ގަތަރު ވޯލްޑް ކަޕް ގްރޫޕް އެފްގައި ކުޅުނު މެޗުގައި މޮރޮކޯއިން ވަރުގަދަ ބެލްޖިއަމް ބަލިކޮށްފިއެވެ.

އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު މޮރޮކޯއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ތިން ޕޮއިންޓާއެކު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި، ގްރޫޕްގެ ފަހު މެޗަށް މޮރޮކޯ ދާނީ ގަދަ 16 އަށް އުންމީދާއެކުގައެވެ. ބެލްޖިއަމަށް ދެން ގަދަ 16 ޔަގީންކުރެވޭނީ ފަހު މެޗުގައި ކްރޮއޭޝިއާ ބަލިކޮށްގެންނެވެ.

މިރޭގެ މެޗަށް ބެލްޖިއަމުން ނުކުތީ ފުރަތަމަ މެޗުގައި 2-0 އިން ކެނެޑާ ކައިރިން މޮޅުވެފައި އޮވެގެންނެވެ. އެ މެޗުން ބެލްޖިއަމް މޮޅުވި ނަމަވެސް، އެއީ އުނދަގޫ މޮޅެއްކަން އެޓީމުގެ ކުޅުންތެރިންނާއި ކޯޗަށްވެސް އެނގެއެވެ. މިއަދުގެ މެޗަށް ތައްޔާރުވަމުންދިޔަ އިރު، ކޯޗު ރޮބާޓޯ މާޓިނޭޒާއި ކެޕްޓަން އެޑެން ހަޒާޑްވެސް ދެއްކީ އެ ވާހަކައެވެ. ހާއްސަކޮށް އެ މެޗުގައި ގިނަ ހަމަލާތައް އުފައްދައި، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ކެނެޑާ ކަމަށް ކޯޗު މާޓިނޭޒް އެއްބަސްވެއެވެ.

އަނެއްކޮޅުން މޮރޮކޯ ނުކުތީ އެންމެފަހުގެ ރަނަރަޕް ހިފަހައްޓައި، އެ ހިތްވަރުގައެވެ. ކޯޗު ވަލީދު ރެގްރަގޫ މެޗުގެ ކުރިން ބުނީ ކުޅުން ރީތި ކުރަން ނުވިސްނައި ތިން ޕޮއިންޓަށް ވިސްނާނެ ކަމަށެވެ. އެއީ އެފްރިކާގެ ޝަރަފުގައި ޓީމެއް ގަދަ 16 އަށް ގެންދާން މަސައްކަތް ކުރުމަށް ކަމަށްވެސް ރެގްރަކީ ބުންޏެވެ.

އެފްރިކާއިން މިފަހަރުގެ ވޯލްޑް ކަޕަށް ދިޔަ އެންމެ ފެންވަރު ރަނގަޅު އެއް ޓީމަށް ދުނިޔޭ ރޭންކިންގެ 22 ވަނައިގައި އޮތް މޮރޮކޯ ގުނާނެއެވެ. ހާއްސަކޮށް ޓީމުގެ އެޓޭކްގެ ކޮލިޓީއަކީ ފާހަގަކޮށްލެވޭ ކޮލިޓީއެކެވެ. ހަކީމް ޒިޔެޗާއި ސުފިޔާން ބޫފަލް ފަދަ ކުޅުންތެރިންނަކީ ޔޫރަޕުގެ ތަޖުރިބާއާއެކު ތިބި ނުރައްކާތެރި ކުޅުންތެރިންނެވެ.

ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް ބެލްޖިއަމުން ފެށީ ރަނގަޅު ބާރު މިނެއްގައެވެ. ފަސްވަނަ މިނެޓުގައިވެސް އެޓީމުގެ ހަމަލާއެއް ފެނިގެން ދިޔައެވެ. ތޯގަން ހަޒާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މިޗީ ބަޓްޝުއާއީ ފޮނުވާލި ހަމަލާ، މޮރޮކޯ ކީޕަރު މުނީރު މުހައްމަދީ ކުރިއަށް ނުކުމެ ވަނީ މަތަކޮށްފައެވެ.

މިއަދުގެ މެޗަށް މުނީރު ނުކުރީ ރަސްމީ ކީޕަރު ޔާސީން ބޯނޯއަށް، މެޗު ފަށަން އިރުކޮޅަކަށް ވެފައި އޮއްވައި އަނިޔާއެއް ދިމާވުމުންނެވެ.

ފުރަތަމަ ހާފުގައި އިތުރު ހަމަލާތައްވެސް ބެލްޖިއަމްގެ ފަރާތުން ފެނުނެވެ. މެޗުގެ 16 ވަނަ މިނެޓުގައި އެޑެން ހަޒާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޑި ބްރޭނާ ފޮނުވާލި ބާރު ހަމަލާ، މޮރޮކޯގެ ޑިފެންޑަރު ބްލޮކް ކުރި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން މުނިއޭ ފޮނުވާލި ހަމަލާ، މޮރޮކޯގެ ކީޕަރު މުނީރު މުހައްމަދީ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުވީ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތު ކޮޅަކަށެވެ. އިތުރު ވަގުތުގެ ތެރޭގައި ޒިޔެޗް ޖެހި ހިލޭ ޖެހުމެއް ބެލްޖިއަމް ގޯލު ތެރެއަށް ވަނެވެ. މޮރޮކޯއިން ލީޑު ނެގުނު ކަމަށް ހީކޮށްގެން ތިއްބައި، އޮފްސައިޑްތޯ ބަލަން ވީއޭއާރުގެ އެހީ ހޯދަން ޖެހުނެވެ. ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ އެ ބޯޅައަށް މަސައްކަތްކުރި މޮރޮކޯގެ ރޯމަން ސައިސް އޮފްސައިޑް މަގާމެއްގައި ހުރުމުން، ގޯލަކަށް ނުބެލުމަށެވެ.

ދެވަނަ ހާފު ދެ ޓީމުންވެސް ފެށީ އިތުރު ހިތްވަރެއް ލައިގެންނެވެ. ހަމަލާތައް ފެންނަން ފަށައި، މެޗަށް ދިރުން ލިބުނެވެ. ހާފުގެ ކުރީކޮޅުގައި މެދުތެރެއިން އެލެކްސް ވިޓްސަލް ކައިރިން ނައްޓާލައި، ޒިޔެޗް ޖެހި ބޯޅަ ބެލްޖިއަމް ގޯލްކީޕަރު ތީބޯ ކޯޓުއާ ހިފި އިރު، އަނެއްކޮޅުން މޮރޮކޯގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާގެ އަރިމަތިން އެޑެން ހަޒާޑް ފޮނުވާލި ހަމަލާ، މޮރޮކޯގެ ކީޕަރު މުނީރު މުހައްމަދީ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފަހު ހާފުގެ ކުޅުން މަޑުމަޑުން ހަމަޖެހެމުން ދިޔަ އިރު، މޮރޮކޯ އިން ދިޔައީ މެޗަށް ވަންނަމުންނެވެ. އަރިމަތިތަކުން ނުރައްކާތެރިކަން ބޮޑުކޮށް، 57 ވަނަ މިނެޓުގައި އަރިމަތިން ވަދެ، ސޮފިއާން ބޫފާލް ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އެ ޕްރެޝަރާއެކު ބެލްޖިއަމަށް އުނދަގޫތައް ދިމާވެގެން ގޮސް، އަރިމަތިން ފައުލުތައްވެސް ކުރަން ފެށިއެވެ. 73 ވަނަ މިނެޓުގައި މޮރޮކޯ އިން ގޯލެއް ޖަހައި ލީޑު ނެގީވެސް، އޭރިއާގެ އަރިމަތިން އަރިމަތިން ފޮނުވާލި ހިލޭ ޖެހުމަކުންނެވެ. މޮރޮކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އަބްދުލްހާމިދު ސަބީރީއެވެ.

އެ ގޯލާއެކު ގޯލަކަށް ބެލްޖިއަމުން ކުރަމުން ދިޔަ މަސައްކަތް އިތުރު ކުރަން މަޖުބޫރުވެ، ގައުމުގެ އެންމެ ގިނަ ގޯލު ޖެހުންތެރިޔާ ރޮމެލޫ ލުކާކޫވެސް އެރުވިއެވެ. އޭނާ ވޯލްޑް ކަޕަށް ނުކުތް އިރު، ހުރީ އަނިޔާއެއްގައެވެ. މި މެޗަކީ އަނިޔާއިން ރަނގަޅުވެ ނުކުތް ފުރަތަމަ މެޗެވެ. އޭނާއަށްވެސް މާ ބޮޑު ކަމެއް ނުކުރެވިގެން އުޅެނިކޮށް ކައުންޓާ އެޓޭކްގައި އަނެއްކާވެސް މޮރޮކޯ އިން ނުރައްކާ ކުރަން ފެށިއެވެ.

އެޓީމުން އިތުރު ގޯލެއް ޖަހައި، ތުމައިމާ ސްޓޭޑިއަމް ކައްކުވާލިއެވެ. އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޒިޔެޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މޮރޮކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ޒަކަރިއާ އަބޫކްލާލާއެވެ. އެ ގޯލާއެކު މޮރޮކޯއިން ތާރީހީ މޮޅަކަށް މިސްރާބު ޖެހިއެވެ. އެ މޮޅު ހޯދިވެސް މެއެވެ. މޮޅާއެކު އުފަލުން މުޅި މޮރޮކޯ އެކީ އަސަރާއެކު ބިމަށް ތިރިވިއެވެ.

މިރޭގެ ނަތީޖާއާއެކު ގްރޫޕްގެ ފަހު މެޗުތައް ފޯރި ގަދަވާނެއެވެ. އެގޮތުން މޮރޮކޯއިން ކެނެޑާއާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗާ ހަމައަށް ނުކަޓައި އޮންނަން ބޭނުންވާނަމަ، މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުން ބަލިނުވެ ހިފަހައްޓާލަން ޖެހެނޭއެވެ. ދެން އޮންނަ އަނެއް މެޗުގައި ބެލްޖިއަމާއި ކްރޮއޭޝިއާ ކުރިމަތިލާ އިރު، އެ މެޗު ވާނީ ގަދަ 16 އަށް ފައިނަލަކަށެވެ.