ވޯލްޑް ކަޕް 2022ގެ "ގްރޫޕު ސީ" ގައި މެކްސިކޯއާ ދެކޮޅަށް ނުކުތީ ހާލަތު ރަނގަޅަށް އެނގިގެން ކަމަށާއި މޮޅާއެކު އާޖެންޓީނާއަށް ފެށިގެންދިޔައީ އާ ވޯލްޑް ކަޕެއް ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.
އާޖެންޓީނާ އިން އިއްޔެ މެކްސިކޯއާ ދެކޮޅަށް ނުކުތީ ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުން ލިބުނު މާޔޫސީ ބައްޔާއެކުއެވެ. ސިހުމެއް ގެނުވި އެ މެޗަށްފަހު، ގަދަ 16ގެ އުންމީދު އާކުރުމަށް މެކްސިކޯ މެޗުން މޮޅެއް ހޯދުމަށް އާޖެންޓީނާއަށް މަޖުބޫރުވިއެވެ. މެކްސިކޯ އަތުން ބަލިވި ނަމަ، އާޖެންޓީނާ އޮތީ މުބާރާތުން ކަޓާ ގޮތަށެވެ.
މެކްސިކޯއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގައި އާޖެންޓީނާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އާޖެންޓީނާ އިން ޖެހި ދެ ގޯލުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ. ރީތި ގޯލަކާއެކު މެސީ ލީޑު ހޯދައިދިން އިރު، ދެވަނަ ގޯލުވެސް ފެނިގެންދިޔައީ ރީތި ގޯލެއްގެ ގޮތުގައެވެ. މެސީ ދިން ބޯޅައަކުން އާޖެންޓީނާގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ އެންޒޯ ފެނާންޑޭޒެވެ.
މެޗަށްފަހު މެސީ ބުނީ އެ މެޗުގައި މެކްސިކޯ އިންވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދިއުމުން އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ފުރަތަމަ ހާފު އެންމެ ރަނގަޅަށް ނުދިޔަ ނަމަވެސް، ދެވަނަ ހާފުގައި ހަމަޖެހިގެން ކުޅެވުނު ކަމަށެވެ. އަދި މެޗުން ލިބުނު މޮޅާއެކު މުޅި ޓީމަށް އުފާވެރިކަން ގެނެވިފައިވާ ކަމަށް އޭނާ ބުންޏެވެ.
"ފުރަތަމަ މެޗުން އަހަރެމެންނަށް ގެއްލުންތަކެއް ދެއްކި. އެ މެޗުގައި އަހަރެމެން ބަލިވާން ދިމާވި ސަބަބުތަކެއް ހުރި. އަހަރެމެންނަށް އެނގޭ މެކްސިކޯ މެޗުން މޮޅުވުން މަޖުބޫރުކަން. ޓީމަށް އެނގުނު އަހަރެމެންނަށް އެކަން ހާސިލުކުރެވޭނެކަން ވެސް. މިއީ އަހަރެމެންނަށް އާ ވޯލްޑް ކަޕެއްގެ ފެށުން،" މެސީ ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ މެސީ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕެވެ. އާޖެންޓީނާ އިން ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ނުކުންނަން ޖެހޭނީ ރޮބާޓް ލެވަންޑޯސްކީގެ ޕޮލެންޑާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. ގަދަ 16ގެ ޖާގައެއް ކަށަވަރުކުރުމަށް ޕޮލެންޑަށް އާޖެންޓީނާ އަތުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
"އަހަރެމެންނަށް ދެން ދޫދެވޭކަށް ނޯންނާނެ. ދެން ނުކުންނަން ޖެހޭނީ ފައިނަލް މެޗުތަކެއް ކަމުގައި ދެކިގެން. ގޯހެއް ހެދޭކަށް ނޯންނާނެ،" ޕޮލެންޑާ ދެކޮޅަށް ނުކުންނަ މެޗާ ގުޅޭގޮތުން މެސީ ބުންޏެވެ.
"ގްރޫޕު ސީ" ގެ އެއްވަނައިގައި މިވަގުތު އޮތީ ޕޮލެންޑެވެ. އެ ޓީމަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ސައުދީ އަދި އާޖެންޓީނާއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އޮތް މެކްސިކޯއަށް ލިބިފައިވަނީ އެއް ޕޮއިންޓެކެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022