ޚަބަރު

އާސަންދައިން އާއްމު ބަލިތަކުގެ ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރަނީ

މުހައްމަދު އިޝާން

އާސަންދަ ސްކީމްގެ ތެރެއިން އާއްމު ބަލިތަކުގެ މެޑިކަލް ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރަން މަސައްކަތް ފަށައިފިއެވެ.

އާސަންދައިގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު "ވަން" އަށް މިރޭ ވިދާޅުވީ، އާސަންދަ މެދުވެރިކޮށް ހަކުރާއި ކޮލެސްޓްރޯލްގެ އިތުރުން އެހެން ޓެސްޓުތައް ހެދުމުގެ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ، ހެލްތް މިނިސްޓްރީން އެކަމާ ގުޅޭ ކަރުދާހުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިމުމުން އާސަންދަ ސްކީމުގެ ތެރެއިން އެ ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

"އާސަންދައިން އެކަން ކުރެވޭގޮތަށް އަދި މަޝްވަރާ ކުރަމުންދަނީ. މަޝްވަރާތައް ނިމުމުން ހަމަޖެހިގެންދާނެ،" އާޝިޔާ ވިދާޅުވިއެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ނުރައްކާތަކަށް ރައްޔިތުން ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް މުޅި ރާއްޖޭގައި 2020-2021 ގައި ކުރެވުނު ސާވޭ ރިޕޯޓުގައި ވެސް ވަނީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ލޭ މައްޗަށް ދިޔުމާއި ހަކުރާއި އަދި ކޮލެސްޓްރޭލްގެ މައްސަލަތައް ދިމާވެފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ސާވޭގައި ބައިވެރިވި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ އިރު، ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ކޮލެސްޓްރޯލް ހުންނަ މީހުންނެވެ. ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަކީ ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހުންނެވެ. ހަކުރު ވެސް 14 ޕަސެންޓް މީހުން ހުންނަނީ ހުންނަންޖެހޭ މިންވަރަށް ވުރެ ގިނައިން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.