއާގެ ނުރައްކާ ދިޔައީ އިތުރުވަމުންނެވެ.

ހާފުގެ ކުރީކޮޅުގައި ކްރަމަރިޗް ފޮނުވާލި ހަމަލާ، ކެނެޑާ ކީޕަރު ބޯރިއާން ހުޝިޔާރު ކަމާއެކު މަތަކުރި އިރު، 70 ވަނަ މިނެޓުގައި ލީޑު އިތުރަށް ފުޅާވެސް ކުރިއެވެ. ޕެރިސިޗް ދިން ބޯޅައަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ކްރަމަރިޗެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ކެނެޑާ ގޯލުގެ ތިރީ ކަނަކަށެވެ.

އޭގެ ފަހުންވެސް ކްރޮއޭޝިއާއިން ހަމަލާތައް އުފައްދަމުން ދިޔަ އިރު، 78 ވަނަ މިނެޓުގައި ކެނެޑާ ކީޕަރު ބޯރިއާންގެ ދެ ސޭވެއް ފެނިގެން ދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ޕެރިސިޗް އަދި ބްރޮޒޮވިޗް ފޮނުވާލި ހަމަލާ ވެސް ކީޕަރު ބޯރިއާން ވަނީ މަތަކޮށްފައެވެ. އޭގެ ފަހުންވެސް ނުރައްކާ ކުރަމުން ގޮސް ކްރޮއޭޝިއާއިން މެޗު ނިންމާލީ ހަތަރުވަނަ ގޯލަކާއެކުގައެވެ. އޯސިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މާޔާއެވެ.